ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

އޭއެފްސީ ޗެލެންޖު ލީގުގެ މެޗުތަކުން ދިވެހި ހަތަރު ރެފްރީއަކަށް ބައިނަލްއަގުވާމީ ފުރުސަތު ލިބިއްޖެ

ރާއްޖޭގެ ދެ ރެފްރީން ކަމަށްވާ، ޖާވިޒް އާއި ސިނާ: ޗެލެންޖު ލީގުގައި ރެފްރީކަން ކުރަން ލިބުނު ރެފްރީންގެ ތެރޭގައި ހިމެނޭ.---
ރާއްޖޭގެ ދެ ރެފްރީން ކަމަށްވާ، ޖާވިޒް އާއި ސިނާ: ޗެލެންޖު ލީގުގައި ރެފްރީކަން ކުރަން ލިބުނު ރެފްރީންގެ ތެރޭގައި ހިމެނޭ.---

އޭޝިއާގެ ކްލަބް ފުޓްބޯޅައިގެ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި މެޗު އޮފިޝަލުންގެ ހުނަރު ދައްކާލުމުގެ އާ ފުރުސަތެއް ހުޅުވި، އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުގައި އިންސާފުކުރުމަށް ރާއްޖޭގެ ތަޖުރިބާކާރު ހަތަރު ރެފްރީއަކު ހަމަޖައްސައިފިއެވެ. މިއީ މެދުކެނޑުމަކަށްފަހު އޭޝިއާގެ ތިންވަނަ ފަންތީގެ ކްލަބް މުބާރާތުން ދިވެހި ރެފްރީންނަށް ލިބިގެންދިޔަ ބޮޑު ފުރުސަތެކެވެ.

އަންނަ މަހުގެ 17 އިން 23 އަށް ކުވެއިތުގައި ކުރިއަށްދާ ގްރޫޕް ސީގެ މެޗުތަކުގައި މެއިން ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ މުހައްމަދު ޖާވިޒް (ޖޭޑު) އެވެ. އަދި އެ ގްރޫޕުގެ މެޗުތަކުގެ އެސިސްޓަންޓް ރެފްރީކަން ކުރުމަށް ހަމަޖެހިފައިވަނީ އަހުމަދު ހަސަން (އައްމަޑޭ) އެވެ.

ކުވެއިތުގައި ކުޅޭ ގްރޫޕް ސީގައި ވާދަކުރަނީ އެ ގައުމުގެ އަލް ގަދްސިއާގެ އިތުރުން ބަންގްލަދޭޝްގެ ފޯޓިސް، އިންޑިއާގެ ގޯއާ އަދި ތަޖިކިސްތާންގެ ރެގާރު ޓަޑާޒް އެވެ. މީގެ ތެރެއިން ރެގާރު ޓަޑާޒް އަކީ މި މުބާރާތުގެ ކޮލިފައިން ބުރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރުމަށްފަހު ގްރޫޕް ސްޓޭޖަށް ދަތުރުކުރި ޓީމެކެވެ.

މީގެއިތުރުން އަންނަ މަހުގެ 17 އިން 23 އަށް ބޫޓާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްރޫޕް އޭގެ މެޗުތަކުގައި އިންސާފުކުރުމަށްވެސް ދިވެހި ދެ އޮފިޝަލަކަށް ވަނީ ފުރުސަތު ލިބިފައެވެ. އެގޮތުން އެ ގްރޫޕުގެ މެޗުތަކުގައި މެއިން ރެފްރީއެއްގެ ގޮތުގައި ހުސެއިން ސިނާން ހަރަކާތްތެރިވާއިރު، އެސިސްޓަންޓް ރެފްރީއަކަށް ހަމަޖައްސާފައިވަނީ ނިއުޝާދު މުހައްމަދެވެ.

ބޫޓާނުގައި ކުރިއަށްދާ ގްރޫޕް އޭގައި ހިމެނެނީ އެ ގައުމުގެ ޕަރޯ އެފްސީ އާއި ސީރިއާގެ އަލް އިއްތިހާދު އަހްލީ، ލެބަނަންގެ އަންސަރު އަދި ތުރުކުމެނިސްތާންގެ އަހަލް އެވެ.

މި މުބާރާތަށް އިންސާފުކުރަން ހޮވުނު ދިވެހި ހަތަރު ރެފްރީންނަކީވެސް ފީފާ ބެޖު ހޯދައިގެން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ގިނަ އަހަރުތަކެއް ވަންދެން އިންސާފުކޮށްދީފައިވާ ތަޖުރިބާކާރުންނެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކާއި އޭއެފްސީގެ އެކި ފަންތީގެ މުބާރާތްތަކުގައިވެސް މި ރެފްރީން ވަނީ މީގެ ކުރިން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

އޭއެފްސީ ޗެލެންޖު ލީގަކީ އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ކްލަބް މުބާރާތްތަކުގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، އޭއެފްސީ ކަޕްގެ ބަދަލުގައި ތައާރަފުކުރި ތިންވަނަ ފަންތީގެ އާ މުބާރާތެކެވެ. މި މުބާރާތުގެ މަގުސަދަކީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގެ ކްލަބްތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ.

ކުޅިވަރު

އިތުރަށް ←