ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ރީތި އަންހެނާގެ އާ މިއުޒިކް ވީޑިއޯ އައިފޯން 18 ޕްރޯ އިން ނަގައިފި

ޓީސީ ކޭންޑްލަރ އިން ހޮވި ދުނިޔޭގެ އެންމެ ރީތި 100 އަންހެނުންގެ ލިސްޓުގެ އެއްވަނަ ހޯދާފައިވާ ރޯޒޭ ---
ޓީސީ ކޭންޑްލަރ އިން ހޮވި ދުނިޔޭގެ އެންމެ ރީތި 100 އަންހެނުންގެ ލިސްޓުގެ އެއްވަނަ ހޯދާފައިވާ ރޯޒޭ ---

ބްލެކްޕިންކްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރޯޒޭގެ ކުރިއަށް އޮތް އާ ލަވަ "ނިއު ޓްރިކް" ގެ މިއުޒިކް ވީޑިއޯ، އެޕަލްގެ އާ އައިފޯން 18 ޕްރޯ ބޭނުންކޮށްގެން ޝޫޓްކޮށްފިއެވެ. މި ވީޑިއޯ ޑައިރެކްޓްކޮށްފައިވަނީ އެމެރިކާގެ ޑައިރެކްޓަރެއް ކަމަށްވާ ޑޭވް މެޔާސްއެވެ.

އުމުރުން 29 އަހަރުގެ ކޭ-ޕޮޕް ތަރި ބުރާސްފަތި ދުވަހު ނެރުނު މި ލަވައިގެ ޓީޒާއިން ފެނިގެންދަނީ ސްކޫލް ކުއްޖެއްގެ ގޮތަށް ހެދުން އަޅައިގެން ހުންނަ މަންޒަރެވެ. ބޮޑު ގަނޑުވަރެއްގެ ގޯތިތެރޭގައި އޭނާ ހުންނައިރު، އަތުގައި އޮންނަ ދަނބު ކުލައިގެ ލޮލީޕޮޕްގައި "ނިއު ޓްރިކް" އަދި "ޝޮޓް އޮން އައިފޯން 18 ޕްރޯ" ޖަހާފައިވެއެވެ. މިއީ އެޕަލްގެ "ޝޮޓް އޮން އައިފޯން" ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ.

މި ވީޑިއޯ ޑައިރެކްޓްކުރި މެޔާސް އަކީ 2025 ވަނަ އަހަރު ނެރުނު ބްލެކްޕިންކްގެ އެންމެ މަގުބޫލު އެއް ސިންގަލް ކަމަށްވާ "ޖަމްޕް" ގެ ވީޑިއޯވެސް ޑައިރެކްޓްކުރި ފަރާތެވެ. ޔޫޓިއުބްގައި 427 މިލިއަނަށްވުރެ ގިނަ ވިއުސް ހޯދާފައިވާ އެ ލަވައަށްފަހު، ރޯޒޭގެ "ނިއު ޓްރިކް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ޓީސީ ކޭންޑްލަރ އިން ހޮވި ދުނިޔޭގެ އެންމެ ރީތި 100 އަންހެނުންގެ ލިސްޓުގެ އެއްވަނަ ހޯދާފައިވާ ރޯޒޭ، ވޯގް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މި ލަވަ ލިޔެފައިވަނީ މެއި މަހު ނިއުޔޯކްގައި އޮތް މެޓް ގާލާގައި ބައިވެރިވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށެވެ. މިއީ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް "ރޯޒީ" ގައި ހިމެނޭ ހިތާމަވެރި ލަވަތަކާ ހިލާފަށް ވަރަށް އުފާވެރި ލަވައެކެވެ. ރޯޒޭ ބުނި ގޮތުގައި މިއީ އޭނާއަށް މިހާތަނަށް އުފެއްދުނު އެންމެ ލޯބި އެއް މަސައްކަތަށް ވުން އެކަށީގެންވެއެވެ. ނަމަވެސް އޭނާގެ އެހެން ލަވައެއް ކަމަށްވާ "އެޕާޓްމަންޓް" އަކީ އެންމެ ލޯބި ލަވަތޯ ނިންމާނީ ފޭނުން ކަމަށްވެސް އޭނާ ބުންޏެވެ.

މި ލަވަ އުފެއްދުމުގެ ތެރޭގައި، 2000 ގެ އަހަރުތަކުގައި އެޕަލްގެ އިޝްތިހާރުތަކުގައި ބޭނުންކޮށްފައިވާ ޕޮޕް-ރޮކް ލަވަތަކުގެ މަތިން ހަނދާންވި ކަމަށާއި، އެޕަލް އަދި ޑައިރެކްޓަރ މެޔާސް އާއެކު މި މަސައްކަތް ފެށުމަށް މެދުވެރިވި ސަބަބަކީ އެއީ ކަމަށް ރޯޒޭ ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހު އެޕަލްއިން ތައާރަފްކުރި އައިފޯން 18 ޕްރޯ އެންމެ ފުރަތަމަ ތަޖުރިބާކުރި މަޝްހޫރު ތަރިންގެ ތެރޭގައި ރޯޒޭ ހިމެނެއެވެ. މީގެ އިތުރުން އައިފޯން 18 ޕްރޯ މެކްސް އާއި އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ފޯނު ކަމަށްވާ "ޑުއޯ" ވެސް ވަނީ އެދުވަހު ދައްކާލާފައެވެ.

އައިފޯން 18 ޕްރޯއަށް ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ އޭގެ ކެމެރާ ސިސްޓަމެވެ. އައިފޯނެއްގައި ފުރަތަމަ ފަހަރަށް ވެރިއަބަލް އެޕާޗަރ ތައާރަފްކޮށްފައިވާއިރު، މީގެ ސަބަބުން ކެމެރާއަށް އަލި ވަންނަ މިންވަރާއި ފޯކަސް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބެއެވެ. 48 މެގަޕިކްސެލްގެ ފިއުޝަން ކެމެރާގައި ހިމެނެނީ ސިކްސް-ބްލޭޑް ލޭޒާ-ކަޓް އެޕާޗަރ ސިސްޓަމެކެވެ. މީގައި ހަތަރު އެޕާޗަރ ސެޓިންއެއް އިހުތިޔާރު ކުރެވޭނެއެވެ. ނުވަތަ މަންޒަރަށް ބަލައި އަމިއްލައަށް އެޕާޗަރ ބަދަލުވާގޮތަށްވެސް ހެދޭނެއެވެ.

މި ފީޗާގެ ސަބަބުން ބެކްގްރައުންޑް ބްލަރ ވާ މިންވަރު ތަފާތުކޮށްދީ، ވީޑިއޯ ނަގާއިރު ޔޫޒަރުންނަށް އިތުރު ކޮންޓްރޯލް ލިބިގެންދެއެވެ. އަދި އައިފޯން 18 ޕްރޯ އާއި ޕްރޯ މެކްސްގައި ހިމެނޭ އޮން-ޑިވައިސް އޭއައި މެދުވެރިކޮށް، ހަރަކާތްތެރިވާ ތަކެތި ޓްރެކް ކުރުމުގެ ގާބިލުކަންވެސް ވަނީ ހިމަނާފައެވެ.

ލައިފްސްޓައިލް

އިތުރަށް ←