ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

10 އަހަރުގެ ކުއްޖެއްގެ ތަފާތު ދިރާސާ: ކެޓަޕިލާ މަރުހަލާގެ ހަނދާން، ކޮކާލަކަށް ބަދަލުވުމުންވެސް ނުކެނޑޭކަން ހޯދައިފި

ކޯބޭގެ އިބުކީ އީސްޓް އެލިމެންޓަރީ ސްކޫލުގައި ކިޔަވަމުންދާ ޖޯ ނަގައި ----
ކޯބޭގެ އިބުކީ އީސްޓް އެލިމެންޓަރީ ސްކޫލުގައި ކިޔަވަމުންދާ ޖޯ ނަގައި ----

ޖަޕާނުގެ ކޯބޭއަށް ނިސްބަތްވާ 10 އަހަރުގެ ކުޑަކުއްޖަކު ކޮކާލުގެ ހަނދާން ބެހެއްޓުމުގެ ގާބިލުކަމާ މެދު ކުރި ދިރާސާއަކުން ސައިންސްވެރިންގެ ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ.

ކޯބޭގެ އިބުކީ އީސްޓް އެލިމެންޓަރީ ސްކޫލުގައި ކިޔަވަމުންދާ ޖޯ ނަގައި ކުރި މި ދިރާސާއަކީ، ސޫފާސޫފީގެ ހަނދާނާ މެދު ސައިންސްގެ ދުނިޔޭގައި ކުރިން ގަބޫލުކުރަމުން އައި ބައެއް ކަންކަމަށް ބަދަލު އަތުވެދާނެ ފަދަ ހޯދުމެކެވެ.

ޖޯއަކީ ސޮން މަސަޔޯޝީ ފިލާންތްރޮޕިކް ފައުންޑޭޝަންގެ ސްކޮލަރޝިޕް ލިބިފައިވާ، ޚާއްޞަ ހުނަރުވެރި ދަރިވަރެކެވެ. ކުޑައިރުއްސުރެ ސޫފާސޫފީގެ ދިރުންތަކަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން އަންނަ ޖޯ އަކީ، ސޫފާސޫފީގެ އުޅުމާއި ހަރަކާތްތައް ބަލައިގެން ސަތޭކައަށްވުރެ ގިނަ ސަފުހާގެ ނޯޓުތައް ލިޔެފައިވާ ކުއްޖެކެވެ.

މި ދިރާސާގެ ފެށުމަކީ ޖޯ ގޭގައި "އޭޝިއަން ސްވެލޯޓެއިލް" ކޮކާ އާލާކޮށް ބަލަހައްޓަމުން ދަނިކޮށް ފާހަގަކުރެވުނު ކަމެކެވެ. އާންމުކޮށް ބޮޑެތިވާ ކޮކާ މީހުންނާ ދުރަށް ފިލައިގެން ދިޔަ ނަމަވެސް، އެސޮރު ކެޓަޕިލާ (ފަނި) އިރުއްސުރެ ބަލައިބޮޑުކުރި ކޮކާތައް ދޫކޮށްލުމުންވެސް އަނބުރާ އެމީހާގެ ގާތަށް އަންނަކަން ފާހަގަކުރެވުނެވެ. މިއާއެކު، ކެޓަޕިލާ މަރުހަލާގައި ލިބޭ ތަޖުރިބާގެ ހަނދާން ކޮކާލަކަށް ބަދަލުވުމަށްފަހުވެސް ހުންނަނީތޯ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ.

