މަންމަގެ ޖަނާޒާއަށް އޭއައި އިން ގޯސް ދުވަހެއް އިޚްތިޔާރުކޮށްދިން މައްސަލައިގައި ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފި
ޗައިނާގެ ފިރިހެނަކު އޭނާގެ މަންމަ ވަޅުލުމަށް އެންމެ ރަނގަޅު ދުވަހެއް ހޯދުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީތެރިކަން ހޯދުމަށްފަހު، އެ އޭއައި އިން ދިން ލަފާގެ ސަބަބުން އާއިލާއަށް ކުރިމަތިވި ހިތާމަވެރި ހާދިސާތަކަކާ ގުޅިގެން އެ އޭއައި އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ޗައިނާގެ ޒެޖިއާންގް ޕްރޮވިންސްގެ ޖިއާޝާން ކައުންޓީއަށް ނިސްބަތްވާ ޝީ ނަމަކަށް ކިޔާ މި މީހާގެ މަންމަ މިދިޔަ އޭޕްރީލް މަހު މަރުވުމާ ގުޅިގެން، އޭނާ ބޭނުންވީ މަންމަ ވަޅުލުމަށް އެންމެ ކާމިޔާބު ނުވަތަ ރަނގަޅު ދުވަހެއް އިޚްތިޔާރުކުރާށެވެ. ފެންގް ޝުއީ މާހިރެއްގެ ލަފާގެ މަތިން ޝީ އާއި އޭނާގެ އާއިލާއިން ފުރަތަމަ ނިންމީ އޭޕްރީލް 20 ވަނަ ދުވަހު މަންމަ ވަޅުލުމަށެވެ. ނަމަވެސް އެއީ މަންމަ މަރުވިތާ ހަތަރުވަނަ ދުވަސް ކަމަށްވެފައި، އެ ހިސާބުގެ ސަގާފަތުގައި އެފަދަ ހާލަތްތަކުގައި ހިމަ އަދަދެއް އަންނަ ދުވަސްތަކަކީ ބަދުނަސީބު ދުވަސްތަކެއް ކަމަށް ގަބޫލުކުރާތީ ޝީއަށް އެކަމާ ކަންބޮޑުވުންތަކެއް ކުރިމަތިވިއެވެ.
މި ކަންބޮޑުވުންތަކާއެކު ޝީ ދެން ލަފާ ހޯދީ އޭއައި ޗެޓްބޮޓަކުންނެވެ. ޗައިނާގެ ނޫހެއް ކަމަށްވާ 'ސީނާ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭއައި އިން ލަފާދިނީ އޭޕްރީލް 19 ވަނަ ދުވަހު މަންމަ ވަޅުލުމަށެވެ. އަދި ޖަނާޒާގެ ކުރިން ކަރުދާހުން ހަދާފައިވާ އަހާއި، ޖޮސް ކަރުދާސް އެންދުމަށްވެސް ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި އޭއައި އިން އިރުޝާދު ދީފައިވެއެވެ. ޝީ ވަނީ މި ލަފަޔާ އެއްގޮތަށް އަމަލުކޮށް، އާއިލާގެ މީހުންނަށް އެންގުމަށްފަހު ޖަނާޒާގެ ހުރިހާ ކަމެއް އިންތިޒާމުކޮށްފައެވެ.
Ads by BMLހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް، މަންމަ ވަޅުލަންވީ ގަޑިއަކާ ގުޅޭގޮތުން ޝީ އަނެއްކާވެސް އޭއައިއާ ސުވާލުކުރިއެވެ. މިފަހަރު އޭއައި އިން ހެނދުނު 7:00 އާއި 9:00 އާ ދެމެދު ވަޅުލުމަށް ލަފާދިނުމާއެކު، އޭޕްރީލް 19 ވަނަ ދުވަހަކީ ވަޅުލަން ރަނގަޅު ދުވަހެއް ނޫންކަމަށް ބުނެ ކުރިން ދިން ލަފަޔާ ފުށުއަރާ މައުލޫމާތެއް ދިނެވެ. ނަމަވެސް އޭރު ހުރިހާ ކަމެއް އިންތިޒާމުކުރެވިފައި އޮތުމުން، ތާރީޚު ބަދަލުނުކުރެވި ޝީއަށް ޖެހުނީ ކުރިން ރޭވި ގޮތަށް އެ ދުވަހު މަންމަގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާށެވެ.
