ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

މެދު އުމުރުގައި އާދަކުރަން ސިއްހީ މާހިރުން ލަފާދޭ 9 ކަމެއް!

މެދު އުމުރުގައި އާދަކުރަން ސިއްހީ މާހިރުން ލަފާދޭ 9 ކަމެއް!

މެދު އުމުރު ނުވަތަ 40 އަހަރާއި 60 އަހަރާ ދެމެދުގެ އަހަރުތަކަކީ މުސްތަޤުބަލުގައި އިންސާނާގެ ސިއްހަތު ހުންނާނެ ގޮތް ކަނޑައަޅައިދޭ އެންމެ މުހިންމު ދުވަސްވަރެވެ. ހިތުގެ ބަލިތަކާއި، ހަކުރުބައްޔާއި، ކެންސަރު އަދި ހަނދާންނެތޭ ބަލި (ޑިމެންޝިއާ) ފަދަ އުމުރާ ގުޅިފައިވާ ގިނަ ބަލިތަކުގެ ފެށުން ގުޅިފައިވަނީ މި އުމުރުފުރާއާއެވެ. ބްރޭންޑައިސް ޔުނިވަރސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރ އަދި ފޮތް ލިޔުންތެރިޔާ މާގީ ލެކްމަން ވިދާޅުވާ ގޮތުގައި މެދު އުމުރަކީ ހަށިގަނޑަށް ފައިދާހުރި ބަދަލުތައް ގެންނަން އެންމެ ރަނގަޅު ވަގުތެވެ.
1. އިންޓަވަލް ޓްރެއިނިންގ ހެދުން
ކަސްރަތު ކުރުމުގައި 'އިންޓަވަލް ޓްރެއިނިންގ' ހިމެނުމަކީ ނޭވާލާ ނިޒާމާއި ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، މުސްކުޅި އުމުރުގައި ހަރަކާތްތެރިވެ އުޅުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ނިއުޔޯކް ޔުނިވަރސިޓީގެ ޑރ. ގިލެމް ގޮންޒާލޭޒް-ލޯމާސް ލަފާދެއްވާ ގޮތުގައި، އެއް ސްޕީޑެއްގައި 30 މިނެޓު ދުވުމުގެ ބަދަލުގައި، 30 ސިކުންތު ބާރަށް ދުވެފައި އަނެއް 30 ސިކުންތު އަރާމުކުރާ ގޮތަށް 10 ފަހަރު ތަކުރާރު ކުރުމުން ހަށިގަނޑަށް ކުރާ ފައިދާ ބޮޑުވާނެއެވެ.
2. އެކުވެރިންނާއެކު ވަގުތު ހޭދަކުރުން
އެކުވެރިންނާއެކު ވަގުތު ހޭދަކުރުމާއި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަކީވެސް ދިގު މުއްދަތެއްގައި ސިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ. މެދު އުމުރުގެ ބުރަ ދިރިއުޅުމުގައި ވަކިން ވަގުތު ހޯދަން ދަތިވާނަމަ، އެކުވެރިއަކާއެކު ބާޒާރުކުރަން ދިއުން ނުވަތަ ކަސްރަތު ކުރަން ދިއުން ފަދަ ކަންކަން އެކުގައި ކުރުމަށް މާހިރުން ލަފާދެއްވައެވެ.
3. ފަރމެންޓް ކޮށްފައިވާ ކާނާ ކެއުން
ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ބަލިތަކުން ރައްކާތެރިވުމަށްޓަކައި ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ކޮލަމްބިއާ ޔުނިވަރސިޓީގެ ޑރ. ޖޯން ބިއަރޑް ވިދާޅުވާ ގޮތުގައި ފަރމެންޓް ކޮށްފައިވާ ކާނާ ކަމަށްވާ ޔޯގަޓް، ކިމްޗީ، ކޮމްބޫޗާ ނުވަތަ ކެފީރް ފަދަ ބާވަތްތައް ކެއުމުގައި ހިމެނުމުން އުމުރާ ގުޅިގެން ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން ކުޑަކޮށްދެއެވެ.
4. ބަރު އުފުލުން
އެރޮބިކް ކަސްރަތުގެ އިތުރުން މަސްތައް ވަރުގަދަކުރުމަށް ބަރު އުފުލުމަކީ މުސްކުޅި އުމުރުގައި މީހާގެ ބާރު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި އަމިއްލައަށް ކަންކަން ކުރުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެކެވެ. ބަރު އުފުލުމުގެ ސަބަބުން މަސްތަކުން ދޫކުރާ 'މަޔޯކައިންސް' ނަމަކަށް ކިޔާ މާއްދާތަކެއްގެ ސަބަބުން ހަށިގަނޑު ދުޅަވުން ކުޑަކޮށްދެއެވެ.
