ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ހިތާމައިގެ ކޮޅެއް ނެތް، މިއީ ފުޓްބޯޅަ ގޯޓު ރޮނާލްޑޯގެ ފަހު އަހަރު!

ކްރިސްޓިއާނޯ ރޮނާލްޑޯ ---
ކްރިސްޓިއާނޯ ރޮނާލްޑޯ ---

ދުނިޔޭގެ އެތައް މިލިއަން ފުޓްބޯޅަ ސަޕޯޓަރުންނަށް މިއަދު މިވަނީ ހިތާމައިގެ ކޮޅެއް ނެތް ފަދަ ހަބަރަކާ ކުރިމަތިލާން ޖެހިފައެވެ. ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، އަދި ގިނަ ބައެއްގެ ނަޒަރުގައި ފުޓްބޯޅައިގެ ބައްޕަ ނުވަތަ "ގޯޓު" ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ވިދުންގަދަ ކެރިއަރު ނިންމާލަން ނިންމައިފިއެވެ. މިއީ އަޖައިބުކުރުވަނިވި ކުޅުމަކުން ފުޓްބޯޅައިގެ މައިދާންތައް ފަތަހަކުރި މި މޭސްތިރިޔާގެ ކުޅުން ފެންނާނެ އެންމެ ފަހު އަހަރެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިކަން ހާމަކުރީ ވޯގު މެގަޒިންއަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ. ސައުދީ ޕްރޯ ލީގުގެ އަލް ނަސްރާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، ރޮނާލްޑޯ ބުނީ ޕްރޮފެޝަނަލް ފުޓްބޯޅައިގައި މިއީ ކޮންމެ ގޮތެއްވިޔަސް އޭނާގެ އެންމެ ފަހު އަހަރު ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ވަރަށް ރަނގަޅު ލެގަސީއަކާއެކު ފުޓްބޯޅައަށް އަލްވަދާއު ކިޔަން ކަމަށްވެސް ވަނީ ބުނެފައެވެ.

އެންމެ މަތީ ފަންތީގައި 25 ވަރަކަށް އަހަރު ހޭދަކޮށް ގިނަ ގުރުބާނީތަކެއް ވެފައިވާކަން ފާހަގަކުރަމުން ރޮނާލްޑޯ ބުނީ، ކެރިއަރު ނިންމާލުމަށްފަހު ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށާއި، ފުޓްބޯޅައިގެ ބޭރުން އޭނާ ޝައުގުވެރިވާ އެހެން ކަންކަމަށް ކަމަށެވެ. ޕްރޮފެޝަނަލް ފުޓްބޯޅައިގައި 1000 ގޯލު ހަމަކުރުމުގެ ތާރީހީ ރެކޯޑާ ހަމައަށް ވާސިލްވުމަށް ރޮނާލްޑޯއަށް މިހާރު މަދުވަނީ އެންމެ 24 ގޯލެވެ.

މީގެ 24 އަހަރު ކުރިން 2002 ވަނަ އަހަރު ސްޕޯޓިން ލިޒްބަންއިން ރަސްމީ ކެރިއަރު ފެށި ރޮނާލްޑޯގެ ވިދުން އެންމެ ގަދަވެގެން ދިޔައީ 2003 އިން 2009 އަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރުގައެވެ. އޭގެ ފަހުން 2009 އިން 2018 އަށް ރެއާލް މެޑްރިޑްގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ ކެރިއަރު މުޅިން އެހެން ހަރުފަތަކަށް ގެންގޮސްފައެވެ. ޔޫރަޕްގައި އޭނާ ކުޅުނު ހަތަރުވަނަ ގައުމަކީ އިޓަލީއެވެ. 2018 އިން 2021 އަށް ޔުވެންޓަސްއަށް ކުޅުމަށްފަހު، އަލުން ޔުނައިޓެޑަށް ބަދަލުވެ ދޮޅު އަހަރެއްހާ ދުވަހު ކުޅުމަށްފަހު، މިހާރު ކުޅެމުން އަންނަ އަލް ނަސްރާ އޭނާ ގުޅުނީ 2023 ވަނަ އަހަރުގެ ޖެނުއަރީގައެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ ކްލަބް ލެވެލްގައި 31 ތަށި ހޯދާފައެވެ. ވަކިވަކި ކްލަބްތަކަށް ބަލާއިރު ރެއާލަށް 450 ގޯލު، ޔުނައިޓެޑަށް 145 ގޯލު، އަލް ނަސްރަށް 123 ގޯލު، ޔުވެންޓަސްއަށް 101 ގޯލު އަދި ސްޕޯޓިންއަށް 5 ގޯލު އޭނާ ވަނީ ޖަހައިދީފައެވެ. މީގެ އިތުރުން ޕޯޗުގަލް ގައުމީ ޓީމާއެކު 2016 ގެ ޔޫރޯ އަދި ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވާއިރު، އޭނާއަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު (233 މެޗުން 146 ގޯލު) ޖަހައިދިނުމުގެ ބައިނަލްއަގުވާމީ ރެކޯޑް އޮންނަ ކުޅުންތެރިޔާއެވެ.

ކުޅިވަރު

އިތުރަށް ←