ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ކޮންމެ ހިނިތުންވުމެއްގެ ފަހަތުގައި އެތައް ވާހަކަތަކެއް!

ކޮންމެ ހިނިތުންވުމެއްގެ ފަހަތުގައި އެތައް ވާހަކަތަކެއް!

އަޅުގަނޑުމެން ދިރިއުޅޭ މި މުޖުތަމަޢުގައި ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ މޫނުތަކަކާ ބައްދަލުވެއެވެ.

އޮފީހުގެ މާހައުލުންނާއި، މަގުމަތިން އަދި ސޯޝަލް މީޑިއާގެ މަންސަތަކުން ފެންނަ ގިނަ މީހުންގެ މޫނުމަތިން ފެންނަނީ ތާޒާ ހިނިތުންވުމެކެވެ. ބޭރުފުށުން ބަލާއިރު އެމީހުންގެ ދިރިއުޅުމަކީ އެއްވެސް މައްސަލައެއް ނެތް، އުފާވެރި ފުރިހަމަ ދިރިއުޅުމެއްހެން ހީވެދާނެއެވެ. ނަމަވެސް، މިއީ ހަޤީޤަތް ބާވައެވެ؟ ބޭރުފުށުން ފެންނަ ހަމަޖެހުމާއި، ހިތުގެ އަޑީގައިވާ އިޙްސާސްތަކާ ދެމެދު އޮންނަނީ އިންތިހާއަށް ބޮޑު ފަރަގެކެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ، އެހެން މީހުނަށް ހަދިޔާކޮށްލެވޭ ހިނިތުންވުންތަކުގެ ފަހަތުގައި ބޮޑެތި ނުތަނަވަސްކަމާއި، އެކަނިވެރިކަމާއި، ފުން ހިތާމަތަކާއި އަދި ނަފްސާނީ އެތައް ވަރުބަލިކަމެއް ފޮރުވައިގެން އުޅޭ މީހުންނެވެ.

ތިމާގެ ހިތް ކުދިކުދިވެފައިވީ ނަމަވެސް، އެހެން މީހުންނަށްޓަކައި މޫނުމައްޗަށް ހިނިތުންވުން ވެރިކުރުވުމަކީ މިއަދު ގިނަ ބައެއްގެ އާދައެކެވެ. މީހަކު މޫނުމަތިން އުފާވެރިކަން ދައްކާތީ، އެމީހެއްގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ރަނގަޅު ކަމަށް ނިންމުމަކީ އަޅުގަނޑުމެންނަށް ހެދޭ އެންމެ ބޮޑު އެއް ގޯހެވެ.

ހިނިތުންވުމަކީ ހަމައެކަނި އުފާވެރިކަމުގެ ރަމްޒެއް ނޫނެވެ. އެހެނެއްކަމަކު އެއީ ބައެއް ފަހަރު ވޭނާއި ކެކުޅުންތައް ފޮރުވުމަށް އަޅާލެވޭ މާސްކެކެވެ.

މިފަދައިން ކަންތައް ވާންޖެހޭ މައިގަނޑު އެއް ސަބަބަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އޮންނަ އިޖުތިމާޢީ ފިއްތުންތަކެވެ. އަބަދުވެސް ހިތްވަރުގަދަ، ކަންކަމާ ކުރިމަތިލާން ކެރޭ، "ބަލިކަށިނުވާ" މީހެއްގެ ގޮތުގައި އެހެންމީހުންނާ ކުރިމަތިލުމަށް އޮންނަ މަޖުބޫރުކަމެވެ.

ރޮއެ ހިތާމަކުރުމަކީ ނުވަތަ ދެރަވެފައި ހުރުމަކީ ބަލިކަށިކަމެއްގެ ގޮތުގައި މުޖުތަމަޢު ދެކޭތީ، ގިނަ މީހުން އިޚްތިޔާރު ކުރަނީ އެމީހެއްގެ ހަޤީޤީ އިޙްސާސްތައް ވަޅުލާށެވެ. މި ސަބަބާ ހުރެ، މީހަކު "ހާލު ކިހިނެއް؟" އަހާލުމުން ދެވޭ "އަހަރެން ރަނގަޅު" މި ޖަވާބަކީ ތެދުވެރި ޖަވާބަކަށްވުރެ ބޮޑަށް، އަމިއްލަ ޙާލަތު ފޮރުވުމަށާއި އިތުރު ސުވާލުތަކުން ސަލާމަތްވުމަށް ބޭނުންކުރާ ވަރުގަދަ ނިވާފަތްގަނޑަކަށް ވަނީ ވެފައެވެ.

އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަން ވެއްޖެއެވެ. އާދައިގެ މަތިން އަހާލާ "ހާލު ކިހިނެއް؟" މި ސުވާލުން އެކަނި ފުއްދާލުމުގެ ބަދަލުގައި، އަނެކާގެ ޙާލަތު ފުންކޮށް ދެނެގަނެ، ލޯތްބާއި އަޅާލުން އިތުރުކުރަން ޖެހެއެވެ. މީހެއްގެ ބަދަލުވަމުންދާ މިޒާޖާއި، ދުރުހެލިވުންތަކަށް ސަމާލުވާން ޖެހެއެވެ. އެހެން މީހުންނާ މެދު އަވަސް އަރުވާލައިގެން ގޮތް ނިންމުމުގެ ބަދަލުގައި، އެމީހުންގެ ހިތުގެ އުދާސްތަކާއި އިޙްސާސްތައް އެއްވެސް ބިރެއް ނެތި، ތެދުވެރިކަމާއެކު ޙިއްޞާކުރެވޭނެ ފަދަ އަމާން އަދި އިތުބާރު ހިފޭ މާޙައުލެއް ބިނާކޮށްދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.

ހަމައެއާއެކު، އަމިއްލަ ނަފްސަށް ވިސްނައިދޭންވީ މުހިންމު ޙަޤީޤަތަކީ، އެހީއަށް އެދުމަކީ ދުވަހަކުވެސް ނިކަމެތިކަމެއް ނޫން ކަމެވެ. އެއީ ތިމާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާކަމާއި، އެ ނަފުސަށް އަޅާލަން ބޭނުންވާކަމުގެ ވަރުގަދަ ހެއްކެކެވެ.

ކޮންމެ އިންސާނަކީވެސް އެހެން މީހުންނަށް ނޭނގޭ އެތައް ހަނގުރާމަތަކެއް ކޮންމެ ދުވަހަކު ވެސް ކުރަމުންދާނެ މީހެކެވެ. ދިރިއުޅުމުގެ ބުރަ އުފުލަމުންދާ ފަރާތެކެވެ.

ވީމާ، ދިމާވާ ކޮންމެ މީހަކާ މެދުގައިވެސް، އޯގާތެރިކަމާއި ކުލުޅުނުވެރިކަމާއެކު އަމަލުތައް ބެހެއްޓުމަށް އިސްކަމެއްދެމާ ހިނގާށެވެ. ތިބާ ބުނެލާ އެންމެ ކުޑަކުޑަ އޯގާތެރި ބަހަކީ، ނުވަތަ ދިއްކޮށްލާ އެހީތެރިކަމުގެ އަތަކީ، އަނެކާގެ ފޮރުވިފައިވާ އަނދިރި ދުނިޔެއަށް ވެރިވާ އަލިގަދަ ނޫރަކަށް ވެދާނެކަން ދަންނާށެވެ.

ލައިފްސްޓައިލް

އިތުރަށް ←