ބިނދިފައިވާ ފަޔަކާމެދު އަޅުގަނޑުމެން ކަންތައް ކުރާނީ ހަމަ މިގޮތަށް ހެއްޔެވެ؟
މީހެއްގެ ފައި ބިނދުމުން، އެއީ މާބޮޑު ކަމަކަށް ނުހަދައި ހިނގައިބިނގައިވެ އުޅުމަކަށް އަޅުގަނޑުމެން ބާރެއް ނާޅައެވެ.
ޑޮކްޓަރެއްގެ އެހީތެރިކަން ހޯދާތީ އެއީ ބަލިކަށި މީހެއް ކަމަކަށް ނުބުނަމެވެ. ނުވަތަ އެކަމުން އަވަހަށް އަރައިނުގަނެވިގެން ސުވާލެއްވެސް ނުއުފައްދަމެވެ. އެމީހާއަށް އަނިޔާވެފައިވާ ކަމާއި، އެ އަނިޔާއިން ފަސޭހަވުމަށް ވަގުތު ބޭނުންވާނެކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ. ވީއިރު، ނަފްސާނީ ދުޅަހެޔޮކަމާ މެދު އަޅުގަނޑުމެން ތަފާތު ގޮތަކަށް ދެކެނީ ކީއްވެގެން ހެއްޔެވެ؟
ނަފްސާނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަކީ ގިނަ ފަހަރަށް ލޮލަށް ފެންނަން ހުންނަ ކަންތައްތަކެއް ނޫނެވެ. މީހަކަށް ތަދުވާކަން ސާބިތުކޮށްދޭނެ ބެންޑޭޖެއް ނުވަތަ ފެންނަން އޮތް ޒަޚަމެއް އެކަމަކު ނުހުރެދާނެއެވެ. ހާސްކަމާއި، މާޔޫސްކަމާއި، ނަފްސާނީ ގޮތުން ވަރުބަލިވުން ތަހައްމަލު ކުރަމުންދާ މީހަކު ބޭރުފުށުން ފެންނައިރު ހުރީ ވަރަށް ގަދަވެސަލާމަތުން ކަމަށް ހީވެދާނެއެވެ. އެފަދަ މީހުން ވަޒީފާއަށް ގޮސް، ކިޔަވައި، ރައްޓެހިންނާއެކު ހީނސަމާސާކޮށް، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމުގައި މަޝްއޫލުވެ އުޅެފާނެއެވެ. އަދި ބައެއް ފަހަރު، އެމީހުންގެ ތަދު އެހެން މީހުންނަށް އިހުސާސް ނުވަނީވެސް ހަމަ އެ ސަބަބަށްޓަކައެވެ.
Ads by BMLނަފްސާނީ ބަލިތަކާ މެދު މުޖުތަމައު ދެކޭ ނުރަނގަޅު ގޮތްތަކުގެ ސަބަބުން، ތިމާއަށް ކުރިމަތިވާ ކަންތައްތަކާ މެދު ލަދުގަންނަ ގޮތްވެއެވެ. "މާބޮޑު ކަމަކަށް ހަދަނީ"، "ބަލިކަށީ"، "ސަމާލުކަން ހޯދަން ކުރާ ކަމެއް" ނުވަތަ "މާ ބޮޑަށް ފިކުރު ކުރަނީ" ފަދަ ބަސްތަކުގެ ސަބަބުން އެހީއަކަށް އެދުމުގެ ކުރިން މީހާ ފަސްޖެހެއެވެ. އޯގާތެރިކަމުގެ ބަދަލުގައި އެމީހުން ބިރުގަންނަނީ މީހުން ފާޑުކިޔައި، ގޯސް ގޮތްގޮތަށް މާނަކޮށް، ނުވަތަ ތަފާތުކުރުންތަކެއް ކުރިމަތިވެދާނެތީއެވެ. ނަތީޖާއެއްގެ ގޮތުން، ގިނަ ބަޔަކު އެ ކަންބޮޑުވުންތައް ހިތުގައި ފޮރުވައިގެން ތިބެ ވޭން ތަހައްމަލު ކުރެއެވެ. ނަމަވެސް އެހީތެރިކަމަށް އެދުމަކީ ބަލިކަށިކަމުގެ ނިޝާނެއް ނޫނެވެ. ކައުންސިލަރަކާ، ނަފްސާނީ ބަލިތަކުގެ ޑޮކްޓަރަކާ، ނުވަތަ އިތުބާރު ހިފޭ ރަހުމަތްތެރިއަކާ ނުވަތަ އާއިލާގެ މީހަކާ ވާހަކަދެއްކުމަކީ ތިމާ ނާކާމިޔާބުވުމެއް ނޫނެވެ. އެއީ ތިމާއަށް އެހީތެރިކަން ބޭނުންވާކަން އަމިއްލައަށް ގަބޫލުކުރުމެވެ.
