ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

އޭޝިއާގެ ގައުމުތަކުން ފީފާގެ ޕްލޭނާމެދު ގޮތެއް ނިންމުން އަވަސްނުކުރުމަށް ޝައިޚް ސަލްމާން އިލްތިމާސްކުރައްވައިފި

އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އާލް ހަލީފާ ---
އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އާލް ހަލީފާ ---

ފީފާގެ ބައެއް ވިޔަފާރި ޕްރޮޖެކްޓްތަކުން ޕްރައިވެޓް އިންވެސްޓަރުންނަށް ހިއްސާ ވިއްކުމަށް އެ އިދާރާއިން އެކުލަވާލާފައިވާ ޕްލޭނާމެދު އޭޝިއާގެ މެންބަރު ގައުމުތަކުން ވަކި ގޮތެއް ނިންމުމުގައި އަވަސްއަރައިނުގަތުމަށް އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)ގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އާލް ހަލީފާ އިލްތިމާސް ކުރައްވައިފިއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މި ޕްލޭނަށް ވޯޓު ދިނުމާމެދު ގޮތެއް ނިންމުމަށް މެންބަރު ގައުމުތަކަށް 53 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވާ ކޮންގްރެސްގައި 211 މެންބަރު ގައުމުގެ ވޯޓަށް ހުށަހެޅުމުގެ ކުރިން، 38 މެންބަރުންގެ މައްޗަށް އެކުލެވޭ ފީފާ ކައުންސިލުން އެ ހުށަހެޅުން ފާސްކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މި ހުށަހެޅުމާ ދެކޮޅަށް ޔޫރަޕްގެ 55 ގައުމުން އިއްތިފާގުވެ، ފީފާއިން އެ ޕްލޭން އަނބުރައި ނުގެންދާހާ ހިނދަކު ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ބޮއިކޮޓް ކުރުމަށް ޔޫއެފާގެ އޮންލައިން ކޮންގްރެސްގައި ވަނީ ނިންމާފައެވެ.

އޭއެފްސީގެ 44 މެންބަރު ގައުމަށް ފޮނުއްވި ސިޓީއެއްގައި ޝައިޚް ސަލްމާން ވިދާޅުވީ، އެފަދަ ބޮޑު ނިންމުމަކަށް ފީފާއިން ދީފައިވާ މުއްދަތު ކުރު ކަމަށެވެ. އަދި މި މައްސަލައިގައި ފީފާއާއެކު މަޝްވަރާތައް ކުރެވެމުންދާތީ، އެ މަޝްވަރާތަކުގެ ނަތީޖާއަށާއި މުރާޖާކުރުމުގެ މަރުހަލާތައް ނިމެންދެން ވަކި ގޮތެއް ނުނިންމަވައި އިންތިޒާރު ކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޝައިޚް ސަލްމާން އިތުރަށް ވިދާޅުވީ، ފުޓްބޯޅައިގެ މަސްލަހަތާއި ދެމެހެއްޓެނިވި ކުރިއެރުން އިތުބާރާއެކު ކަށަވަރުކުރުމަށްޓަކައި މެންބަރު އެސޯސިއޭޝަންތަކާއި ފީފާއާއެކު ބިނާކުރަނިވި ގޮތެއްގައި މަސައްކަތްކުރުމުގައި އޭއެފްސީ ދެމިއޮންނާނެ ކަމަށެވެ.

މި މައްސަލައިގައި އޭއެފްސީން ނެރުނު ބަޔާނެއްގައި، ފީފާގެ މި ޕްލޭން އިއުލާންކުރުމުގެ ކުރިން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށާއި، މާލީ އަދި ގާނޫނީ ތަފްސީލުތައްވެސް ހިއްސާކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ޚަބަރުތައް ބުނާގޮތުން ފީފާ އެންޓަޕްރައިޒަސްގެ ހިއްސާ ގަންނަން މަސައްކަތް ކުރަނީ އެމެރިކާގެ "ތުރައިވް ކެޕިޓަލް" އާއި "ޖޭޕީ މޯގަން ޗޭސް" ބޭންކުންނެވެ. އެހެންނަމަވެސް ފީފާގެ ރައީސް އިންފަންޓީނޯ މި އިނީޝިއޭޓިވް ސިފަކުރައްވާފައިވަނީ ދުނިޔޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ.

ކުޅިވަރު

އިތުރަށް ←