ތި ހީކުރަނީ ގޯސްކޮށް، 41 އަހަރުގައި އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯ އަނެއްކާވެސް ގައުމީ ޓީމަށް!
ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދައުރު ނިމުމަކަށް އައީ ކަމަށް ހީކުރި ހީކުރުންތައް ގޯސްކަން ސާބިތުކޮށްދީ، އޭނާ އަނެއްކާވެސް ވަނީ ގައުމީ ސްކޮޑުން ޖާގަ ހޯދައިފައެވެ. ޕޯޗުގަލްގެ އާ ކޯޗު ޖޯޖް ޖީސޫސް އެ ޓީމާ ހަވާލުވެ ނެގި ފުރަތަމަ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިވަނީ ކުރިއަށް އޮތް ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށެވެ.
މި ފަހުން، ވޯގު އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ މިއީ ކެރިއަރުގައި އޭނާގެ ފަހު އަހަރަށް ވެދާނެ ކަމަށް ބުނެފައެވެ. ސައުދީ ޕްރޯ ލީގުގެ އަލް ނަސްރާ އެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ.
ރޮނާލްޑޯ އަށް އަލް ނަސްރުގައި ކޯޗުކޮށްދިން ޖީސޫސް ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވީ، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު ކުރިން ހުރި ކޯޗު ރޮބާޓޯ މާޓިނޭޒް މަގާމުން ވަކިވުމުންނެވެ. ސައުދީ ލީގުގެ ޗެމްޕިއަންކަން ހަތް އަހަރަށް ފަހު އަލް ނަސްރަށް ހޯދައިދިން ޖީސޫސް، ނޭޝަންސް ލީގުގައި ޕޯޗުގަލް އިން ކުޅޭ ހަތަރު މެޗަށް ނެގި 25 ކުޅުންތެރިންގެ ސްކޮޑުގައި ރޮނާލްޑޯ ވަނީ ހިމަނައިފައެވެ.
Ads by BMLޕޯޗުގަލް ގައުމީ ޓީމާ އެކު 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގެ ދެ ތަށި ހޯދި ރޮނާލްޑޯ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާއެވެ. ހަ ވޯލްޑް ކަޕެއްގައި ޕޯޗުގަލް އަށް ކުޅެދިން ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅެދިން 233 މެޗުން 146 ލަނޑު ޖަހައިފައެވެ.
Ads by MACL