5. ކޮންމެ ކެއުމެއްގައި ޕްރޮޓީން ހިމެނުން
އުމުރުން 30 އަހަރުން ފެށިގެން ހަށިގަނޑުގެ މަސްތައް ވިރެން ފަށާއިރު، 60 އަހަރުން ފެށިގެން މިކަން އިތުރަށް ހަލުވިވެގެންދެއެވެ. ޑރ. އެލީނާ ވޮލްޕީ ލަފާދެއްވަނީ ކޮންމެ ކެއުމެއްގައިވެސް ޕްރޮޓީން ހިމެނުމަށެވެ. އާންމު ގޮތެއްގައި ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 0.8 ގްރާމާއި 1.2 ގްރާމާ ދެމެދުގެ މިންވަރަކަށް ޕްރޮޓީން ބޭނުންވެއެވެ.
6. ދުވަހުގެ އާންމު ދިރިއުޅުމުގައި ހަރަކާތްތެރިވުން
ކަސްރަތު ކުރުމަށް ޚާއްސަ ވަގުތުކޮޅެއް ހޯދުމުގެ އިތުރުން ދުވަހުގެ އާންމު ދިރިއުޅުމުގައި ހަރަކާތްތެރިވެ އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުވާލަކު ގާތްގަނޑަކަށް 7,000 ފިޔަވަޅު އެޅުމަކީ މަރުވުމުގެ ނުރައްކަލާއި އުމުރާ ގުޅިފައިވާ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެދޭ ކަމެއްކަން ދިރާސާތަކުން ދައްކައެވެ. ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުމާއި، ހިނގާފައި ދިއުން ފަދަ ކަންކަން އާދަކުރާށެވެ.
7. ވެކްސިން ޖެހުން
ބައެއް ބާވަތުގެ ވެކްސިންތަކަކީވެސް މެދު އުމުރުގައި ސިއްހަތު ރައްކާތެރިކޮށްދޭ އެއްޗެކެވެ. ޑރ. އެމެނުއެލް ފާހަގަކުރައްވާ ގޮތުގައި 'ޝިންގަލްސް' ވެކްސިން ޖެހުމުން ސިކުނޑީގެ ބާރު ދަށްވުން ނުވަތަ ޑިމެންޝިއާ ޖެހުމުގެ ފުރުސަތު 20 އިންސައްތަ ކުޑަކޮށްދެއެވެ. އިންފްލުއެންޒާ، ނިއުމޯކޮކަލް ފަދަ ވެކްސިންތަކަކީވެސް އިންފެކްޝަންތަކުން ސަލާމަތްކޮށްދޭ އެއްޗެކެވެ.
8. އާއިލީ ބަލިތަކުގެ މައުލޫމާތު އެއްކުރުން
ދިރިއުޅުމުގެ އާދަތަކުގެ އިތުރުން އާއިލީ ގޮތުން ވާރުތަވާ ބަލިތަކަކީވެސް ސަމާލުކަންދޭންޖެހޭ ކަމެކެވެ. ޑރ. ވޮލްޕީ ލަފާދެއްވަނީ މައިންބަފައިންގެ ކިބައިގައި ހުންނަ ދާއިމީ ބަލިތަކުގެ ލިސްޓެއް ހަދައި، އެ ބަލިތަކުން ރައްކާތެރިވުމަށް ޑޮކްޓަރުންނާ މަޝްވަރާކުރުމަށެވެ.
9. ކޮންމެ ރެއަކުވެސް އެއް ގަޑިއަކަށް ނިދުން
ނިދާ ވަގުތު ގަވާއިދަކުން ހިފެހެއްޓުމަކީ އުމުރު ދިގުވުމާ ގުޅިފައިވާ އެންމެ މުހިންމު އެއް ކަމެވެ. މަދުން ނިދުމަކީ ފަލަވުމާއި، ހަކުރުބައްޔާއި، ހިތުގެ ބަލިތަކުގެ އިތުރުން ޑިމެންޝިއާއަށް މަގުފަހިކުރުވާ ކަމެކެވެ. 2024 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު 7 ނުވަތަ 8 ގަޑިއިރު ނިދުމަށް ވިސްނުމަށްވުރެ ބޮޑަށް، ކޮންމެ ރެއަކުވެސް އެއް ގަޑިއަކަށް ނިދަން އާދަކުރުމަކީ މީހާގެ ފުރާނައަށް އޮތް ނުރައްކާ ކުޑަކޮށްދީ ސިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ.

ލައިފްސްޓައިލް

އިތުރަށް ←