ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ނަފްސާނީ ވަރުބަލިކަން، ސަމާލުވާންޖެހޭ މުހިންމު ކަމެއް!

ނަފްސާނީ ވަރުބަލިކަން، ސަމާލުވާންޖެހޭ މުހިންމު ކަމެއް!

ނަފްސާނީ ގޮތުން މީހާ ބަލިކަށިވެ، "ބާންއައުޓް" ވުމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ވަރުބަލިވުމެއް ނޫނެވެ.

ބައެއް ފަހަރު، އެއީ މަސައްކަތަށް ގަޑިއަށް ނިކުމެ، މެސެޖުތަކަށް ޖަވާބުދީ، މީހުންނާ ބައްދަލުވާއިރު ހިނިތުންވެ ހުރެ، "އަހަރެން ރަނގަޅޭ" ބުނާ މީހާގެ ކިބައިން ވެސް ފެންނަ ކަމެކެވެ. އެފަދަ މީހުން ކަނޑައެޅިފައިވާ ވަގުތަށް މަސައްކަތްތައް ނިންމައި، އެހެން މީހުންނަށް އެހީތެރިވެ، ޒިންމާތައް އުފުލަމުން ދިޔަ ނަމަވެސް، އެމީހުންގެ އަމިއްލަ ނަފްސާ މެދު އޮންނަ އިހުސާސްތައް މަޑުމަޑުން ފަނޑުވަމުންދެއެވެ. މިއީ އެކަކަށްވެސް ފާހަގަނުވާ، ސިއްރުވެފައިވާ ނަފްސާނީ ވަރުބަލިކަމެވެ.

އާންމުކޮށް އަޅުގަނޑުމެންނަށް ހީވަނީ "ބާންއައުޓް" ވުމަކީ ހަމައެކަނި ހަށިގަނޑު ޖިސްމާނީގޮތުން ވަރުބަލިވުން ކަމަށެވެ. ނަމަވެސް މިއީ މާ ހިމޭން ކަމެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ކުރިން ކުރާހިތްވި ކަންކަމަށް އޮންނަ ޝައުގުވެރިކަން ކުޑަވުމާއި، ކުދިކުދި ކަންކަމާ މާ އަވަހަށް ރުޅިއައުން ހިމެނެއެވެ. އަމިއްލަ އިހުސާސްތައް ބަޔާންކޮށްދޭނެ ހަކަތަ ނެތުމުގެ ސަބަބުން މީހުންނާ ވާހަކަދެއްކުމުން ދުރުހެލިވެވެއެވެ. އެކަނި ހުންނަން ބޭނުންވަނީ މީހުން ދެކެ ފޫހިވާތީއެއް ނޫނެވެ. ނަމަވެސް އެހެން މީހުންގެ ތެރޭގައި އުޅުމަކީވެސް އިތުރު ޒިންމާއެއްގެ ގޮތުގައި އިހުސާސް ކުރެވޭތީއެވެ. ބައެއް ފަހަރު، ކުރަން ހުރި ކަންކަމުގެ ލިސްޓަށް ބަލަހައްޓައިގެން ގަޑިއެއްހާއިރު ހުންނައިރުވެސް، އެއްވެސް ކަމެއް ފަށާނެ ހިތްވަރެއް ނުހުރެއެވެ. އަދި ކިތަންމެ ގިނައިރު ނިދި ނަމަވެސް، ވަރުބަލިކަން ނުފިލާ ހުރެއެވެ. ބޭރުފުށުން ހުރިހާ ކަމެއް ފުރިހަމައަށް ކުރަމުންދާއިރު، އެތެރެހަށި މުޅިން ހުސްވެފައިވާކަމުގެ އިހުސާސް ކުރެވެއެވެ. މީގެ އެންމެ ދަތި ކަމަކީ، މިފަދަ ހާލަތެއްގައި ތިބޭ މީހުން އެމީހުންގެ ދިރިއުޅުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުން ދިއުމެވެ. އެމީހުން ވަޒީފާއަށް ދެއެވެ. ކިޔަވަން ދެއެވެ. އާއިލާގެ ކަންކަން ބަލަހައްޓައެވެ. އަދި އެހެން މީހުން އެމީހުންގެ ކިބައިން އުންމީދުކުރާ ކަންކަން ފުރިހަމަކޮށްދެއެވެ. އެމީހުންގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާތީ، "ތިހުރީ ހަމަ އަސްލުވެސް ރަނގަޅަށްތޯ؟" އަހާލާނެ މީހަކު ނުވެއެވެ.

