ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ލިއޮނެލް މެސީ ގައުމީ ޓީމަށް އަލްވަދާއު ކިޔަން ނިންމައިފި

ލިއޮނެލް މެސީ ގައުމީ ޓީމަށް އަލްވަދާއު ކިޔަން ނިންމައިފި

ފުޓްބޯޅައިގެ ލެޖެންޑް ލިއޮނެލް މެސީ އޭނާގެ އިންޓަނޭޝަނަލް ކެރިއަރަށް ނިމުން ގެނައުމާ މެދު ގޮތްތަކެއް ނިންމާފައިވާ ކަމަށް އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ އާޖެންޓީނާގެ ޖާޒީގައި މެސީ ފެންނާނެ އެންމެ ފަހު މުބާރާތް ކަމަށް ގިނަ ބަޔަކު ބެލި އިރު، އުމުރުން 39 އަހަރުގައި ވެސް އޭނާ ވަނީ އަޖައިބުކުރުވަނިވި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މުބާރާތުގައި 8 ގޯލާއި 4 އެސިސްޓް ހޯދައިގެން ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު މެސީ ހޯދިއެވެ. ނަމަވެސް ފައިނަލް މެޗުން ސްޕެއިން އަތުން އާޖެންޓީނާ ބަލިވުމުން، މެސީ ވަނީ އޭނާގެ މުސްތަގުބަލާ މެދު އެއްޗެއް ބުނަން އޭރު ދެކޮޅު ހަދާފައެވެ.

ގައުމީ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ މެސީއަށް ޓީމުގެ ދޮރު އަބަދުވެސް ހުޅުވިފައި އޮންނާނެ ކަމަށް ބުނެފައިވީ ނަމަވެސް، އާޖެންޓީނާގެ ނޫސްތަކުން މިހާރު ވަނީ އޭނާގެ ރޭވުންތައް ހާމަކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ކުރީގެ ބާސެލޯނާގެ ތަރި ބޭނުންވަނީ ކުރިއަށް އޮތް މަސްތަކުގައި ވެސް ގައުމީ ޓީމަށް ކުޅެދީ، ޓީމަށް އަންނަ ބަދަލުތައް އޮމާންކަމާއެކު ގެނައުމަށް މަގުފަހިކޮށްދިނުމަށެވެ. ނަމަވެސް އިތުރު ވޯލްޑް ކަޕެއްގައި ކުޅުމަކީ އޭނާގެ ޕްލޭނުގައި އޮތް ކަމެއް ނޫން ކަމަށާއި، ވަރަށް އަވަހަށް ރަސްމީކޮށް އިންޓަނޭޝަނަލް ކެރިއަރު ނިންމާލަން ތައްޔާރުވަމުންދާ ކަމަށް މީޑިއާތަކުން ބުނެއެވެ.

ބީއިން ސްޕޯޓްސްގެ ރިޕޯޓެއްގައިވާ ގޮތުން، އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ދަނީ މެސީއަށް ޚާއްސަ، ފެންވަރު ރަނގަޅު ވަކިވުމުގެ މެޗެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި މެޗުގެ މައިގަނޑު ބޭނުމަކީ ގައުމީ ފަހުރުވެރިޔާއަށް ގައުމީ ފެންވަރުގައި ޝާނާއެކު އަލްވަދާއު ކިޔުމުގެ ފުރުސަތު ދިނުމެވެ.

މެސީގެ އިންޓަނޭޝަނަލް ކެރިއަރަކީ ބޮޑެތި ގޮންޖެހުންތަކާއި ކާމިޔާބީތައް އެކުލެވިގެންވާ ކެރިއަރެކެވެ. ގިނަ ފައިނަލްތަކަކުން ބަލިވެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ދުވަސްވަރަކަށްފަހު، އޭނާގެ ލީޑަރޝިޕްގެ ދަށުން އާޖެންޓީނާއިން ވަނީ ތާރީޚީ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި 2021 އަދި 2024 ގެ ކޮޕާ އެމެރިކާ، 2022 ގެ ފިނަލިސީމާ އަދި 2022 ގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން މިއަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ދިއުން ހިމެނެއެވެ.

ގިނަ ބޮޑެތި ކުޅުންތެރިން ރިޓަޔަރ ކުރަނީ ސޯޝަލް މީޑިއާ ޕޯސްޓަކުން ނުވަތަ ކުރު ޕްރެސް ކޮންފަރެންސަކުން ކަމަށް ވީނަމަވެސް، މެސީ ގައުމީ ޓީމުން ވަކިވުން އޮންނާނީ އޭނާގެ ކެރިއަރެކޭ އެއްފަދައިން ދުވަހަކުވެސް ހަނދާންނެތޭނެ ފަދަ ޝާންޝޯކަތް ބޮޑު ރަސްމިއްޔާތެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.

 

ކުޅިވަރު

އިތުރަށް ←