ކިރްގިސްތާނާއި ލުބުނާނާ ދެކޮޅަށް ރާއްޖެ އެކުވެރިކަމުގެ މެޗުތަކަކަށް ނުކުންނަނީ
ބައިނަލްއަގުވާމީ މެޗުތަކަށް ކުޅުންތެރިން ވީއްލާ ފީފާ ބްރޭކުގެ ތެރޭގައި، ރާއްޖެއަށްވުރެ ރޭންކިންގެ ގޮތުން މާ ކުރީގައި އޮތް ކިރްގިސްތާނާއި ލުބުނާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ރަސްމީކޮށް ތާވަލުކޮށްފައެވެ.
މި ދެ މެޗަކީވެސް ރާއްޖޭގެ ސީނިއާ ގައުމީ ޓީމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވާދަވެރި މާހައުލަކުން މުހިންމު ތަޖުރިބާތަކެއް ހޯދައިދިނުމުގެ މަގުސޫދުގައި ހަމަޖައްސާފައިވާ މެޗުތަކެކެވެ.
ކިރްގިސްތާނުގައި ކުރިއަށްދާ މި ދަތުރުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ނުކުންނާނީ އެ ގައުމާ ދެކޮޅަށެވެ. ދުނިޔޭގެ ފީފާ ރޭންކިންގެ 106 ވަނަ އަދި އޭޝިއާ ސަރަހައްދުގެ 19 ވަނައިގައި އޮތް ކިރްގިސްތާނަކީ ފަހަކަށް އައިސް އޭޝިއާގެ ބޮޑެތި މުބާރާތްތަކުގައިވެސް ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ.
Ads by BMLމި ބްރޭކުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެ މެޗުގައި ރާއްޖެ ވާދަކުރާ ލުބުނާނަކީ ދުނިޔޭގެ ރޭންކިންގެ 107 ވަނައިގައި އަދި އޭޝިއާގެ 20 ވަނައިގައި އޮތް ޓީމަކަށް ވާއިރު، މިވަގުތު ދުނިޔޭގެ ރޭންކިންގެ 173 ވަނަ އަދި އޭޝިއާގެ 33 ވަނައިގައި އޮތް ރާއްޖެއަށް މިއީ ފެންވަރު ވަޒަންކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
ދިވެހި ފުޓުބޯޅަ އަލުން އާރާސްތުކޮށް ވާދަވެރިކަން އިތުރުކުރުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގައުމީ ޓީމަށް އިރުޝާދު ދެމުން އަންނަނީ ހަންގޭރީގެ ތަޖުރިބާކާރު ކޯޗު އިސްޓަވާން އުރުބާނީއެވެ. އުރުބާނީގެ ބެލުމުގެ ދަށުން ރާއްޖެއިން އެންމެ ފަހުން ވާދަކުރީ ޖޫން މަހު މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައެވެ.
އެ މުބާރާތުގައި ވާދަކުރި ތިން މެޗުގެ ތެރެއިން އަފްޣާނިސްތާނާއި ޕާކިސްތާން އަތުން ރާއްޖެ ބަލިވި ނަމަވެސް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ވަނީ އެއްވަރުވެފައެވެ. އޭގެ ކުރިން މިދިޔަ މާޗު މަހު ކުޅުނު އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުގައި ރާއްޖެއިން ވަނީ 1-3 ގެ ނަތީޖާއަކުން ޓިމޯ ލެސްޓޭގެ މައްޗަށް ކާމިޔާބީ ހޯދާފައެވެ.
ފަހަކަށް އައިސް ގައުމީ ލީގުގެ ކުޅުން މެދުކެނޑި ފުޓުބޯޅައިގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސްފައި އޮތުމަށްފަހު، މިފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މެޗުތަކެއް ހަމަޖެހިގެން ދިއުމަކީ ގައުމީ ޓީމުގެ މެޗު ފިޓްނަސް ހިފެހެއްޓުމަށާއި ކުރިއަށް އޮތް ރަސްމީ މުބާރާތްތަކަށް ޓީމު ބިނާކުރުމަށް ލިބޭ ވަރަށް މުހިންމު ބާރެކެވެ.
Ads by MACL
