ހިއްސާ ވިއްކުމުގެ ޕްލޭނަށް ތާއީދުކުރާ ގައުމުތަކަށް 40 މިލިއަން ޑޮލަރުގެ ރިޝްވަތެއް ދިނުމަށް އިންފަންޓީނޯ ނިންމައިފި
ފީފާ އިން ބާއްވާ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅުއްވާފައިވާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ހުށަހެޅުމަށް ތާއީދުކުރާ ފީފާގެ މެންބަރު ޤައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 30 މިލިއަން ޕައުންޑުގެ ފައިސާގެ އިނާޔަތެއްގެ ނަމުގައި ރިޝްވަތު ދިނުމަށް ނިންމައި އެކަން މެންބަރުންނަށް އަންގައިފިއެވެ.
ފީފާގެ 211 މެންބަރު އެސޯސިއޭޝަނަށް އިންފަންޓީނޯ ފޮނުއްވާފައިވާ ސިޓީގައި ބަޔާން ކުރައްވާފައި ވަނީ، މި މަޝްރޫއުގެ ދަށުން ދޭން ނިންމާފައިވާ ފައިސާގެ ތެރެއިން ފުރަތަމަ ލިބޭ 20 މިލިއަން ޑޮލަރު ބޭނުންވާ ނަމަ، އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ ޤައުމަކުން މި ހުށަހެޅުމަށް ތާއީދު ކުރަން ޖެހޭނެ ކަމަށެވެ. އެ ހުށަހެޅުމަށް އެއްބަސްވާ ޤައުމުތަކަށް، 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ފައިސާ ލިބެން ފަށާނެ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. މިއީ އެ ހުށަހެޅުން ފާސްކުރުމުގެ މުގާބިލުގައި މެންބަރުންގެ ވޯޓު ހޯދުމަށް ދޭ ފައިސާއެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.
ފީފާ އިން ރާވާފައި ވަނީ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ހިންގުމަށް "ފީފާ ފޯވާޑް އެންޓަޕްރައިޒް" ގެ ނަމުގައި ވަކި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި، އެ ކުންފުނީގެ ހިއްސާ ބޭރުގެ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށެވެ. މި މަޝްރޫއުގެ ދަށުން ފީފާ އިން 20 އާއި 30 އިންސައްތައާ ދެމެދުގެ ހިއްސާ ވިއްކައިގެން ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަށް އަމާޒު ހިފާފައިވާއިރު، މިއީ ފުޓުބޯޅައިގެ ބިންގާ ގުޑުވާލި އަދި މުޅި ކުޅިވަރު ވިޔަފާރިއަކަށް ހަދާލާ ނިންމުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
Ads by BMLމި ހުށަހެޅުމާ ގުޅިގެން ޔޫރަޕުގެ ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވަނީ ފީފާ އަށް ވަރަށް ބޮޑަށް ފާޑުކިޔައި، މިއީ "ރިޝްވަތެއްގެ" ގޮތުގައި ތުހުމަތުކޮށްފަ އެވެ. ޔުއެފާ އިން ބުނެފައި ވަނީ ފީފާ އިން މަސައްކަތް ކުރަނީ ފުޓުބޯޅަ ބޭނުންކޮށްގެން އެމީހުންނާއި އެމީހުންގެ ގާތް ބޭފުޅުން މުއްސަނދިވާން ކަމަށެވެ. އަދި ވަކި މުއްދަތެއްގެ ކުރިން މިކަމަށް ތާއީދު ނުކޮށްފި ނަމަ، ލިބޭ ފައިސާގެ މިންވަރު މަދުވާނެ ކަމަށް ބުނެ ބިރުދެއްކުމަކީ މި މަޝްރޫއުގެ ނުބައި ނިޔަތް ހާމަވާ ކަމެއް ކަމަށް ވެސް ޔުއެފާ އިން ބުނެފައިވެއެވެ.
މީޑިއާތަކަށް ތިލަވެފައިވާ ފަސް ސަފުހާގެ ސިޓީގައި އިންފަންޓީނޯ ވަނީ މި މަޝްރޫއުގެ ސަބަބުން ލިބޭނެ މާލީ ފައިދާތައް ވަރަށް ތަފްސީލުކޮށްދެއްވާފަ އެވެ. ނަމަވެސް، މިފަދަ ބޮޑު މަޝްރޫއެއް އިއުލާން ކުރިއިރު ފީފާގެ ބައެއް އިސް ވެރިންނަށް ވެސް މިކަމުގެ މައުލޫމާތު ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. މިކަމާ ގުޅިގެން ޔޫރަޕުގެ އިތުރުން، އޭޝިއާ އަދި އުތުރު އެމެރިކާގެ ގައުމުތަކުން ވެސް ދަނީ ނުރުހުން ފާޅުކޮށް، ފުޓުބޯޅައިގެ މުސްތަގުބަލާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އިންފަންޓީނޯ ވިދާޅުވީ، މިއީ އެއްވެސް ޤައުމަކަށް މަޖުބޫރު ކަމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ހުށަހެޅުމެއް ކަމަށެވެ. އަދި މިއީ ޑިމޮކްރެޓިކް އުސޫލުން މެންބަރުންގެ މެދުގައި މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާނެ ކަމެއް ކަމަށާއި، މިއީ ދުނިޔޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޔުއެފާ އިން ބުނާ ގޮތުގައި ފުޓުބޯޅައިގެ ކުރިމަގު ބިނާ ކުރަންވާނީ އެސޯސިއޭޝަންތަކާއި، ކުލަބުތަކާއި، ލީގުތަކާއި، ކުޅުންތެރިން އަދި ސަޕޯޓަރުންގެ މަސްލަހަތަށް އިސްކަންދީގެން ދެފުށް ފެންނަ ގޮތެއްގަ އެވެ. ފީފާގެ މި ހުށަހެޅުމާ ދެކޮޅަށް ފުޓުބޯޅައިގެ ގިނަ ފަރާތްތަކުން މިހާރު ވެސް ދަނީ ޖަމާއީ ސިފައެއްގައި އަޑުއުފުލަމުންނެވެ.
Ads by MACL
