ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ: ޔޫއެފާ
ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ރޭވި އުސޫލު އުވާލި ނަމަވެސް، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އިން ބުނެފިއެވެ.
އިންފަންޓީނޯ ވަނީ މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދަން ނިންމާފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނީ މިއީ މުޅި ފުޓްބޯޅައަށް ލިބުނު ކާމިޔާބީއެއް ކަމަށާއި، އިންފަންޓީނޯ ވަނީ 2016 ވަނަ އަހަރު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުތަކާ ޚިލާފުވެފައި ކަމަށެވެ.
މި ރޭވުންތަކާ ދެކޮޅަށް ޔޫއެފާއިން ވަނީ އެ ޕްލޭން ކުރިއަށްދާނަމަ ވޯލްޑް ކަޕް ބޯއިކޮޓް ކުރާނެ ކަމަށް ބުނެ ވޯޓުދީފައެވެ. އޭގެ އިތުރުން އުތުރު އެމެރިކާގެ ކޮންކާކޭފް އަދި އޭޝިއާގެ އޭއެފްސީން ވެސް ވަނީ މި ނިންމުމާ ދެކޮޅަށް އަޑުއުފުލާފައެވެ.
އިންފަންޓީނޯ ރޭއްވި ޕްލޭންގެ ދަށުން ފީފާގެ މުބާރާތްތައް ހިންގުމަށް ވަކި ކުންފުންޏެއް އުފައްދައި، އޭގެ މަދު ހިއްސާއެއް އެމެރިކާގެ ވެންޗާ ކެޕިޓަލް ފާމަކަށް ވިއްކާލުމަށް އޮތީ ހުށަހަޅާފައެވެ. މިއީ ފީފާގެ މެމްބަރު ގައުމުތަކަށް ލިބޭ ފައިސާ އިތުރުކުރުމުގެ ނަމުގައި ކުރިއަށްގެންދަން އުޅުނު ކަމެކެވެ.
މި މައްސަލަ ބޮޑުވެގެން ދިޔުމާއެކު އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޯޑެއިރޯ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. އަދި ފީފާގެ ސީއޯއޯ ކެވިން ލާމޫރް ވަނީ އެ އިދާރާގެ އިސްވެރިންނަށް މި ކަމުގައި އޮޅުވާލުންތަކެއް ކުރިމަތިވި ކަމަށް ބުނެފައެވެ.
ކުރިއަށް އޮތް މާޗް މަހު ބާއްވާ ފީފާ ކޮންގްރެސްގައި ހަތަރުވަނަ ދައުރަކަށް ކުރިމަތިލާން ތައްޔާރުވަމުންދާ އިންފަންޓީނޯއަށް މި މައްސަލައިގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ޔޫއެފާއިން ބުނެފައިވަނީ ފީފާގެ އިދާރާއާމެދު އަލުން އިތުބާރު އުފެއްދުމުގެ މަސައްކަތް އެއީ އަދި ކިރިޔާ ފެށުނު ކަމެއް ކަމަށެވެ.
Ads by MACL
