ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ނިއު ރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗަށް ސުޒޭރު ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފި

މާޒިޔާގެ ކުރީގެ ކޯޗު ލުއިސްމާ ހަރްނާންޑޭޒް އާއި އެސިސްޓެންޓް ކޯޗު ސުޒައިރް -- ފޮޓޯ: މިހާރު
މާޒިޔާގެ ކުރީގެ ކޯޗު ލުއިސްމާ ހަރްނާންޑޭޒް އާއި އެސިސްޓެންޓް ކޯޗު ސުޒައިރް -- ފޮޓޯ: މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗަށްފަހު، ނިއު ރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯ ބާބޯސާއަށް މާޒިޔާގެ އެސިސްޓެންޓް ކޯޗު އަޙްމަދު ސުޒޭރު (ކޮއްކޯ) ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު 3-2 އިން ކާމިޔާބުކުރީ ނިއު ރޭޑިއަންޓެވެ. މެޗަށްފަހު ހިންގި މި ހަމަނުޖެހުމުގައި ސުޒޭރު ދިން ހަމަލާގެ ސަބަބުން ބާބޯސާގެ އަނގަމަތި ފަޅައިގެން ގޮސް ލޭއަންނަ ވަރުގެ ބޮޑު އަނިޔާއެއް ވަނީ ވެފައެވެ. އަދި މި ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވެސް ވަނީ އާންމުވެފައެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ނިއު ރޭޑިއަންޓްގެ ފަރާތުންނެވެ.

މެޗަށްފަހު ނިއު ރޭޑިއަންޓުން ނެރުނު ބަޔާނެއްގައި ވަނީ ސުޒޭރާމެދު ފިޔަވަޅު އަޅައި، އެކަށީގެންވާ އަދަބެއް ދިނުމަށް ގޮވާލާފައެވެ. ނިއުގެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ހަމަލާއަކީ ކުޅިވަރުގެ އަޚްލާޤާއި، ރައްކާތެރިކަމާއި، ކުޅިވަރުގެ އަސާސީ މިންގަނޑުތަކާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.

މި ހަމަނުޖެހުން އުފެދެން މެދުވެރިވީ މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ދެ ކުޅުންތެރިއެއްގެ މެދުގައި ހިނގި ބަހުގެ ހަމަލާތަކަކަށްފަހުއެވެ. ދެ ކުޅުންތެރިންގެ މެދުގައި އުފެދުނު ހަމަނުޖެހުންތައް ހުއްޓުވުމަށް ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މަސައްކަތްކުރުމުގެ ތެރޭގައި މަޝްރަހު އިތުރަށް ގޯސްވެ، ހަމަނުޖެހުން ބޮޑުވެގެން ދިޔައީއެވެ.

މި ހަމަނުޖެހުމާ ގުޅިގެން މެޗުގެ ރެފްރީ ވަނީ މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒޭރުގެ އިތުރުން މާޒިޔާގެ ހަސަން ޝިފާޒު (ޑުންގާ) އާއި ނިއު ރޭޑިއަންޓްގެ އިބްރާހީމް މައިސާންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ކުޅިވަރު

އިތުރަށް ←