ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ޔުއެފާގެ ބޮއިކޮޓް އިންޒާރާއި އިސްތިއުފާތަކާއެކު ވޯލްޑް ކަޕް ވިއްކާލަން އިންފަންޓީނޯ ގެންގުޅުއްވި ރޭވުން ދޫކޮށްލައްވައިފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ---
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ---

ބައްރުތަކުގެ ފުޓްބޯޅަ އިދާރާތަކުގެ ނުރުހުމާއި، އިސް އެޑްވައިޒަރު ކާލޯސް ކޯޑޭރޯ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ވޯލްޑް ކަޕާއި ކްލަބް ވޯލްޑް ކަޕް ފަދަ މުބާރާތްތަކަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެކުލަވާލެއްވި ޚާއްޞަ ޕްލޭން ކުރިއަށް ނުގެންގޮސް ހުއްޓާލައްވައިފިއެވެ.

މި ޕްލޭނުގެ ދަށުން ފީފާއިން އަމާޒުހިފީ "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި އަލަށް އުފައްދާ ކުންފުނީގެ އަގު 20 ބިލިއަން ޑޮލަރަށް އަންދާޒާކޮށް، އޭގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކައިގެން 4.2 ބިލިއަން ޑޮލަރާ މިންވަރަށް ފަންޑު ހޯދުމަށެވެ. އަދި މި ޕްލޭން ކާމިޔާބުވި ނަމަ، ފީފާގެ މެމްބަރު 211 އެސޯސިއޭޝަނުން ކޮންމެ އެސޯސިއޭޝަނަކަށް 2027 ވަނަ އަހަރުގެ ކުރީކޮޅު އެއްފަހަރާ 20 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ދިނުމުގެ އިތުރުން، އަހަރީ ބަޖެޓު 20 މިލިއަން ޑޮލަރަށް ބޮޑުކުރުމަށް އޮތީ ރޭވިފައެވެ.

ނަމަވެސް މި ހުށަހެޅުން އާންމުކުރުމާއެކު ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ވަނީ ވޯލްޑް ކަޕް ފަދަ ތާރީޚީ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމާ ދެކޮޅުހަދައި، މިކަން ކޮށްފިނަމަ ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ އިތުރުން އޭޝިއާ (އޭއެފްސީ) އާއި އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާތަކުންވެސް ވަނީ މި ނިންމުމާމެދު އިތުރަށް ވިސްނުމަށް އެދިފައެވެ.

މި މައްސަލައިގައި އިންފަންޓީނޯއަށް ކުރިމަތިވި ޕްރެޝަރު އިތުރަށް ބޮޑުވެގެންދިޔައީ އޭނާގެ ސީނިއާ އެޑްވައިޒަރު ކޯޑޭރޯ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ކޯޑޭރޯ ވިދާޅުވި ގޮތުގައި މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ ހިޔާލަކީ ފީފާގެ މެމްބަރު އެސޯސިއޭޝަންތަކަށާއި މުޅި ކުޅިވަރުގެ ކުރިމަގަށްވެސް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.

މީގެ އިތުރުން، މި ޕްލޭނުގެ މައިގަނޑު ހިއްސާ ގަންނަން އުޅުނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ދަނބިދަރިފުޅު ޖަރުޑް ކުޝްނޫގެ ބޭބެގެ ކުންފުނިން ކަމަށް ރިޕޯޓްތައް ބުނާއިރު، އިންފަންޓީނޯ އާއި ޓްރަމްޕާ ދެމެދު އޮތް ގުޅުމާމެދުވެސް ވަނީ ސުވާލުތައް އުފެދިފައެވެ.

އިންފަންޓީނޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހުރިހާ ފަރާތްތަކެއްގެ ހިޔާލުތަކަށް ވިސްނުމުން މި ރޭވުމުގެ ސަބަބުން ބައިބައިވުން އުފެދޭކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން މެމްބަރުންގެ ބޮޑު ތާއީދެއް ނެތި މި ހުށަހެޅުމައިގެން ފީފާއިން ކުރިއަށް ނުދާނެ ކަމަށާއި، ފީފާގެ އަސާސީ މަގްސަދަކީ އަބަދުވެސް ކުޅިވަރުގެ އެކުވެރިކަން ދެމެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅިވަރު

އިތުރަށް ←