ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

މާކް ޒަކަރބާގް އަޔަރލޭންޑުން 35 މިލިއަން ޑޮލަރުގެ 196 އަހަރުވީ ޤަދީމީ ގަނޑުވަރެއް ގަނެފި

މާކް ޒަކަރބާގް އަޔަރލޭންޑުން 35 މިލިއަން ޑޮލަރުގެ 196 އަހަރުވީ ޤަދީމީ ގަނޑުވަރެއް ގަނެފި

ޓެކްނޮލޮޖީ ބިލިއަނަރު އަދި މެޓާގެ ސީއީއޯ މާކް ޒަކަރބާގް އާއި އޭނާގެ އަނބިކަނބަލުން ޕްރިސިލާ ޗާން، އަޔަރލޭންޑުގެ ކައުންޓީ ވޯޓަފޯޑުގައި ހުރި ތާރީޚީ 'ސްޓްރެންކެލީ ކެސަލް' ގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފޯޗޫން މަޖައްލާއިން ރިޕޯޓްކޮށްފައިވާ މި މުއާމަލާތަކީ އާންމު މާކެޓަށް ނުނެރެ ސިއްރިއްޔާތުގައި ހިންގާފައިވާ މުއާމަލާތެކެވެ.

މި މުދަލުގެ ރަސްމީ އަގު ހާމަކޮށްފައި ނުވި ނަމަވެސް، ދަ އައިރިޝް ޓައިމްސް އިން ލަފާކުރާ ގޮތުގައި މި ގަނޑުވަރު ގަނެފައިވަނީ 20 އިން 30 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 23.3 އިން 35 މިލިއަން އެމެރިކާ ޑޮލަރު) އާ ދެމެދުގެ އަގެއްގައެވެ. 440 އޭކަރު ނުވަތަ 178 ހެކްޓަރުގެ ބޮޑު ބިމެއްގައި ހުންނަ މި ގަނޑުވަރަކީ، މެޓާގެ ބައިނަލްއަޤްވާމީ މައި މަރުކަޒު އަޔަރލޭންޑުގައި ހުންނާތީ، ޒަކަރބާގްގެ އާއިލާއިން އެ ގައުމަށް ކުރާ ދަތުރުތަކުގައި ޔޫރަޕްގެ މައި ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް ގަތް ތަނެކެވެ.

ސްޓްރެންކެލީ ކެސަލް އަކީ 196 އަހަރުވީ ދުވަސްވީ ތާރީޚީ އިމާރާތެކެވެ. މި ތަން ބިނާކޮށްފައިވަނީ 1827 އާއި 1830 އާ ދެމެދު، ކުރީގެ ޓޯރީ އެމްޕީ ޖޯން ކައިލީގެ އިރުޝާދުގެ ދަށުން، މަޝްހޫރު އާކިޓެކްޓުން ކަމަށްވާ ޖޭމްސް އަދި ޖޯޖް ރިޗަރޑް ޕެއިން އެވެ. ގޮތިކް ރިވައިވަލް ފަރުމާއަށް ހަދާފައިވާ ތިން ބުރީގެ މި ގަނޑުވަރުގައި 11 ކޮޓަރި ހިމެނޭއިރު، ބްލެކްވޯޓަރ ކޯރަށް ވާގޮތަށް ހުންނަ މި ބިމުގައި މާބަލް ފަޔަރޕްލޭސްތަކާއި، ފަތާ ތަނެއްގެ އިތުރުން ހިތްގައިމު ބަގީޗާތައް އެކުލެވިގެންވެއެވެ.

ފާއިތުވި 25 އަހަރު ވަންދެން މި ގަނޑުވަރުގެ މިލްކުވެރިންނަކީ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ އާރްއޭބީ ކެޕިޓަލްގެ ކޯ-ފައުންޑަރ މައިކަލް އެލެން-ބަކްލީ އާއި އޭނާގެ އަނބިކަނބަލުން ޖިއަންކާލާއެވެ. އެ ދެމަފިރިން ވަނީ 2003 ވަނަ އަހަރު މި މުޅި ގަނޑުވަރު ފުރިހަމައަށް މަރާމާތުކޮށް އަލުން އާބާތުރަ ފިލުވާފައެވެ.

މި މުއާމަލާތާ ގުޅިގެން ޒަކަރބާގްގެ ތަރުޖަމާނު ބުނެފައިވަނީ، މި ތާރީޚީ ގެކޮޅު ބަލަހައްޓައި އަޔަރލޭންޑުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބުމަކީ މާކް އާއި އޭނާގެ އާއިލާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަޔަރލޭންޑުގެ މިފަދަ އަގުބޮޑު ތާރީޚީ ތަންތަން ދުނިޔޭގެ މަހުޖަނުން ގަތުމަކީ އާ ކަމެއް ނޫނެވެ.

އެގޮތުން 2024 ވަނަ އަހަރު ޑައިސަންގެ ބާނީ ޖޭމްސް ޑައިސަން ވަނީ 'ބެލީނަޓްރޭ ހައުސް' އަދި ސްޓްރައިޕްގެ ކޯ-ފައުންޑަރ ޖޯން ކޮލިސަން ވަނީ 'އެބީ ލީކްސް' ވެސް ބައްލަވައިގެންފައެވެ.

 

ލައިފްސްޓައިލް

އިތުރަށް ←