ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ސްކޫލް މާޙައުލުގައި ދަރިވަރުންނަށް ކައުންސެލިންގް ދިނުން: ކުއްޖާގެ އާންމު ދިރިއުޅުމަށް ރަނގަޅު ބަދަލެއް ގެނެސްދޭ ކަމެއް!!

ސްކޫލް މާޙައުލުގައި ދަރިވަރުންނަށް ކައުންސެލިންގް ދިނުން: ކުއްޖާގެ އާންމު ދިރިއުޅުމަށް ރަނގަޅު ބަދަލެއް ގެނެސްދޭ ކަމެއް!!

 

ސްކޫލްތަކަކީ ހަމައެކަނި ފޮތްތަކުން ފިލާވަޅު ދަސްކޮށްދީ، އިމްތިޙާނުތަކުން މާކްސް ހޯދައިދޭ ތަނެއް ނޫނެވެ. އެއީ މުޖުތަމަޢަށް ބޭނުންތެރި، ހަރުދަނާ ޝަޚްޞިއްޔަތެއްގެ ވެރި ފުރިހަމަ ފަރުދަކު ބައްޓަންކޮށްދޭ މައި މަރުކަޒެވެ. މި މުހިންމު މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ސްކޫލް މާޙައުލުގައި ކައުންސެލިންގގެ ޚިދުމަތް ޤާއިމުވެފައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ސްކޫލް ކައުންސެލިންގ އަކީ ދަރިވަރުންގެ ތަޢުލީމީ، އިޖުތިމާޢީ، ޖަޒުބާތީ އަދި ނަފްސާނީ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، މި ދާއިރާއިން ޚާއްޞަ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަންނީ އެހީތެރިއަކު (ކައުންސެލަރަކު) ދަރިވަރުންނަށް ފޯރުކޮށްދޭ ލަފައާއި، މަގުދެއްކުމާއި އިރުޝާދުގެ ނިޒާމެވެ. މިއީ ހަމައެކަނި މައްސަލައެއް ދިމާވުމުން ދޭ ފަރުވާއެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ މިއީ ދަރިވަރުންގެ ކިބައިގައިވާ ޤާބިލުކަން ދެނެގަނެ، ދިރިއުޅުމުގެ އެކި ހުނަރުތައް ތަރައްޤީކޮށް، ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށް ދުރާލާ ދެވޭ ވަރަށް އަގުހުރި ޚިދުމަތެކެވެ.


  1. ކުދިންގެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަން އިތުރުކޮށްދިނުން


ދަރިވަރުންގެ ޅަފުރާގެ ދުވަސްވަރަކީ ނަފްސާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން ގިނަގުނަ ބަދަލުތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވާ ދުވަސްވަރެކެވެ. ކިޔެވުމުގެ ސްޓްރެސް، އިމްތިޙާނުތަކުގެ ބިރުވެރިކަން، އަދި އަމިއްލަ ނަފްސާމެދު ކުރެވޭ އުއްމީދުތަކުގެ ސަބަބުން ގިނަ ކުދިންތަކެއް ހާސްކަމާއި (anxiety) މާޔޫސްކަމުގެ (depression) ތެރެއަށް ވެއްޓެއެވެ.

ކައުންސެލިންގގެ އެހީގައި، ދަރިވަރުންނަށް އެކުދިންގެ އަމިއްލަ ޖަޒުބާތުތައް ދެނެގަންނަން ދަސްވެއެވެ. ރުޅިގަދަވުމާއި، ހިތާމަކުރުމާއި، މާޔޫސްވުން ފަދަ ނޭދެވޭ އިޙްސާސްތައް ދުޅަހެޔޮ ގޮތުގައި ބޭރުކުރާނެ ގޮތްތަކާއި، ސްޓްރެސް މެނޭޖްކުރާނެ އުކުޅުތައް ކައުންސެލަރުން ދަސްކޮށްދެއެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ނަފްސާނީ ހަމަޖެހުން ޤާއިމުވެ، އެތެރެފުށުގެ ހަމަހިމޭންކަން ލިބި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޤަދަރު (self-esteem) އިންތިހާއަށް އުފުލިގެންދެއެވެ.


