ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

އެފްއޭއެމް އަތޮޅު ފުޓްސަލް މުބާރާތުގެ ކުޅުން ބުރާސްފަތި ދުވަހު އޭދަފުށީގައި ފަށަނީ

އެފްއޭއެމް އަތޮޅު ފުޓްސަލް މުބާރާތުގެ ކުޅުން ބުރާސްފަތި ދުވަހު އޭދަފުށީގައި ފަށަނީ

އެފްއޭއެމްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އަތޮޅު ފުޓްސަލް މުބާރާތުގެ ކުޅުން އަންނަ ބުރާސްފަތި ދުވަހު ބ. އޭދަފުށީގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެކުލަވާލާފައިވާ އައު އޮނިގަނޑުގެ ދަށުން ބާއްވާ މި މުބާރާތުގެ ގުރުއަތުލުން ރޭ ޓީވީއެމް ސްޓޫޑިއޯގައި ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުތައް ކުރިއަށްދާނީ ބ. އަތޮޅުގައެވެ.

މި މުބާރާތުގެ އަތޮޅު ބުރުގައި ޖުމްލަ 59 ޓީމު ބައިވެރިވެފައިވާއިރު، މެޗުތައް ކުރިއަށްދާނީ 16 އަތޮޅެއްގައެވެ. ނަމަވެސް ފަސް އަތޮޅަކުން އެންމެ ޓީމެއް ބައިވެރިވެފައިވާތީ، މާފަންނު، ސ. ހިތަދޫ، ޏ. ފުވައްމުލައް، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫ ވަނީ އަތޮޅު ޗެމްޕިއަނުންގެ ގޮތުގައި ސީދާ ޒޯން ބުރަށް ކޮލިފައިވެފައެވެ.

އަންނަ ބުރާސްފަތި ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް އޭދަފުށީގައި ކުރިއަށްދާ ބ. އަތޮޅު ބުރުގައި ހަ ރަށަކުން ވާދަކުރެއެވެ. އެއީ އޭދަފުށި، ގޮއިދޫ، މާޅޮސް، ތުޅާދޫ، ފެހެންދޫ އަދި ދޮންފަނެވެ.

މި އޯގަސްޓު މަހުގެ 10 ވަނަ ދުވަހު ހއ. އަތޮޅު މުބާރާތުގެ މެޗު އިހަވަންދޫގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އެ އަތޮޅުން ވާދަކުރަނީ އިހަވަންދޫ އާއި ފިއްލަދޫއެވެ. އަދި ހދ. އަތޮޅުގެ މެޗުތައް މި މަހުގެ 13 އިން 23 އަށް ނޮޅިވަރަންފަރުގައި ކުރިއަށްދާއިރު، އެ އަތޮޅުން ވާދަކުރަނީ ނޮޅިވަރަންފަރު، ހަނިމާދޫ، ކުމުންދޫ، ނޭކުރެންދޫ، ކުރިނބި އަދި ނައިވާދޫއެވެ.

ނ. އަތޮޅުގެ މެޗުތައް މަނަދޫގައި މި މަހުގެ 14 އިން 21 އަށް ކުރިއަށްދާއިރު، މަނަދޫ، ޅޮހި، މަގޫދޫ އަދި މާފަރު ވާދަކުރާނެއެވެ. އަދި ރ. އަތޮޅުގެ އިނގުރައިދޫ އާއި ދުވާފަރުގެ މެޗު މި މަހުގެ 19 ގައި އިނގުރައިދޫގައި ކުޅޭއިރު، ޅ. އަތޮޅުގެ ހިންނަވަރާއި ނައިފަރުގެ މެޗު މި މަހުގެ 21 ގައި ކުޅޭނީ ހިންނަވަރުގައެވެ.

ކ. އަތޮޅުގެ މެޗުތައް މި މަހުގެ 23 އިން 29 އަށް ހިންމަފުށީގައި ކުރިއަށްދާއިރު ވާދަކުރަނީ ހިންމަފުށި، ގުރައިދޫ، މާފުށި އަދި ގާފަރެވެ. އއ. އަތޮޅުގެ މަތިވެރި އާއި ބޮޑުފޮޅުދޫ މެޗު މި މަހުގެ 25 ގައި މަތިވެރީގައި ކުޅޭއިރު، އދ. އަތޮޅުގެ ދަނގެއްޗާއި މަންދޫގެ މެޗު މި މަހުގެ 26 ގައި ކުޅޭނީ ދަނގެތީގައެވެ.

މ. އަތޮޅުގެ މެޗުތައް މި މަހުގެ 27 އިން ސެޕްޓެމްބަރު 7 އަށް މުލީގައި ކުރިއަށްދާއިރު ވާދަކުރަނީ މުލި، ކޮޅުފުށި، ދިއްގަރު، ވޭވަށް އަދި މުލަކެވެ. ފ. އަތޮޅުގެ މެޗުތައް މި މަހުގެ 21 އިން އަންނަ މަހުގެ 1 އަށް ނިލަންދޫގައި ކުރިއަށްދާއިރު، ނިލަންދޫ، ބިލެތްދޫ، ދަރަނބޫދޫ، ފީއަލި އަދި މަގޫދޫ ވާދަކުރާނެއެވެ.

ދ. އަތޮޅުގެ ކުޑަހުވަދޫ އާއި މާއެނބޫދޫގެ މެޗު މި މަހުގެ 27 ގައި ކުޑަހުވަދޫގައި ކުޅޭއިރު، ތ. އަތޮޅުގެ މެޗުތައް އަންނަ މަހުގެ 2 އިން 9 އަށް ތިމަރަފުށީގައި ކުރިއަށްދާނީ ތިމަރަފުށި، ވޭމަންޑޫ އަދި ކިނބިދޫގެ މެދުގައެވެ.

ލ. އަތޮޅުގެ މެޗުތައް އަންނަ މަހުގެ 3 އިން 10 އަށް ގަމުގައި ކުރިއަށްދާއިރު، ގަން، ފޮނަދޫ އަދި އިސްދޫ ވާދަކުރާނެއެވެ. ގއ. އަތޮޅުގެ މެޗުތައް އަންނަ މަހުގެ 7 އިން 14 އަށް ދެއްވަދޫގައި ކުރިއަށްދާއިރު ވާދަކުރަނީ ދެއްވަދޫ، ވިލިނގިލި، ކޮނޑޭ އަދި ގެމަނަފުއްޓެވެ. އަދި ގދ. އަތޮޅުގެ ފަރެސްމާތޮޑާ އާއި ވާދޫގެ މެޗު އަންނަ މަހުގެ 10 ގައި ކުޅުމަށް ހަމަޖެހިފައިވަނީ ފަރެސްމާތޮޑާގައެވެ.

މި މުބާރާތުގެ އަތޮޅު ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އަދި ޒޯން ބުރުގެ އެންމެ މޮޅު ދެ ޓީމު ރީޖަނަލް ޗެމްޕިއަންޝިޕަށް ދާއިރު، ރީޖަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުތައް ކޮލިފައިވާނީ ނެޝަނަލް ޗެމްޕިއަންޝިޕަށެވެ.

ނެޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ހަތަރު ޓީމަށް 2027 ވަނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގުން ޖާގަ ލިބިގެންދާނެ ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.

ކުޅިވަރު

އިތުރަށް ←