އަޅުގަނޑުމެން ބޭނުންކުރާ ބަސްމަގަށްވެސް އަމިއްލައަށް ސަމާލުވާންޖެހެއެވެ. ބައެއް ފަހަރު އަޅުގަނޑުމެން ބުނެލާ އާދައިގެ ބަހަކުންވެސް، ނޭނގި ނަމަވެސް ނަފްސާނީ ބަލިތަކާ މެދު އޮންނަ ނުރަނގަޅު ތަސައްވުރު އިތުރުވެގެން ހިނގައިދާނެއެވެ. "ހުރިހާ އެންމެންނަށްވެސް މައްސަލަތައް ދިމާވާނެ" ކަމަށް ބުނުމަކީ ހިތްވަރު ދިނުމުގެ ގޮތުން ބުނާ ބަހެއް ކަމުގައި ވިޔަސް، އޭގެ ސަބަބުން އެމީހާގެ ތަދަކީ އެއްވެސް މާނައެއް ނެތް ކަމެއް ކަމުގައި އިހުސާސް ކުރެވިދާނެއެވެ. ކަންކަން ކުޑަކޮށް ނުކިރުމާއި، ވަގުތުން ފާޑުނުކިޔުމާއި، ނުވަތަ ހައްލުތަކެއް ދެއްކުމުގެ ބަދަލުގައި ހަމައެކަނި އަޑުއަހާލުމަކީވެސް އަނެކާއަށްދެވޭ އެހީތެރިކަމަކަށް ވެދާނެއެވެ.
ނަފްސާނީ ބަލިތަކާ މެދު އޮންނަ ނުރަނގަޅު ތަސައްވުރު ނައްތާލުމަކީ ބޮޑެތި ކަންތައްތަކެއް ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަން ފެށެނީ އާދައިގެ ވާހަކަތަކުންނެވެ. އެއީ ނަފްސާނީ ދުޅަހެޔޮކަމަކީ ލަދުވެތި ކަމެއް ކަމަށް ދެކުން ހުއްޓާލުމުންނެވެ. އެކަން ފެށެނީ "ހަގީގަތުގައިވެސް ކިހިނެއްތަ؟" މިހެން އަހާލައި، އެ ސުވާލުގެ ޖަވާބު އިޚްލާޞްތެރިކަމާއެކު އަޑުއަހަން ދަސްކުރުމުންނެވެ. މީހަކަށް އެހީތެރިކަމާއި އަޅާލުން ހައްގުވުމަށްޓަކައި، އެމީހާއަކީ ބޭރުފުށުން ބަލިކަށި މީހަކަށް ވާކަށް ނުޖެހެއެވެ. ނަފްސާނީ ދުޅަހެޔޮކަމަކީވެސް ސިއްހަތެވެ. ޖިސްމާނީ އަނިޔާއަކަށް ފަރުވާ ހޯދާތީ މީހަކަށް މަލާމާތް ނުކުރާ ފަދައިން، ފެންނަން ނެތް އަނިޔާއަކަށް އެހީ ހޯދާތީވެސް މީހަކު ދަށްކޮށްލައިގެން ނުވާނެއެވެ. ލޮލަށް ނުފެންނާތީވެ، މީހުން އެމީހުންގެ ޒަޚަމްތައް ފޮރުވައިގެން ތިބުމަށް ބާރުއެޅުން ހުއްޓާލަންވީ ވަގުތަކީ މިއީ ކަމަށް ވެދާނެއެވެ. އަދި މި ބަދަލު ޚުދު ތިމާގެ އަމިއްލަ ނަފުސުން ފަށަމާ ހިނގާށެވެ.
Ads by MACL
