ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އޫރެއްގެ ކިޑްނީ އިން މީހަކު 9 މަސް ވަންދެން ދިރިހުރެއްޖެ

އޫރެއްގެ ކިޑްނީ އިން މީހަކު 9 މަސް ވަންދެން ދިރިހުރެއްޖެ

އޫރެއްގެ ކިޑްނީ އިންސާނެއްގެ ގަޔަށް ލައްވައިގެން ރެކޯޑު މުއްދަތެއް ކަމަށްވާ ނުވަ މަސް ދުވަސް ވަންދެން އެމީހާ ދިރިހުރެ، ބޭސްވެރިކަމުގެ ތާރީޚުގައި އާ ކާމިޔާބީއެއް ހޯދައިފިއެވެ. މި އޮޕަރޭޝަނަކީ އިންސާނެއްގެ ގުނަވަނެއް ލިބެންދެން ވަގުތީ "ފާލަމެއް" ނުވަތަ ބްރިޖެއްގެ ގޮތުގައި ޖަނަވާރެއްގެ ގުނަވަން ބޭނުންކޮށްގެން ދުނިޔޭގައި ވެސް ހޯދުނު ފުރަތަމަ މިފަދަ ބޮޑު ކާމިޔާބީއެވެ.

އެމެރިކާގެ މެސެޗޫސެޓްސް ޖެނެރަލް ހޮސްޕިޓަލުގައި ހެދި މި އޮޕަރޭޝަނަކީ، ޓައިޕް 2 ހަކުރުބަލީގެ ސަބަބުން ގުރުދާ މުޅިން ފެއިލްވެފައިވާ އުމުރުން 66 އަހަރުގެ ޓިމް އެންޑްރޫސްއަށް ފުރާނަ ސަލާމަތްކުރުމަށް ދެވުނު އާ އުއްމީދެކެވެ. އޭނާއަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އިންސާނެއްގެ ގުރުދާއެއް ލިބުމުގެ ފުރުސަތު އެންމެ 9 އިންސައްތައިގައި އޮތްއިރު، ޑޯނަރަކަށް އިންތިޒާރު ކުރަނިކޮށް މަރުވުމުގެ ނުވަތަ ލިސްޓުން ވަކިވާންޖެހުމުގެ ނުރައްކާ 40 އިންސައްތައަށް ވުރެ މަތީގައި އޮތެވެ.

މި އޮޕަރޭޝަނަށް ބޭނުންކޮށްފައިވަނީ "ވިލްމާ" ނަމަކަށް ކިޔާ އޫރެއްގެ ކިބައިން ނަގައި، އިންސާނާގެ ދިފާއީ ނިޒާމުން ބޭރުކޮށްނުލާނޭހެން ޖެނެޓިކަލީ ބަދަލުތަކެއް ގެނެސްފައިވާ ގުރުދާއެކެވެ. މި ގުރުދާގެ އެހީގައި އޭނާ ވަނީ ޑަޔަލިސިސް ހަދަން ނުޖެހި ނުވަ މަސް ދުވަސް ހޭދަކޮށްފައެވެ.

އޫރުގެ ގުރުދާގެ އެހީގައި ނުވަ މަސް ވަންދެން ދިރިހުރުމަށްފަހު، އެންމެ ފަހުން އޭނާއަށް ވަނީ އިންސާނެއްގެ ގުރުދާއެއް ލިބި، އެ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ހަދާފައެވެ. މިއީ ދުނިޔޭގައި ގުނަވަންތައް ނުލިބިގެން ފުރާނަ ގެއްލޭ އެތައް ހާސް ބަޔަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

ލައިފްސްޓައިލް

އިތުރަށް ←