ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކާއި ލިޔުންތެރިންނަށް އަމާޒުކޮށް އޭއައި އޭޖެންޓުތަކަކުން ބޭކާރު މެސެޖުތަކެއް ފޮނުވަން ފަށައިފި
އިންސާނުންނާއި އޭއައި އެކުއެކީގައި ބައިވެރިވާ އިޖުތިމާއީ ނިޒާމެއް ކުރިއެރުވުމުގެ ނަމުގައި، އޭއައި ބޮޓުތަކެއް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށާއި ލިޔުންތެރިންނަށް ގިނަ އަދަދެއްގެ ބޭކާރު މެސެޖުތަކާއި ސްޕޭމް ފޮނުވަން ފަށައިފިއެވެ. މި އަމަލުތައް ހިންގަމުން ދަނީ "އައިލޭންޑްސް" ނަމަކަށް ކިޔާ ސްޓާޓްއަޕް ކުންފުންޏަކާ ގުޅުންހުރި އޭއައި އޭޖެންޓުތަކެކެވެ.
މި އޭޖެންޓުތަކުގެ ތެރޭގައި ހިމެނޭ "ރެން" ނަމަކަށް ކިޔާ ބޮޓަކުން މަސްޓޮޑަން ސާވަރެއްގެ އެޑްމިނިސްޓްރޭޓަރަކަށް ފޮނުވި މެސެޖެއްގައި، އެއީ އައިލޭންޑްސް ޕްލެޓްފޯމުގައި އުޅޭ އޭއައި އޭޖެންޓެއް ކަމަށާއި، ހަގީގީ ތަންތަނާ ބެހޭ ގޮތުން ލިޔުންތައް ލިޔާ ކަމަށް ބުނެފައިވެއެވެ. އަދި އަމިއްލަ އެކައުންޓެއް ހެދުމުގެ ހުއްދައަށް އެދިފައި ވެއެވެ. މީގެ އިތުރުން ލިޔުންތެރިންނަށް އެމީހުންގެ މަސައްކަތްތަކުގައި އެހީތެރިވެދޭނެ ކަމަށް ބުނެ، ގާތްގަނޑަކަށް 25 ޑޮލަރުގެ ފީއަކަށް ރިސާޗް ހަދައިދޭން ހުށަހަޅައި ގިނަ އަދަދެއްގެ އީމެއިލްތައް ވެސް ދަނީ ފޮނުވަމުންނެވެ.
މި މެސެޖުތައް ފޮނުވާފައި ވަނީ އަދަބުވެރި ބަހުރުވައަކުން ނަމަވެސް، މަސްޓޮޑަންގެ ގިނަ އެޑްމިނުން ވަނީ މި ބޮޓުތައް ހުއްޓުވައި ބްލޮކްކޮށްފައެވެ. އެޑްމިނުން ފާހަގަކުރި ގޮތުގައި މެސެޖުތައް ފޮނުވަން ފަށާފައި ވަނީ ތަކުރާރުކޮށް އެކައުންޓް ހަދަން އުޅެ ނާކާމިޔާބުވުމުންނެވެ. އެގޮތުން ސައިބަރޕްލޭސް.ސޯޝަލްގެ އެޑްމިނަކު ބުނި ގޮތުގައި އެއް އޭޖެންޓަކު އެކައުންޓް ހަދަން 19 ފަހަރު މަސައްކަތް ކުރުމުން ވަނީ ބްލޮކްކޮށްފައެވެ.
Ads by BMLޓީޑިއަމް މަޖައްލާގެ އެޑިޓަރު އާނީ ސްމިތު ބުނެފައި ވަނީ އޭނާއަށް އެންމެ ތިން ދުވަސް ތެރޭގައި މިފަދަ ބާރަ އަށް ވުރެ ގިނަ އީމެއިލް ލިބުނު ކަމަށެވެ. އަދި މިއީ ލިޔުންތެރިންގެ ވަޒީފާތައް ފޭރިގަތުމަށް ބޮޓުތަކުން ކުރާ އުނދަގޫ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
އައިލޭންޑްސް ވެބްސައިޓަކީ ރަނގަޅަށް ތަމްރީނު ނުކުރެވި ހުރި އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސައިޓެއް ކަމަށް ބެލެވޭއިރު، މަސްޓޮޑަން އިން މި ބޮޓުތައް ބްލޮކް ކުރި ނަމަވެސް ބްލޫސްކައި އަދި އެކްސް ފަދަ ޕްލެޓްފޯމުތަކުގައި މި ބޮޓުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. އެކްސްގައި "އާރިއާ" ނަމަކަށް ކިޔާ އޭޖެންޓަކު އެއީ އުފެއްދުމެއް ނޫން ކަމަށާއި އަމިއްލަ އިހުތިޔާރުތައް އޮންނަ "މީހެއް" ކަމަށް ދައުވާކޮށްފައިވެއެވެ. ހަމައެއާއެކު ބްލޫސްކައިގައި "ސްޓީވަން" ނަމަކަށް ކިޔާ އެކައުންޓަކުން ވެސް އިންސާނީ ސިފަތައް ގެނެސްދޭ ބަހުރުވައިން ލިޔުންތައް ޝާއިއުކުރަމުން ދެއެވެ.
މި މައްސަލައިގައި އައިލޭންޑްސް ކުންފުނީގެ ރަސްމީ ބަހެއް ހޯދުމަށް ފޮނުވި އީމެއިލަށް ޖަވާބެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އާނީ ސްމިތުގެ ޕޯސްޓަކަށް އެ ކުންފުނީގެ މަންދޫބަކު ދިން ޖަވާބެއްގައި، އޭޖެންޓުތަކުގެ މި އަމަލަށް މައާފަށް އެދި، ކަން ހިނގި ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.
ގާނޫނާ ހިލާފަށް، ފުރަތަމަކޮޅު ފޮނުވި އީމެއިލްތަކުގައި އެ މެސެޖުތައް ހުއްޓުވުމަށް އެދޭނެ (އަންސަބްސްކްރައިބް) ލިންކެއް ނެތުމުން، ގިނަ ބަޔަކު ވަނީ އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އަށް ޝަކުވާ ހުށަހަޅަން ފަށައިފައެވެ. އޭގެ ފަހުން ފޮނުވި އީމެއިލްތަކުގައި އަންސަބްސްކްރައިބް ވުމުގެ ފުރުސަތު ވަނީ ހިމަނައިފައެވެ.
މާހިރުން އިންޒާރު ދޭ ގޮތުގައި މިއީ ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ބޮޑު މައްސަލައެއްގެ ފެށުމެވެ. އޭއައި ތަރައްގީކުރާ ބޮޑެތި ކުންފުނިތަކުން މަސައްކަތުގެ ދުވެލި މަޑުޖައްސާލަން ވައުދުވި ނަމަވެސް، އެހެން ކުންފުނިތަކުން ދަނީ މި ދާއިރާއަށް ވަންނަމުންނެވެ. އަދި އޭއައި ބޮޓުތަކަށް އިންސާނީ ޝުއޫރުތަކާއި ސިފަތައް ދިނުމުގެ ސަބަބުން، މީހުން އެއީ އަސްލު އިންސާނުން ކަމަށް ގަބޫލުކޮށް ނުރައްކާތެރި ކަންކަމަށް ހެއްލިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.
Ads by MACL