  1. ކުދިންގެ ތަޢުލީމީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުން


ކޮންމެ ކުއްޖަކީވެސް ދަސްކުރުމުގެ ތަފާތު ވައްޓަފާޅިއަކާއި ޤާބިލުކަމެއް ލިބިފައިވާ ކުއްޖެކެވެ. ބައެއް ކުދިންނަށް ކްލާހުގައި ކިޔަވައިދޭ އެއްޗެއް ދޭހަވުމުގައި ދަތިތައް ހުރުމާއި، ސަމާލުކަން ދިނުމުގައި އުނދަގޫވުން (ADHD) ފަދަ ކަންކަން އަދި ކިޔެވުމަށް ފަރުވާކުޑަކުރެވުން ފަދަ ތަޢުލީމީ ގޮންޖެހުންތައް ދިމާވެއެވެ.

ސްކޫލް ކައުންސެލަރުން މިފަދަ ކުދިންގެ މައްސަލަތައް ދެނެގަނެ، އެކުދިންނަށް އެންމެ އެކަށޭނަ ގޮތަށް ކިޔެވުމުގެ އާދަތައް ބައްޓަންކުރުމަށް އެހީތެރިވެދެއެވެ. އޭގެ ތެރޭގައި ވަގުތު މެނޭޖްކުރުމާއި، ފިލާވަޅު ދަސްކުރުމުގެ ފަސޭހަ އުކުޅުތައް ބޭނުންކުރުމާއި، ގޯލް ސެޓްކުރުން (ލަނޑުދަނޑި ކަނޑައެޅުން) ހިމެނެއެވެ. މީގެއިތުރުން، ޓީޗަރުންނާއި ބެލެނިވެރިންނާ ގުޅިގެން ކުއްޖާގެ ކިޔެވުމަށް އެންމެ ފަހި މާޙައުލެއް ފަހިކޮށްދިނުމުގެ ސަބަބުން، ދަރިވަރުންގެ ތަޢުލީމީ ނަތީޖާއަށް ވަރަށް ބޮޑު ކުރިއެރުމެއް އާދެއެވެ.


  1. އިޖުތިމާޢީ ގުޅުންތަކާ ހުނަރުތައް ވަރުގަދަކޮށްދިނުން


އިންސާނާއަކީ އަބަދުވެސް މުޖުތަމަޢުގެ ތެރޭގައި އެހެން މީހުންނާ ގުޅިގެން ދިރިއުޅެންޖެހޭ ފަރާތެކެވެ. ސްކޫލް ދައުރަކީ އެހެން މީހުންނާ މުއާމަލާތްކުރުމާއި، ގުޅުންތައް ބަދަހިކުރުމުގެ ބިންގާ އެޅޭ މަރުޙަލާއެވެ. ނަމަވެސް، ބައެއް ކުދިންނަކީ އެކުވެރިން ހޯދުމުގައި ލަދުގަނެ، ޖެހިލުންވާ، ނުވަތަ އަނެއްބައި ކުދިންނަކީ އެހެން ކުދިންނާ އަރާރުންވެ މައްސަލަ ޖެހޭ ކުދިންނެވެ.

ކައުންސެލިންގ ސެޝަންތަކުގެ ތެރެއިން ދަރިވަރުންނަށް އެހެން މީހުންގެ އިޙްސާސްތައް ދެނެގަތުމާއި  (empathy)، އިޙްތިރާމާއެކު ވާހަކަދެއްކުމާއި، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރުތައް ދަސްވެއެވެ. އަދި އެކުވެރިންގެ މެދުގައި ޚިޔާލުތަފާތުވުމެއް އުފެދޭ ހިނދު، ހަމަނުޖެހުމަކަށް ނުގޮސް ސުލްޙަވެރިކަމާއެކު މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރުމުގެ މުހިންމު ހުނަރު (conflict resolution) ކުއްޖާގެ ކިބައިގައި އަށަގަންނުވައެވެ. މިއީ އިސްލާމީ ރިވެތި އަޚްލާޤުގެ މިންގަނޑުތަކަށް ކުދިން ހޭނުވުމަށްވެސް ލިބޭ ބޮޑު ބާރެކެވެ.


