ރޮނާލްޑޯ ބާކީވެ، މެސީ ބެލޮންޑިއޯއަށް ނޮމިނޭޓްވެއްޖެ
ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އެވޯޑް ކަމަށްވާ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނޮމިނޭޝަން ލިސްޓު އިއުލާންކުރިއިރު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލިސްޓުން ބާކީވެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މި ލިސްޓުގައި ހިމެނިއްޖެ އެވެ.
މިއީ 2003 ވަނަ އަހަރުގެ ފަހުން ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ލިސްޓުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޖާގަ ނުލިބި ބާކީވި ފުރަތަމަ ފަހަރެވެ.
ފާއިތުވި 20 އަހަރު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނުނު މި ދެ ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯ ވަނީ މިހާތަނަށް ފަސް ފަހަރު މި އެވޯޑް ހާސިލްކޮށްފަ އެވެ.
އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ލިއޮނަލް މެސީ ބެލޮންޑިއޯ ލިސްޓުގައި ހިމެނުނުއިރު، އޭނާ އަކީ މި ފަހަރުގެ އެވޯޑް ހާސިލްކުރުމަށް އެންމެ ކުރީގައި އުޅޭ އެއް ކުޅުންތެރިޔާ އެވެ.
މެސީ ވަނީ މިހާތަނަށް ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފަ އެވެ.
މި ފަހަރުގެ ނޮމިނޭޝަން ލިސްޓުގައި މެސީގެ އިތުރުން ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި މެންޗެސްޓާ ސިޓީއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން އާލިން ހާލަންޑް ފަދަ ތަރިން ހިމެނެ އެވެ.
ހާލަންޑަކީ ވޭތުވެދިޔަ ސީޒަނުގައި ސިޓީއަށް ޓްރެބަލް ކާމިޔާބުކޮށްދިނުމުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.
ބެލޮންޑިއޯ އެވޯޑަށް ކުޅުންތެރިން ހޮވުމުގައި ބަލަނީ ވޭތުވެދިޔަ ސީޒަނުގައި ކްލަބް ފެންވަރާއި ގައުމީ ޓީމު ފެންވަރުގައި ކުޅުންތެރިން ދައްކާފައިވާ ކުޅުމަށެވެ.
ރޮނާލްޑޯ މިހާރު ކުޅެމުންދަނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރު ކްލަބަށެވެ.
Ads by MACL
