ވޯލްޑް ކަޕް ފައިނަލުގެ ހަމަނުޖެހުންތަކާ ގުޅިގެން އާޖެންޓީނާގެ ކުޅުންތެރިންނަށް ފީފާއިން ބޮޑެތި އަދަބުތަކެއް
ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗު ނިމުމާއެކު ދަނޑުމަތީގައި ހިނގައިދިޔަ ހޫނުގަދަ ހަމަނުޖެހުންތަކުގެ މައްސަލަ ބެލުމަށްފަހު، އާޖެންޓީނާގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށާއި އޮފިޝަލުންނަށް ދިގު މުއްދަތުގެ ސަސްޕެންޝަންތަކެއް އަދި ބޮޑެތި ޖޫރިމަނާތަކެއް ދިނުމަށް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފިއެވެ.
މި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ބޮޑު އަދަބެއް އައީ އާޖެންޓީނާގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް އަށެވެ. ސްޕެއިންގެ ކުޅުންތެރިންނަށް ހަމަލާދިން ކަމުގެ ކުށުގައި އޭނާ ވަނީ 10 މެޗަށް ސަސްޕެންޑްކޮށް، 90،000 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
އޭގެ އިތުރުން ޑިފެންޑަރު ނަހުއެލް މޮލީނާ ހަތް މެޗަށް، އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާ ތިން މެޗަށް އަދި ތިއާގޯ އަލްމާޑާ އެއް މެޗަށް ސަސްޕެންޑްކޮށްފައިވެއެވެ. މި ހަމަނުޖެހުމުގައި ބައިވެރިވި ސްޕެއިންގެ މިޑްފީލްޑަރު ގަވީއަށް ވެސް ވަނީ އެއް މެޗުގެ ސަސްޕެންޝަނަކާއި 30،000 ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައަޅާފައެވެ.
Ads by BMLމި މައްސަލައިގައި އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަން 321،000 ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، އޭގެ ތެރެއިން 100،000 ޑޮލަރު ހާއްސަކުރަނީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށެވެ. އަދި އާޖެންޓީނާއިން ދެން ކުޅޭ ފީފާގެ ރަސްމީ ދެ މެޗެއްގައި ސަޕޯޓަރުން ވެއްދޭނީ ސްޓޭޑިއަމްގެ ޖާގައިގެ އެންމެ 50 ޕަސެންޓަށެވެ.
އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރި މި ފައިނަލް މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ސްޕެއިންއެވެ. ނަމަވެސް މެޗުގެ ފަހު ވަގުތު ކުޅުންތެރިންގެ މެދުގައި އުފެދުނު ހަމަނުޖެހުން ބޮޑުވެ، ދަނޑުމަތީގައި ވަނީ މާރާމާރީ ހިންގާފައެވެ.
ފީފާއިން އެޅި ހަރުކަށި ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހިގެން އާޖެންޓީނާގެ އެފްއޭއިން ވަނީ އެ ނިންމުން ފީފާގެ އިސްތިއުނާފު ކޮމިޓީގައި ޗެލެންޖްކުރުމަށް ނިންމާފައެވެ. އަދި އެ މަރުހަލާއިން އެދެވޭ ނަތީޖާއެއް ނުލިބިއްޖެނަމަ ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.
Ads by MACL
