ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ޝަރަފު ހޯދަން ކޮސްޓަރީކާގެ 119 އަހަރުގެ މީހަކު މަސައްކަތް ފަށައިފި

ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ޝަރަފު ހޯދަން ކޮސްޓަރީކާގެ 119 އަހަރުގެ މީހަކު މަސައްކަތް ފަށައިފި

ދުނިޔޭގައި މިހާރު ދިރިހުރި އެންމެ ދުވަސްވީ މީހާގެ ގޮތުގައި ބަލައިގަތުމަށް އެދި ކޮސްޓަރީކާގެ އުމުރުން 119 އަހަރުގެ ފިރިހެނަކު މަސައްކަތް ފަށައިފިއެވެ.

ކޮސްޓަރީކާގެ ޕެސިފިކް އައްސޭރިފަށާ ކައިރީގައި އޮންނަ ސަރޑިނަލް އަވަށުގެ އާދައިގެ ލަކުޑި ގެއެއްގައި ދިރިއުޅޭ ހޯސޭ ފްލޮރޭސް އަކީ މުޅި އުމުރު ދަނޑުވެރިކަމުގައި ހޭދަކޮށްފައިވާ މީހެކެވެ. އޭނާގެ އައިޑެންޓިޓީ ކާޑުގައި ވާގޮތުން އޭނާ އުފަންވެފައިވަނީ 11 ޖުލައި 1907 ގައެވެ.

އޭނާގެ އުފަން ތާރީޚު ކަށަވަރުކުރުމަށްޓަކައި ގިނީސް ވޯލްޑް ރެކޯޑްސް ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުން ބަލަންޖެހޭ ލިޔެކިޔުންތައް މުރާޖަޢާކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިގޮތުން އުފަންދުވަހުގެ ސެޓްފިކެޓާއި، ބެޕްޓިޒަމް ސެޓްފިކެޓުގެ އިތުރުން ފަހުގެ އެކި މަރުހަލާތަކާ ގުޅޭ ތާރީޚީ ގިނަ ލިޔުންތަކެއް ވަނީ އެއްކޮށްފައެވެ.

ސަރޑިނަލް ހިމެނެނީ ދުނިޔޭގައި އުމުރުން 100 އަހަރުން މަތީގެ މީހުން ގިނަ އަދި ދުޅަހެޔޮ ދިގު އުމުރެއް ލިބޭ ސަރަޙައްދުތަކުގެ ގޮތުގައި ފާހަގަކުރެވޭ މަޝްހޫރު "ބްލޫ ޒޯން" ގެ ގޮތުގައި ހިމެނޭ ނިކޯޔާ ޕެނިންސިއުލާގައެވެ. މި ސަރަޙައްދުގެ މީހުންނަށް ދިގު އުމުރެއް ލިބުމުގެ ސަބަބުތަކުގެ ތެރޭގައި ކެލްސިއަމް އަދި މެގްނީޒިއަމް މުއްސަނދި ފެނާއި، ޒުވާރިއާއި ތޮޅީގެ ބާވަތްތައް އެކުލެވޭ ކާނާއާއި، ޖިސްމާނީ ބުރަ މަސައްކަތާއި، ޢާއިލީ ވަރުގަދަ ގުޅުން އަދި ހިތްހަމަޖެހޭ ދިރިއުޅުމުގެ ވައްޓަފާޅި ހިމެނެއެވެ.

ހޯސޭ ފްލޮރޭސްގެ ކާފަދަރިފުޅު އަދި އޭނާ ބަލަހައްޓަމުން އަންނަ ހެލެން ފްލޮރޭސް ބުނިގޮތުގައި، ކާފަގެ ދިގު އުމުރުގެ އެންމެ ބޮޑު ސިއްރަކީ ޢާއިލާގެ ލޯތްބާއި އަޅާލުމެވެ. އަދި މި ރެކޯޑް ކަށަވަރުވެގެން ދިއުމަކީ މުޅި ޢާއިލާއަށާއި މުޅި ޤައުމަށްވެސް ލިބޭނެ ވަރަށް ބޮޑު ފަޚުރެކެވެ.

ހޯސޭ ފްލޮރޭސްގެ 8 ދަރިންނާއި، 23 ކާފަދަރިންނާއި، 25 މުނިކާފަދަރިންގެ ދުނިޔޭގައި އެބަތިއްބެވެ.

މިހާރު ދުނިޔޭގައި ދިރިހުރި އެންމެ ދުވަސްވީ މީހާގެ ރަސްމީ ރެކޯޑް އޮތީ އިނގިރޭސިވިލާތުގެ އެތެލް ކެޓަރހަމް އަށެވެ. 21 އޯގަސްޓް 1909 ގައި އުފަންވި އެތެލް އަށް 2026 ވަނަ އަހަރު ވަނީ 117 އަހަރު ފުރިފައެވެ. އެތެލް އަށް މި ޝަރަފު ލިބުނީ، ކުރިން އެ ރެކޯޑް އޮތް ބްރެޒިލްގެ އުމުރުން 116 އަހަރުގެ އީނާ ކަނަބާރޯ ލޫކަސް 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ނިޔާވުމާ ގުޅިގެންނެވެ.

ލައިފްސްޓައިލް

އިތުރަށް ←