ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ އަދި ޕާކިސްތާން އެއް ގްރޫޕަކަށް

އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި، ދެކުނު އޭޝިއާގެ ގަދަބާރު އިންޑިއާ އާއި ޕާކިސްތާނާ ދެކޮޅަށް ދިވެހިރާއްޖެ ވާދަކުރަން ޖެހިއްޖެއެވެ.

ބޫޓާންގެ ތިމްޕޫގައި މިއަދު ކުރިއަށްދިޔަ ގުރުއަތުލުމުގައި، މިވަގުތު ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން ނޭޕާލް ބައިވެރިކޮށްފައެއް ނުވެއެވެ. ނަމަވެސް މުބާރާތް ފެށުމުގެ ކުރިން އެ ގައުމުގެ ސަސްޕެންޝަން އުވާލައިފިނަމަ، ސާފް އިން ވަނީ ނޭޕާލަށް މުބާރާތުން ފުރުސަތު ދިނުމަށް ނިންމާފައެވެ.

މުބާރާތް ހޯސްޓްކުރާ ބަންގްލަދޭޝްގެ އިތުރުން ސްރީ ލަންކާ އަދި ބޫޓާން ހިމެނެނީ ގްރޫޕް އޭގައެވެ. ނޭޕާލުގެ ސަސްޕެންޝަން އުވާލައިފިނަމަ އެ ޓީމަށް ޖާގަ ލިބިގެންދާނީވެސް ގްރޫޕް އޭ އިންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ބީގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ޕާކިސްތާން ހިމެނޭއިރު، ރާއްޖޭން އެންމެ ފަހުން އިންޑިއާއާ އެއް ގްރޫޕެއްގައި ވާދަކުރީ 2018 ވަނަ އަހަރުގެ ސާފް މުބާރާތުގައެވެ. އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައި ކުޅެފައިވަނީ 2011 ވަނަ އަހަރުއެވެ.

ނޮވެމްބަރު 4 އިން 17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް އިންޑިއާ އާއި ޕާކިސްތާނުން ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު އޮންނަ ފީފާ އާސިއާން ކަޕްގައި ވާދަކުރާނެއެވެ. މީގެއިތުރުން އޮކްޓޫބަރު މަހު ކަލްކަތާގައި ބްރެޒިލާ ދެކޮޅަށް މެޗެއް ކުޅުމަށްވެސް އިންޑިއާއިން ވަނީ ރާވާފައެވެ.

މިދިޔަ ޖޫން މަހު މާލޭގައި ބޭއްވި ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅުނު ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީވެސް ޕާކިސްތާނުންނެވެ.

އެންމެ ފަހުން 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މިއީ ސާފް މުބާރާތުގެ ތާރީހުގައިވެސް ރާއްޖެއަށް ގްރޫޕް ސްޓޭޖުން މުބާރާތް ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ބަންގްލަދޭޝްގައި މި މުބާރާތް ބާއްވާއިރު، އެ ގައުމުން ވަނީ މީގެ ކުރިން 2003، 2009 އަދި 2018 ވަނަ އަހަރުވެސް ސާފް މުބާރާތް ހޯސްޓްކޮށްފައެވެ.

އޭގެ ތެރެއިން 2003 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވިިއިރު، 2009 ގެ ފައިނަލުގައި ރާއްޖެ ބަލިވީ އިންޑިއާ އަތުންނެވެ. ނަމަވެސް 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންކަން ހޯދާފައެވެ.

ކުޅިވަރު

އިތުރަށް ←