ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ކުޑައިރު އެހެން އާއިލާއަކަށް ދިން އަންހެނަކު 23 އަހަރު ފަހުން އޭނާގެ އަސްލު މައިންބަފައިންނާ ބައްދަލުވެއްޖެ

ކުޑައިރު އެހެން އާއިލާއަކަށް ދިން އަންހެނަކު 23 އަހަރު ފަހުން އޭނާގެ އަސްލު މައިންބަފައިންނާ ބައްދަލުވެއްޖެ

ޗައިނާގެ އަންހެނަކު އުފަންވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެހެން އާއިލާއަކަށް ދޫކޮށްލުމަށްފަހު، 23 އަހަރު ފަހުން އޭނާގެ އަސްލު މައިންބަފައިންނާ އަލުން ބައްދަލުވެ، ބޮޑު އުފަލެއް ލިބިއްޖެއެވެ.

ލީސާ (ޗައިނާ ނަމުންނަމަ ގާއޯ ޖިއަންކުއާން) އުފަންވެފައިވަނީ 2003 ވަނަ އަހަރު ޗައިނާގެ އަންހުއީ ޕްރޮވިންސްގެ ހުއައިޔުއާން ކައުންޓީއަށެވެ. އޭނާ އުފަންވުމާއެކު، މާލީ ދަތިކަމާ ހުރެ އާއިލާއަށް ބެލެހެއްޓެން ނެތުމުން، މައިންބަފައިން ވަނީ އޭނާ ފެންވަރުވަދިނުމުގައި އެހީތެރިވި އެންމެ ގާތް އެކަކާ ހަވާލުކޮށްފައެވެ. ނަމަވެސް، އޭގެ ހަތަރު ދުވަސް ފަހުން އެ ކުއްޖާ ވަނީ އެހެން ރަށެއްގެ ކުޅިވަރު ދަނޑެއްގެ ކައިރިއަށް ދޫކޮށްލާފައެވެ.

އެ ދުވަސްވަރު ކުއްޖާ ފެނުނު ކަމާބޭހޭ ފަރާތްތަކުން ވަނީ އޭނާ ކުޑަކުދިންގެ ރައްކާތެރިކަމާ ބެހޭ މަރުކަޒަކަށް ބަދަލުކޮށްފައެވެ. އަދި އޭނާގެ އުމުރުން އެންމެ އަހަރެއްގައި ސުވިޑަންގެ ދެމަފިރިއަކު ވަނީ ގާނޫނީގޮތުން އޭނާ އެޑޮޕްޓްކޮށް، ސުވިޑަންއަށް ގެންގޮސްފައެވެ.

ސުވިޑަންގައި ބޮޑުވި ލީސާއަށް އޭނާގެ އެޑޮޕްޓިވް މައިންބަފައިން ވަނީ އޭނާގެ އަސްލު ހަގީގަތް އަބަދުވެސް ކިޔައިދީފައެވެ. އަދި އޭނާގެ އަސްލު އާއިލާ ހޯދުމަށް ކުރި މަސައްކަތުގައި އެ މައިންބަފައިން ވަނީ ފުރިހަމަ އެއްބާރުލުން ދީފައެވެ.

އާއިލާ ހޯދުމުގެ ގޮތުން 2026 ވަނަ އަހަރުގެ މާޗް މަހު ލީސާ ވަނީ ޗައިނާގެ ނޮން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ "ބޭބީ ކަމް ހޯމް" ގައި ރެޖިސްޓްރީވެފައެވެ. އަދި އޭގެ ދެ މަސްދުވަސް ފަހުން ހެދި ޑީއެންއޭ ޓެސްޓަކުން އޭނާގެ އަސްލު އާއިލާ ވަނީ ކާމިޔާބުކަމާއެކު ހޯދިފައެވެ.

އާއިލާ ފެނުމާއެކު ލީސާ ވަނީ އޭނާގެ ސުވިޑަން މައިންބަފައިންނާއެކު ޗައިނާގެ އަންހުއީއަށް ދަތުރުކޮށްފައެވެ. އަދި އަސަރުގަދަ ބައްދަލުވުމެއްގައި އޭނާގެ އަސްލު މަންމަ ވަނީ ސަންގު ފަށަކާއި ސަގާފީ ހެދުމެއް ލީސާއަށް ހަދިޔާކޮށްފައެވެ.

މި ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ލީސާ ވަނީ ދުވަސްކޮޅެއް ވަންދެން ޗައިނީޒް ބަސް ދަސްކޮށްފައެވެ. އަދި މަންމައިގާ ބައްދާލުމަށްފަހު، މަންމައަށް ސާމާލަމާއި ލޯބިވާކަން ހާމަކޮށް، އަލުން ބައްދަލުވުމުން ވަރަށް އުފާވާކަމަށް ރޮމުން ބުނެފައިވެއެވެ.

މި އުފާވެރި ބައްދަލުވުމާ ގުޅޭގޮތުން ލީސާ ބުނީ، އޭނާގެ މާޒީއާމެދު މިހާރު ހިތްހަމަޖެހުން ލިބިއްޖެ ކަމަށާއި، އަދި އޭނާގެ އަސްލު ވަނީ ހޯދިފައި ކަމަށެވެ. މިއީ ސޯޝަލް މީޑިއާގައިވެސް ގިނަ ބައެއްގެ ސަމާލުކަން ލިބި، ގިނަބަޔަކު އަސަރުކުރުވި ޚަބަރަކަށް ވަނީ ވެފައެވެ.

ލައިފްސްޓައިލް

އިތުރަށް ←