މި ސުވާލަށް ޖަވާބު ހޯދުމަށްޓަކައި ޖޯ ވަނީ ވަރަށް ރޭވުންތެރި ތަޖުރިބާއެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ކެޓަޕިލާތަކަށް ލެވެންޑަރ މަލުގެ ވަސް ދިނުމާއެކު މަސަލް ތެރަޕީ ޑިވައިސްއަކުން ކުޑަ ވައިބްރޭޝަނެއް ފޯރުކޮށްދިނެވެ. އެއަށްފަހު ފަނި މަރުހަލާ ނިމި، ކޮކާލަކަށް ބަދަލުވުމުން 'Y' ބައްޓަމަށް ހަދާފައިވާ ކޮއްޓެއްގެ ތެރެއަށް ލައިގެން ޓެސްޓުކުރުމުން، ގާތްގަނޑަކަށް 70 އިންސައްތަ ކޮކާލު ލެވެންޑަރ ވަހާ ދުރުހެލިވާން މަސައްކަތްކުރިކަން ފާހަގަކުރެވުނެވެ. މިއީ ކޮކާކުގެ، މުޅި ހަށިގަނޑު އަލުން އުފެދޭ މަރުހަލާއަށްފަހުވެސް ކުރީގެ ހަނދާންތައް ނެތިނުދާކަމުގެ ހެކިދޭ ކަމެކެވެ.

މި ތަޖުރިބާގެ އެންމެ ހައިރާންކުރުވަނިވި ނަތީޖާއަކީ، އެ ވަހަށް ނުރުހެން ދަސްކުރި ކޮކާތަކުގެ ދަރިންނާއި މާމަދަރިންގެ ކިބައިގައިވެސް، އެއްވެސް ތަމްރީނެއް ދިނުމަކާ ނުލައި އެ ވަހުން ދުރުހެލިވުމުގެ އާދަ ހުރުމެވެ. ޖޯ ބުނާ ގޮތުގައި މިއީ "ޓްރާންސްޖެނެރޭޝަނަލް އެޕިޖެނެޓިކް އިންހެރިޓެންސް" މެދުވެރިކޮށް، ޑީއެންއޭއަށް ބަދަލެއް ނައިސް މާހައުލީ ތަޖުރިބާ އިތުރު ދަރިފަސްކޮޅަށް ފޯރުމުގެ ސަބަބުން ދިމާވި ކަމަކަށް ވެދާނެއެވެ. ނަމަވެސް ސައިންސްވެރިން ފާހަގަކުރަނީ މިއީ އަދި އިތުރު ތަޖުރިބާތަކުން ކަށަވަރުކުރަންޖެހޭ ފުރަތަމަ މަރުހަލާގެ ނަތީޖާއެއް ކަމުގައެވެ.

ޖޯގެ މިއަޖައިބުުރުވަނިވި ދިރާސާ ވަނީ ކޯބޭގައި ބޭއްވުނު އިންޓަރނޭޝަނަލް ކޮންގްރެސް އޮފް އެންޓޮމޮލޮޖީގައި ތަޖުރިބާކާރު ސައިންސްވެރިންގެ ކުރިމަތީގައި ހުށަހަޅާފައެވެ.

މި ދިރާސާއަށް ގިނަ ސައިންސްވެރިންގެ ތައުރީފު ލިބުނު ނަމަވެސް، މިއީ އަދި ޕިއަރ-ރިވިއުޑް ޖާނަލެއްގައި ޝާއިއުކޮށްފައިވާ ދިރާސާއަކަށް ނުވާތީ، އެހެން ސައިންސްވެރިންވެސް މި ތަޖުރިބާ ތަކުރާރުކޮށް ބެލުން މުހިންމު ކަމަށް ސައިންސްވެރިން ދެކެއެވެ.

10 އަހަރުގެ ކުއްޖަކު 33 ސަފުހާގެ ދިގު ރިޕޯޓެއް އެކުލަވާލައި ބޮޑެތި ސައިންސްވެރިންގެ ކުރިމަތީގައި ޕްރެޒެންޓޭޝަން ދިނުމުން، ސޯޝަލް މީޑިއާގައި މިއީ ބޮޑު ވައިރަލް ޚަބަރަކަށް ވަނީ ވެފައެވެ.

ޖޯގެ މި ހޯދުން ސައިންސްގެ ދުނިޔޭގައި ސައްހަކަމަށް ކަނޑައެޅިއްޖެނަމަ، ސޫފާސޫފީގެ ހަނދާނާއި، އެޑަލްޓް މަރުހަލާގެ ސިއްރުތަކާއި، ދަރިފަސްކޮޅަށް އާދަތައް ނަގުލުވާ ގޮތުގެ އިލްމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

 

ލައިފްސްޓައިލް

އިތުރަށް ←