  1. އަމިއްލަ ނަފުސާ ހެދިބޮޑުވާއިރު ދިމާވާ ތަފާތު އެކި ކަންކަމަށް ހޭލުންތެރިކޮށްދިނުން


ކުޑަކުއްޖެއްގެ އުމުރުން ފުރާވަރަށް (adolescence) އަޅައިގެން އަންނަ ދުވަސްވަރަކީ ޖިސްމާނީ، ހޯމޯނަލް އަދި ފިކުރީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މި ބަދަލުތަކުގެ ސަބަބުން ކުދިންގެ ހިތުގައި އަމިއްލަ ސިފައާމެދު، ޖިންސީ ހޭލުންތެރިކަމާމެދު އަދި މުޖުތަމަޢުގައި އެކުދިންގެ ދައުރާމެދު ގިނަގުނަ ސުވާލުތަކާއި ކަންބޮޑުވުންތައް އުފެދެއެވެ.

ސްކޫލް ކައުންސެލަރަކީ މިފަދަ ހައްސާސް މައުޟޫޢުތަކަށް އެއްވެސް ޖެހިލުމެއްނެތި، އިތުބާރާއެކު ވާހަކަދެއްކޭނެ ރައްކާތެރި ފަރާތެކެވެ. ހެދިބޮޑުވުމުގައި ދިމާވާ މި ބަދަލުތަކަކީ ޠަބީޢީ ކަންކަން ކަން ދަރިވަރުންނަށް ވިސްނައިދީ، އަމިއްލަ ސާފުތާހިރުކަމާއި، ރައްކާތެރިކަމުގެ އިންތައް (boundaries) ދަސްކޮށްދިނުމުގައި ކައުންސެލިންގ މުހިންމު ދައުރެއް އަދާކުރެއެވެ. މިކަމުގެ ސަބަބުން ކުދިން ނުބައި މަގުތަކަށް ދިޔުމުން ރައްކާތެރިވެ، އަމިއްލަ ނަފްސު ފުރިހަމައަށް ބަލައިގަންނަން ދަސްވެއެވެ.


  1. ކުދިންގެ ޙަޔާތުގައި ދިމާވާ ހިތްދަތި ތަޖުރިބާތަކުން އަރައިގަތުމަށް އެހީތެރިވެދިނުން


ކޮންމެ ކުއްޖެއްގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމަކަށް ނުވެދާނެއެވެ. ޢާއިލާ ރޫޅުން، ލޯބިވާ މައިންބަފައިން ނުވަތަ ގާތް މީހަކު ވަކިވުން، ގޭތެރޭގެ އަނިޔާވެރިކަން، ނުވަތަ ސްކޫލް ތެރޭގައާއި އޮންލައިންކޮށް ބުލީގެ ޝިކާރައަކަށްވުން ފަދަ ޓްރައުމާ (trauma)  ތަކަކީ ކުއްޖާގެ މުޅި ދިރިއުޅުން އަނދިރިކޮށްލާ ފަދަ ހިތްދަތި ކަންކަމެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ތަޙައްމަލުކުރަމުންދާ ކުދިންނަށް، އެކުދިންގެ ހިތުގެ އުދާސްތައް ބޭރުކޮށްލާނެ ރައްކާތެރި މާޙައުލެއް ސްކޫލް ކައުންސެލަރުން ފޯރުކޮށްދެއެވެ. ޕްރޮފެޝަނަލް ތެރަޕިއުޓިކް އުކުޅުތައް ބޭނުންކޮށްގެން، އެ ހިތާމަތަކާއި ބިރުވެރިކަމުން އަރައިގަންނާނެ މަގު ދައްކައިދީ، އެކުދިންނަކީ އެކަނިވެރި ބައެއް ނޫންކަމުގެ އިޙްސާސް ކޮށްދެއެވެ. މިއީ ކުއްޖާ ނަފްސާނީ ގޮތުން މުޅިން ބަލިކަށިވެ، އަމިއްލައަށް ގެއްލުންދިނުން ފަދަ ނުރައްކާތެރި ފިޔަވަޅުތަކުން ސަލާމަތްކޮށްދޭ މުހިންމު ސަބަބެކެވެ.


