ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ޖޯޓާގެ ނަމުގައި ސަޕޯޓަރުން ގޮވި ހުތުރު ބަސްތަކާ ގުޅިގެން، އެ މީހުން އުމުރަށް ސަސްޕެންޑްކުރަން ރޮނާލްޑޯ ގޮވާލައިފި

ޖޯޓާގެ ނަމުގައި ސަޕޯޓަރުން ގޮވި ހުތުރު ބަސްތަކާ ގުޅިގެން، އެ މީހުން އުމުރަށް ސަސްޕެންޑްކުރަން ރޮނާލްޑޯ ގޮވާލައިފި

ސައޫދީ ޕްރޯ ލީގުގައި އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗެއްގައި، ނިޔާވެފައިވާ ޕޯޗުގަލްގެ ކުޅުންތެރިޔާ ޑިއޯގޯ ޖޯޓާގެ ނަމުގައި އަޑުއުފުލި ސަޕޯޓަރުން ފުޓްބޯޅަ ދަނޑުތަކަށް ވަނުން އުމުރަށް މަނާކުރަން ޖެހޭނެ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ސައޫދީ ޕްރޯ ލީގުގައި އަލް ތައާވޫންގެ ދަނޑުގައި އެ ޓީމާއި އަލް ހިލާލް ބައްދަލުކުރި މެޗުގައެވެ. މި މެޗުގައި އަލް ތައާވޫންގެ ބައެއް ސަޕޯޓަރުން ވަނީ އަލް ހިލާލްގެ ޕޯޗުގަލް މިޑްފީލްޑަރު ރުބެން ނެވޭސްއަށް އަމާޒުކޮށް ޖޯޓާގެ ނަމުން އަޑުއުފުލައި ހަޅޭއްލަވާފައެވެ.

ކާރު އެކްސިޑެންޓެއްގައި މިދިޔަ އަހަރު ކުއްލި ގޮތަކަށް ނިޔާވި ޖޯޓާއަކީ ނެވޭސްގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އަދި ޖޯޓާގެ ޖަނާޒާގައި ސަންދޯއް އުފުލުމުގައި ވެސް ނެވޭސް ވަނީ ބައިވެރިވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސަޕޯޓަރުން ޖޯޓާގެ ނަމުން ގޮވަން ފެށުމުން ނެވޭސް ވަނީ އޭނާގެ ލޮލަށް އިޝާރާތްކުރުމަށްފަހު އުޑާ ދިމާލަށް އަތް ދައްކާލާފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނެވޭސް ބުނެފައިވަނީ މިފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގުމަށްފަހު އެ ސަޕޯޓަރުން ދެން ނަމާދުކުރަން ނުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ރޮނާލްޑޯގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން ކުރި ކޮމެންޓެއްގައި ބުނީ، ސަޕޯޓަރުންގެ މިފަދަ ދަށުދަރަޖައިގެ އަމަލުތަކާ މެދު ލީގުން ފިޔަވަޅު އަޅައި އަދަބު ދޭންޖެހޭނެ ކަމަށެވެ. އަދި މިއީ ފުޓްބޯޅަ ނޫން ކަމަށާއި، ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަންވާނެ ކަމަށް ފާހަގަކޮށް، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ދުވަހަކުވެސް ދަނޑަށް ވަނުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

މި މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އަލް ހިލާލް ކާމިޔާބުކުރިއިރު، ނެވޭސް ވަނީ މެޗުގެ 75 މިނެޓް ކުޅެފައެވެ.

 

ކުޅިވަރު

އިތުރަށް ←