ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ޕޯކާ ކުޅެން ދިއުމުން އަމާޒުވި ފާޑުކިއުންތަކަށް ނޭމާގެ ހޫނު ރައްދެއް

ޕޯކާ ކުޅެން ދިއުމުން އަމާޒުވި ފާޑުކިއުންތަކަށް ނޭމާގެ ހޫނު ރައްދެއް

ސަންތޯސް އިން ކޮޕަ ސުޑަމެރިކާނާގައި ވެނެޒުއެލާގެ ޔޫސީވީ ބަލިކުރި ދުވަހު ބްރެޒިލްގެ ސައޮ ޕައޮލޯގައި ޕޯކަރ ކުޅެން ދިއުމުން އަމާޒުވި ފާޑުކިޔުންތަކަށް، އުމުރުން 34 އަހަރުގެ ނޭމާ ރައްދުދީފިއެވެ. މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ހޯދުމަށް ކުޅުނު ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ސަންތޯސް އިން ވަނީ 4-1 އިން ޔޫސީވީ ބަލިކޮށްފައެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ނޭމާ ބުނީ އޭނާ ބްރެޒިލްގައި މަޑުކުރީ ކުލަބުން ހަމަޖައްސާފައިވާ ފިޓްނަސް ޕްރޮގްރާމެއްގެ ދަށުން ކަމަށެވެ. އަދި އޭނާ ހެނދުނު ފަރިތަކުރުންތަކުގައި ބައިވެރިވުމަށްފަހު މެޗަށް ނުގޮސް އަރާމުކުރީ ކަމަށާއި، ދެވަނަ ފަރިތަކުރުމަށް ތައްޔާރުވަމުންދިޔަ ކަމަށް ވެސް ނޭމާ ބުންޏެވެ. މީގެ އިތުރުން އޭނާއަށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެތޯ ނުވަތަ އެކަމަށްވެސް މީހުން ފާޑުކިޔާނެތޯ އަހައި އޭނާ ވަނީ ފާޑުކިޔާ ފަރާތްތަކަށް ހަރުކަށި އިބާރާތުން ރައްދުދީފައެވެ.

ސަންތޯސްގެ ކޯޗު ކޫކާ ވެސް ވަނީ ނޭމާ ބްރެޒިލްގައި މަޑުކުރުމަށް ނިންމި ނިންމުމަށް ތާއީދުކޮށްފައެވެ. ކޯޗު ބުނީ ދިގު ދަތުރެއް ކުރުމުގެ ބަދަލުގައި ނޭމާ ބްރެޒިލްގައި މަޑުކޮށް ފިޓްނަސް ރަނގަޅުކުރުން މުހިންމު ކަމަށާއި، އޭނާއަށް މެޗުތަކެއް ކުޅެވޭނީ އޭރުން ކަމަށެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އިން ނޯވޭ އަތުން ބަލިވެ ބްރެޒިލް ކަޓާފައިވާއިރު، އެ މުބާރާތަށްފަހު ބްރެޒިލްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ބްރެޒިލިއަން ޗެމްޕިއަންޝިޕްގައި އަންނަ ހޮނިހިރު ދުވަހު ޝަޕެކޮއެންސޭ އާ ދެކޮޅަށް ސަންތޯސް ކުޅޭ މެޗުގައި ނޭމާ އަލުން ކުޅުމަށް ނުކުންނާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކުޅިވަރު

އިތުރަށް ←