މަންމަގެ ޖަނާޒާއަށްފަހު މާގިނަ ދުވަސްތަކެއް ނުވެ، ޝީގެ އާއިލާގެ މީހަކަށް ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓަކާ ކުރިމަތިވެ ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މި އެކްސިޑެންޓް ހިނގި ސީދާ ވަގުތު ހާމަކޮށްފައި ނުވި ނަމަވެސް، އާއިލާގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި ހާދިސާއަކީ މަންމަ ވަޅުލި ދުވަހާ ގުޅިފައިވާ ކަމެކެވެ. އަދި އޭގެ ސަބަބުން އާއިލާގެ ފެންގް ޝުއީއަށް ބުރޫއަރައި ބަދުނަސީބާ ކުރިމަތިވީ ކަމަށް ބުނެ އާއިލާގެ ތެރޭގައި މައްސަލަތައް އުފެދުނެވެ. މިކަމާ ގުޅިގެން ޝީ ވަނީ އޭއައި އިން އޮޅޭފަދަ މައުލޫމާތުތަކެއް ދީފައިވާކަމަށް ބުނެ، މައާފަށް އެދުމަށާއި ބަދަލު ނަގައިދިނުމަށް އެދި އެ އޭއައި ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައެވެ.
ސައުތު ޗައިނާ މޯނިންގް ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ޝަރުއީ ލިޔެކިޔުންތައް ތައްޔާރުކުރުމަށާއި ކޯޓުގެ އިޖުރާއަތްތައް ރޭވުމަށްވެސް ޝީ ބޭނުންކޮށްފައިވަނީ ހަމަ އެ އޭއައި އެވެ. މި މައްސަލައިގެ އަޑުއެހުމުގައި ދައުވާ ލިބޭ ބެއިޖިންގ ޗުންޓިއަން ޒިޔުން ޓެކްނޮލޮޖީ ކޯޓުގައި ބުނެފައިވަނީ، އެ ކުންފުނީގެ ސޮފްޓްވެއާ ބޭނުންކުރުމުގެ އުސޫލުތަކުގައި އޭއައި އިން އުފައްދާ މައުލޫމާތަކީ ހަމައެކަނި ރެފަރެންސަކަށް ބޭނުންކުރުމަށް ދެވޭ މައުލޫމާތެއްކަމާއި، އެއީ ޕްރޮފެޝަނަލް ލަފައެއް ނޫންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ސޮފްޓްވެއާ ބޭނުންކުރާ ހިސާބުން އެއްބަސްވުމަށް ޔޫޒަރުން ރުހުންދޭކަމަށް ބެލެވޭނެކަމަށާއި، އޮންލައިން ކޮޕީރައިޓްގެ އެއްވެސް އުސޫލަކާ ޚިލާފުވެފައި ނުވާނެކަމަށްވެސް ކުންފުނިން ދިފާއުގައި ބުނެފައިވެއެވެ.
ކުންފުނީގެ މި ވާހަކަތަކަށް ރައްދުދެމުން ޝީ ބުނެފައިވަނީ، އެ އެއްބަސްވުމަކީ ހުރިހާ ޒިންމާއެއް ބޭނުންކުރާ ފަރާތުގެ ބޮލަށް ކަނޑާލާފައިވާ ބޭއިންސާފު އެއްބަސްވުމެއް ކަމަށެވެ. އަދި އެކަށީގެންވާ އިންޒާރުތައް ދީފައިނުވާކަމަށާއި، އޭއައި އިން މައުލޫމާތު ނަގާ މަސްދަރުތައް އެކަށީގެންވާ ގޮތެއްގައި ކުންފުނިން ބަލައި ޗެކްކޮށްފައި ނުވާކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ހޮންގްކޮންގްގެ ނޫހެއް ކަމަށްވާ އެޗްކޭ01 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައިގެ އަޑުއެހުންތައް މި ހަފްތާގައި ކޯޓުގައި ކުރިއަށްދާއިރު، މައްސަލައަށް އަދި ވަކި ގޮތެއް ނިމިފައެއް ނުވެއެވެ.
Ads by MACL
