އަންހެން ފުޓްބޯޅަ ކުރިއަރުވަން އެފްއޭއެމުން ތާރީޚީ ސްޓްރެޓެޖިކް ޕްލޭނެއް ފާސްކުރަނީ
ދިވެހިރާއްޖޭގައި އަންހެން ފުޓްބޯޅަ އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި އެފްއޭއެމުން އެކުލަވާލި ޚާއްޞަ ސްޓްރެޓެޖިކް ޕްލޭން ފާސްކުރުމަށް އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ހިމަނައިފިއެވެ.
"އަންހެން ފުޓްބޯޅަ ތަރައްގީކުރުމުގެ ސްޓްރެޓީޖިކް ޕްލޭން 2026-2030" ގެ ނަމުގައި އެކުލަވާލާފައިވާ މި ރޯޑްމެޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުޅުންތެރިންނަށް ހަމަހަމަކަމާއެކު ކުޅިވަރުގެ މައިދާނުން ކުރިއަށްދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައްޔާރުކުރި ފުރިހަމަ އޮނިގަނޑެކެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ތަންފީޒުކުރުމަށް ހަމަޖެހިފައިވާ މި ޕްލޭންގެ އެންމެ މުހިންމު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވިފައިވާ އަންހެން ކުޅުންތެރިންގެ އަދަދު 1,500 އަށް އިތުރުކުރުމެވެ.
Ads by BMLކުޅުންތެރިން އިތުރުކުރުމުގެ އިތުރުން މުބާރާތްތަކުގެ އޮނިގަނޑު ހަރުދަނާކުރުމުގެ ގޮތުން އަންހެނުންގެ ނޭޝަނަލް ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން U16 އަދި U18 ނޭޝަނަލް ޗެމްޕިއަންޝިޕްތައް ގަވާއިދުން ބޭއްވުމަށް ވަނީ ރޭވިފައެވެ.
ފުޓްބޯޅައިގެ ފަންނީ ދާއިރާ ކުރިއެރުވުމަށްޓަކައި 2030 ގެ ނިޔަލަށް ސެޓިފިކެޓް ހާސިލުކޮށްފައިވާ 80 އަންހެން ކޯޗުންނާއި 40 އަންހެން ރެފްރީން ތަމްރީނުކުރުމަކީވެސް މި ޕްލޭންގެ މުހިންމު ބައެކެވެ.
ތަޢުލީމީ ދާއިރާގެ ތެރެއިން އަންހެން ކުދިން ފުޓްބޯޅައަށް އަހުލުވެރިކުރުމަށްޓަކައި ސްކޫލްތަކުގެ ޕީއީ ޕްރޮގްރާމްތަކުގައި ފުޓްބޯޅަ ހިމެނުމުގެ އިތުރުން، ކޮންމެ އަހަރަކުވެސް 15 އަތޮޅެއްގައި ގްރާސްރޫޓް ފެސްޓިވަލްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އަންހެން ކުޅުންތެރިން ތަމްރީނުކުރުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ ގޮތުން މާލެ/ހުޅުމާލެ، އަައްޑޫ، ކުޅުދުއްފުށި އަދި ޅަވިއަނި ހިމެނޭހެން ޚާއްޞަ 4 ޓްރެއިނިންގ ހަބް ގާއިމުކުރުމަށްވެސް މި ޕްލޭންގައި ހިމަނާފައިވެއެވެ.
މި ސްޓްރެޓެޖިކް ޕްލޭންގައިވާ އެފްއޭއެމްގެ ރައީސް އަޙްމަދު ތޯރިގްގެ ބަޔާނުގައި، އަންހެން ފުޓްބޯޅައަކީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލުގެ މުހިންމު ބައެއްކަން ފާހަގަކުރައްވައި، މި ޕްލޭންގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި ކުޅިވަރުގެ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.
ތޯރިގް އިނގިރޭސި ބަހުން ދެއްވި މެސެޖުގައި އިތުރަށް ވިދާޅުވީ، އެފްއޭއެމްގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ އަންހެން ކުއްޖަކަށްވެސް ފުޓްބޯޅައިގެ ތެރެއިން ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރެވޭނެ ފަދަ އެންމެން ބައިވެރިކުރާ މާހައުލެއް ބިނާކުރުން ކަމަށެވެ.
އަދި އެންމެން ގުޅިގެން މަސައްކަތްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންނަށް އައު ފުރުސަތުތައް ހޯދައިދީ، ދިވެހި ފުޓްބޯޅައަށް އިތުރަށް ވަރުގަދަ އަދި އެންމެން ބައިވެރިވާ އުޖާލާ މުސްތަގުބަލެއް ބިނާކުރެވޭނެކަމުގެ ޔަގީންކަންވެސް ރައީސް ތޯރިގް ވަނީ ދެއްވާފައެވެ.
Ads by MACL
