ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ޔޫޓިއުބް ޗެލެންޖެއް ފުރިހަމަކުރަން އިންޑިއާގައި ދެ ކުޑަކުދިން ގެއިން ފިލައިފި

ޔޫޓިއުބް ޗެލެންޖެއް ފުރިހަމަކުރަން އިންޑިއާގައި ދެ ކުޑަކުދިން ގެއިން ފިލައިފި

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މީރުޓް ކައިރީގައި އޮންނަ ހަސްތިނާޕޫރުގައި، ޔޫޓިއުބުން ފެނުނު "ސީކްރެޓް ހައުސް" ގޭމް ވީޑިއޯއަކުން ނަމޫނާ ނަގައިގެން ދެ ކުޑަކުދިން ގެއިން ފިލައިގެން ހިނގައްޖެއެވެ.

އުމުރުން 11 އަހަރާއި 7 އަހަރުގެ މި ދެ ކުދިން ގެއިން ނުކުމެގެން ގޮސްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެ ކުދިން ވަނީ ފާމްހައުސްއެއް ކައިރީގައި އޮތް އެކަހެރި ސަރަޙައްދެއްގައި "24 ގަޑިއިރުގެ ޗެލެންޖް" ފުރިހަމަކުރުމަށްޓަކައި ސިއްރު މަރުކަޒެއް (ބޭސް އެއް) ހަދައިގެން ފިލާ ތިބެފައެވެ.

ހަސްތިނާޕޫރުގެ ބީ-ބްލޮކް ކޮލޮނީގެ ރައްޔިތުން ކަމަށްވާ މި ދެ ކުދިން ކުއްލިއަކަށް ގެއްލުމުން، އެ ކުދިންގެ ޢާއިލާއިން އަވަށްޓެރި ސަރަޙައްދުތަކާއި ތިމާގެ މީހުންގެ ގެތައް ހޯދުމަށްފަހު ފެންނަ ގޮތް ނުވުމުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ކަމަށް މަވާނާގެ ސާކަލް އޮފިސަރު ޕަންކަޖް ލަވާނިއާ ވިދާޅުވިއެވެ.

ފުލުހުންނާއި "މިޝަން ޝަކްތީ" ޓީމު ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތުން، ރިޕޯޓްކުރިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ތެރޭގައި އެ ދެ ކުދިން ސަލާމަތްތެރިކަމާއެކު ހޯދައި، އެ ކުދިންގެ ޢާއިލާއާ ވަނީ ހަވާލުކޮށްފައެވެ.

މި ކުޅިވަރަކީ ވަކި ޤަވާޢިދުތަކަކަށް ތަބާވެގެން، 24 ގަޑިއިރު ވަންދެން ސިއްރު މަރުކަޒެއް ހަދައިގެން އޭގެ އެތެރޭގައި ފިލައި ތިބެންޖެހޭ ކުޅިވަރެކެވެ. ފުލުހުން ސުވާލުކުރުމުން އެ ކުދިން ބުނެފައިވަނީ، މިފަދަ ގޭމިންގ ވީޑިއޯތައް ޔޫޓިއުބުން ބެލުމަށްފަހު އަމިއްލައަށް އެ ތަޖުރިބާ ކޮށްލުމުގެ ޝައުޤުގައި މިކަން ކުރީ ކަމަށެވެ.

ލައިފްސްޓައިލް

އިތުރަށް ←