ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

އޭއެފްސީ ޗެލެންޖް ލީގުން މާޒިޔާ ކަޓައި، ތަޖިކިސްތާންގެ ރެގާރު ގްރޫޕް ސްޓޭޖަށް ދަތުރުކޮށްފި

މާޒިޔާ އާއި ރެގާރު ބައްދަލުކުރި މެޗުގެ ތެރެއިން ---
މާޒިޔާ އާއި ރެގާރު ބައްދަލުކުރި މެޗުގެ ތެރެއިން ---

އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ކުޅުނު މުހިންމު މެޗުގައި ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 3-0 އިން ބަލިކޮށް، ތަޖިކިސްތާންގެ ރެގާރު ޓަޑާޒުން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ދަތުރުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗަކީ ދަތުރުފަތުރުގެ ދަތިތަކާ ހުރެ ފަސްކުރުމަށްފަހު ކުޅުނު މެޗަކަށްވާއިރު، މާޒިޔާއިން ވަނީ ޖެހިޖެހިގެން ދެވަނަ އަހަރު މުބާރާތުގެ ކޮލިފައިން ބުރުން ނުކުންނަންޖެހިފައެވެ.

މެޗު ފެށިގެން ރެގާރުން ކުޅުން ކޮންޓްރޯލްކުރަން މަސައްކަތްކުރި ނަމަވެސް، މާޒިޔާއިން ވަނީ ރަނގަޅަށް ދިފާއުކޮށް، ކައުންޓަ އެޓޭކުތަކުގައި ރެގާރުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން އަހުމަދު އައިހަމް (ފަތޯ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރެގާރުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 50 ވަނަ މިނިޓްގައި އަޒީޒްބެކް ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަންޒިއޭވް އޮޒޯޑްބެކެވެ. މާޒިޔާއިން އެއްވަރުކުރަން މަސައްކަތްކުރަމުން ދަނިކޮށް، މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ބަދަލުކުޅުންތެރިޔާ ޝެރްޒޯދް މަހްމަދިއެވް ވަނީ ރެގާރުގެ ދެވަނަ ލަނޑު ޖަހައި މާޒިޔާގެ އުންމީދުތައް ކުޑަކޮށްލާފައެވެ.

އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި މާޒިޔާގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން ފޮނުވާލި ހަމަލާއެއް ރެގާރުގެ ކީޕަރު މަތަކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އުފެއްދި ކައުންޓަ އެޓޭކެއްގައި ސަފަރޯވް އަމިރުދްޒޯން ވަނީ ރެގާރުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ. މިއީ މާޒިޔާ ބަލިކޮށް، ރެގާރުން ޖެހިޖެހިގެން ހޯދި ހަވަނަ މޮޅެވެ.

ކުޅިވަރު

އިތުރަށް ←