ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ފީފާގެ އިންވެސްޓްމަންޓް ޕްލޭނަކީ، އެއްވެސް މީހަކު ފުޓްބޯޅަ ވިއްކުމެއް ނޫން: ފީފާ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ----
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ----

ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ރާވާފައިވާ ޕްލޭނަކީ އެއްވެސް މީހަކު ފުޓްބޯޅަ ވިއްކާލުން ނޫން ކަމަށާއި، އިދިކޮޅުހެދުންތަކާއެކުވެސް އެ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅަ ބަލަހައްޓާ މައި އިދާރާ ފީފާއިން ބުނެފިއެވެ. ފީފާއިން މިހެން ބުނެފައިވަނީ އެ އިދާރާގެ ހުށަހެޅުމާ މެދު އުފެދިފައިވާ ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާގެ 55 މެންބަރު ގައުމުން ވަނީ ފީފާގެ މި ހުށަހެޅުން ފާސްކޮށްފިނަމަ ވޯލްޑް ކަޕް ބޮއިކޮޓްކުރުމަށް ވޯޓުދީފައެވެ. އޭގެ އިތުރުން އުތުރު އަދި މެދުއަމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންކާކޭފްގެ 41 މެންބަރު އެސޯސިއޭޝަނުންވެސް ވަނީ މި ޕްލޭން ބަލައިނުގަންނަކަން ހާމަކޮށްފައެވެ.

މި ކަމާ ގުޅިގެން ފީފާއިން ބުނީ ރާވާފައިވާ މަޝްވަރާގެ މަރުހަލާއަށް ބުރޫއެރީ މީޑިއާތަކުގައި ފެތުރުނު ނުބައި މައުލޫމާތުތަކުގެ ސަބަބުން ކަމަށެވެ. އަދި ކޮންމެ މެންބަރު އެސޯސިއޭޝަނަކަށްވެސް ހަގީގަތުގެ މައްޗަށް ބިނާކޮށް ވޯޓު ދިނުމުގެ ފުރުސަތު ކަށަވަރުކުރުމަށްޓަކައި މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށްވެސް ފީފާއިން ވަނީ ބުނެފައެވެ.

ފީފާއިން ރާވަމުންދަނީ އެ އިދާރާގެ މައިގަނޑު މުބާރާތްތަކާއި ވޯލްޑް ކަޕް ހިންގުމަށްޓަކައި ވިޔަފާރި ކުންފުންޏެއް އުފެއްދުމަށެވެ. އަދި 'ފީފާ ފޯވާޑް އެންޓަޕްރައިޒް' ގެ ނަމުގައި އުފެއްދުމަށް ހުށަހަޅާފައިވާ މި ކުންފުނީގެ ކުޑަ ހިއްސާއެއް އަމިއްލަ ތިންވަނަ ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ދިނުމަށް ވަނީ ރާވާފައެވެ.

މި ޕްލޭން ފާސްކުރުމަށްޓަކައި ފީފާގެ 211 މެންބަރުންގެ ވޯޓު ބޭނުންވާއިރު، ފާސްކުރުމަށް މަދުވެން 106 ވޯޓު ބޭނުންވެއެވެ. ނަމަވެސް މި ޕްލޭނާ ދެކޮޅަށް ތިބި ޔޫއެފާ އާއި ކޮންކާކޭފް އެކުވުމުން 96 އެސޯސިއޭޝަން ހިމެނޭއިރު، މިއީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

އާންމުންގެ ކަންބޮޑުވުންތަކަށް އިހުތިރާމްކުރާ ކަމަށާއި، މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ކޮންމެ މެންބަރު އެސޯސިއޭޝަނަކަށްވެސް ފުޓްބޯޅައިގެ ވިޔަފާރީގެ ފުރުސަތުތަކުގެ ފައިދާ ހޯދައިދިނުން ކަމަށް ފީފާއިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ފުޓްބޯޅައިގެ ރޫހަށް ނުވަތަ ހިންގުމުގެ ނިޒާމަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށްވެސް ފީފާއިން ވަނީ ހާމަކޮށްފައެވެ.

ކުޅިވަރު

އިތުރަށް ←