  1. ޕޮޒިޓިވް ސްކޫލް މާޙައުލެއް ބިނާކުރުމަށް އެހީތެރިވެދިނުން


ސްކޫލެއްގައި ހަރުދަނާ ކައުންސެލިންގ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ މުޅި ސްކޫލްގެ ވެއްޓަށް ލިބޭ ވަރަށް ބޮޑު ދިރުމެކެވެ. ދަރިވަރުންގެ މެދުގައި އުފެދޭ ހަސަދަވެރިކަމާއި، ރުޅިވެރިކަމާއި، ގަނާކުރުން (bullying) ފަދަ ނޭދެވޭ ކަންކަން ދުރާލާ ދެނެގަނެ، އެކަންކަން ހުއްޓުވުމަށް ކައުންސެލަރުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ.

މީގެއިތުރުން، ދަރިވަރުންނާއި މުދައްރިސުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އަޅާލާ އަދި އެހީތެރިވާ ސަގާފަތެއް ސްކޫލުގައި އަށަގަންނުވައެވެ. މުޅި ސްކޫލަކީ ބިރުވެރިކަމެއް ނެތް، އަމާން، އުފާވެރި އަދި އުނގެނުމަށް ފަހި މާޙައުލަކަށް ހެދުމުގައި ކައުންސެލަރުންގެ ދައުރު ނުހަނު ބޮޑެވެ. ސްކޫލުގެ މާޙައުލު ޕޮޒިޓިވް ވުމުން، ދަރިވަރުން ސްކޫލަށް އައުމަށް ޝައުޤުވެރިވެ، ސްކޫލް ދޫކޮށްލާ (drop out) ވާ ކުދިންގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެގެންދެއެވެ.


  1. ސްކޫލް މާޙައުލުން ބޭރުންވެސް ކައުންސެލިންގގެ ސަބަބުން ކުދިންނަށް ލިބޭ ފައިދާތައް


ސްކޫލް ކައުންސެލިންގ މެދުވެރިކޮށް ދަރިވަރުން ދަސްކުރާ ދިރިއުޅުމުގެ ހުނަރުތަކާއި، ނަފްސާނީ ހަމަޖެހުމުގެ އަސަރު ސްކޫލުގެ ހަތަރުފާރުގެ އިތުރުން، ކުއްޖާގެ ޢާއިލީ ދިރިއުޅުމަށާއި، ރަޙްމަތްތެރިންގެ މާޙައުލަށާއި މުޅި މުޖުތަމަޢަށްވެސް ފޯރައެވެ.

ގޭތެރޭގައި މައިންބަފައިންނާއި ޢާއިލާގެ އެހެން މެންބަރުންނާ އޮންނަ މުއާމަލާތްތައް ރަނގަޅުވެ، ބަސްއަހާ، ކިޔަމަންތެރި، އަދި ޒިންމާދާރު ކުއްޖަކަށް ވުމަށް މަގުފަހިވެއެވެ. މުސްތަޤްބަލުގައި ކެރިއަރެއް ޚިޔާރުކުރުމާއި، ދިރިއުޅުމުގައި ކުރިމަތިވާ ބޮޑެތި ނިންމުންތައް ނިންމުމުގައި ކައުންސެލިންގގެ ސަބަބުން ވިސްނުންތޫނު، ހަރުދަނާ މީހަކަށް އެކުދިން ވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން، ކުށްތަކާއި ނުރަނގަޅު ޢަމަލުތަކުން ދުރުހެލިވެފައިވާ، ޤައުމަށާއި އިސްލާމީ އުއްމަތަށް ފައިދާހުރި، އުފެއްދުންތެރި ޒުވާނަކަށް ވުމުގެ ފުރުޞަތު އެކުދިންނަށް ތަނަވަސްވެއެވެ.

 

ލައިފްސްޓައިލް

އިތުރަށް ←