ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ވީއޭއެމް ސުޕަ ލީގުގެ ތަށި ސީދާ ތިން ސެޓުން ފެލިދޫން އުފުލާލައިފި

ރާއްޖެ ސުޕަ ލީގުގެ ތަށި ކާމިޔާބު ކުރުމަށް ފަހު ފެލިދޫ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ފެލިދޫ ކައުންސިލް
ރާއްޖެ ސުޕަ ލީގުގެ ތަށި ކާމިޔާބު ކުރުމަށް ފަހު ފެލިދޫ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ފެލިދޫ ކައުންސިލް

ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބޭއްވި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ސުޕަ ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވ. ފެލިދޫން ހޯދައި، އެ މުބާރާތުގެ ރަން ތަށި އުފުލާލައިފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ބ. ގޮއިދޫގެ މައްޗަށް ފެލިދޫން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ފެލިދޫ ޓީމުން ސެޓުތައް ގެންދިޔައީ 21-25، 16-25 އަދި 23-25 އިންނެވެ. ޖުމްލަ ހަތް ރަށަކުން ޓީމުތައް ވާދަކުރި މި މުބާރާތުގައި، ރަށަށް ނިސްބަތްވާ މަޝްހޫރު ވޮލީ ތަރިންގެ މައްޗަށް އެކުލެވޭ ފެލިދޫ ޓީމުގެ ކާމިޔާބީގައި އެ ރަށު ކުޅުންތެރިންގެ ހިއްސާ ބޮޑެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ފެލިދޫ ޓީމުގެ ހަސަން ނިލާމެވެ. މީގެއިތުރުން އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު އެ ޓީމަށް ކުޅުނު ޕާކިސްތާނުގެ މުރާދު ޖީހާން ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފެލިދޫގެ ކޯޗު މުހައްމަދު ޝަރަފެވެ.

މުބާރާތުގެ ޑްރީމް ޓީމުގައިވެސް ފެލިދޫގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމެނިފައެވެ. އެގޮތުން އެންމެ މޮޅު ސެޓަރަކަށް ފެލިދޫގެ ހުސައިން ވިސާމް އަދި އެންމެ މޮޅު ލިބަރޯއަކަށް އަހްމަދު ނަބީލް ހޮވުނުއިރު، ބެސްޓް އައުޓްސައިޑް އެޓޭކަރުންގެ ތެރޭގައި ފެލިދޫގެ އަލީ ހުޒާމްގެ އިތުރުން ގޮއިދޫގެ ޝަމާއިލް ހުސައިން ހިމެނެއެވެ.

މުބާރާތުގެ ބެސްޓް މިޑްލް ބްލޮކަރުންގެ މަގާމު ގޮއިދޫ ޓީމުގެ މުހައްމަދު ލަތުފާން އަލީ އާއި އިބްރާހިމް ފަޒީލް ހޯދިއިރު، މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ކ. މާފުށީ ޓީމުގެ ޔައީޝް ރިފްއަތު ހަމީދެވެ.

ކުޅިވަރު

އިތުރަށް ←