ނަފްސާނީ ގޮތުން ބަލިކަށިވަނީ ހަމައެކަނި ގިނަ މަސައްކަތް ކުރުމަކުން ނޫނެވެ. އެއީ އެކަށީގެންވާ އަރާމާއި، އެހީތެރިކަމާއި، ވަގުތު ނުލިބި، އަމިއްލަ ނަފްސަށްވުރެ ބޮޑަށް މާގިނަ ދުވަހު އެހެން ކަންކަމަށް ހަކަތަ ހުސްކުރުމުގެ ނަތީޖާއެވެ. އަޅުގަނޑުމެން އުޅެމުން މިދަނީ އަބަދު މަސައްކަތުގައި މަސްއޫލުވެ އުޅުމަކީ ފަހުރުވެރިވާންޖެހޭ ކަމެއްގެ ގޮތުގައި ދެކޭ މުޖުތަމައެއްގައެވެ. މީހާ ބޮޑަށް ވަރުބަލިވުމަކީ މަސައްކަތްތެރިކަމުގެ ހެއްކެއްގެ ގޮތުގައި ބެލެވެއެވެ. "އަހަރެން މިހިރީ ވަރަށް ވަރުބަލިވެފައި" ކަމަށް ބުނުމަކީ މަޖާ ކަމަކަށް ވެސް ހަދަމެވެ. ނަމަވެސް، އެއްވެސް ހަކަތައެއް ނެތި އަބަދު ދުވުމަކީ ފަހުރުވެރިވާންޖެހޭ ދިރިއުޅުމުގެ ވައްޓަފާޅިއެއް ނޫނެވެ. އަރާމުކުރުމަކީ ކަންނެތްވުމެއް ނޫނެވެ. ކަންކަމުން ކުޑަކޮށް ދުރަށްޖެހިލުމަކީ ބަލިކަށިވުމެއް ނޫނެވެ. އަދި މީހުންނާ ދުރުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވުމަކީ އެހެން މީހުންނަށް އަޅާނުލުމެއްވެސް ނޫނެވެ. ބައެއް ފަހަރު، އެންމެ ޒިންމާދާރު ގޮތަކީ މަޑުޖެހިލުމެވެ.

ތިމާގެ ސިކުނޑިއާއި ހަށިގަނޑުން ދެމުންދާ ހިމޭން އިޝާރާތްތަކަށް ސަމާލުކަން ދޭށެވެ. ބައެއް ކަންކަމަށް "ނޫނެކޭ" ބުނުމުގެ ހުއްދަ އަމިއްލަ ނަފްސަށް ދޭށެވެ. ފޯނު ދުރުގައި ބާއްވާށެވެ. ހިނގާލަން ދާށެވެ. ނިދާށެވެ. އިތުބާރު ކުރެވޭ މީހަކާ ވާހަކަދައްކާށެވެ. ހިތްހަމަޖެހޭ ކަމެއް ކޮށްލާށެވެ. އަދި އަބަދު އުފަލުގައި އުޅޭ މީހަކު ކުއްލިއަކަށް އެކަހެރިވާން ފަށައިފިނަމަ، ނުވަތަ ހީވާގި މީހަކު އާދަޔާ ހިލާފަށް ވަރުބަލިވެފައި ހުރިނަމަ، ނޫނީ އަބަދު "ރަނގަޅޭ" ބުނާ މީހަކު މީހުންނާ ދުރުވާން ފަށައިފިނަމަ، އެމީހާގެ ހާލު ބަލާށެވެ. ދަތިތަކާ ކުރިމަތިލާ ކޮންމެ މީހަކީ ބޭރުފުށުން އެކަން ދައްކާނެ މީހެއް ނޫނެވެ. ބައެއް ފަހަރު، ނަފްސާނީ ވަރުބަލިކަން ފޮރުވިފައިވަނީ ހިނިތުންވުމެއްގެ ފުރަގަހުގައެވެ. އަދި ހުރިހާ ކަމެއް ފުރިހަމައަށް ކުރަމުންދާ ކަމަށް ފެންނަ މީހާއަކީ، ހަގީގަތުގައި "ކިހިނެއްތޯ" އަހާލާނެ މީހަކަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މީހާ ކަމުގައި ވެސް ވެދާނެކަން ދަންނާށެވެ.

 

ލައިފްސްޓައިލް

އިތުރަށް ←