އައިފޯން 18 ޕްރޯގެ ކުލަ ފަނޑުވާތީ ބޭނުންކުރާ ފަރާތްތަކުން ޝަކުވާކުރަނީ
އެޕަލްއިން ދާދިފަހުން ބާޒާރަށް ނެރުނު ފްލެގްޝިޕް ފޯނުތަކުގެ އަސްލު ކުލަ ފަނޑުވެ ބަދަލުވަމުންދާ މައްސަލައެއް ފެންމަތިވެ، ބޭނުންކުރާ ފަރާތްތަކުން ޝަކުވާ ބޮޑުވެއްޖެއެވެ. "ސަޕްރައިޒް އެންޑް ޝައިން" އިވެންޓުގައި ތައާރަފްކުރި އައިފޯން 18 ޕްރޯ އަދި 18 ޕްރޯ މެކްސް ބާޒާރަށް ނެރުނުތާ ކުރު މުއްދަތެއްގެ ތެރޭގައި މިއިން ބައެއް ފޯނުތަކުގެ ކުލައަށް ބަދަލުތަކެއް އަންނަން ވަނީ ފަށާފައެވެ.
މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މިފަހަރު އަލަށް ތައާރަފްކުރި "ބާގަންޑީ ރެޑް" ކުލައިގެ ފޯނުތަކުންނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ރެޑިޓް އަދި އެކްސްގައި އާންމުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބާގަންޑީ ރެޑް ފޯނުތަކުގެ ފަހަތު ކެމެރާ މޮޑިއުލްގެ ވަށައިގެންވާ ބައިގެ ކުލަ ވަނީ ކެމެރާ ހައުސިންއާ އަޅާބަލާއިރު ފިޔާތޮށި ކުލައަކަށް ބަދަލުވާން ފަށާފައެވެ. މީގެ އިތުރުން ކަޅު ކުލައިގެ މޮޑެލްތަކުންވެސް މިފަދަ ބަދަލުތަކެއް ފެންނަ ކަމަށް ބައެއް ބޭނުންކުރާ ފަރާތްތަކުން ބުނެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ފޯނުގެ ކުލަ ބަދަލުވާން ފުރަތަމަ ފަށަނީ ކެމެރާ ލެންސްތަކުގެ ވަށައިގެންވާ ސަރަހައްދުންނެވެ. އަދި އޭގެ ފަހުން ފޯނުގެ އެލުމިނިއަމް ފްރޭމަށް އެކަން ފެތުރިގެންދެއެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި މައްސަލަ ދިމާވަނީ އިރަށް ނުވަތަ އަލްޓްރާވައިލެޓް (ޔޫވީ) އައްޔަށް ފޯނު ގިނައިރު ހުށަހެޅުމުގެ ސަބަބުންނެވެ. ނަމަވެސް، ރައްކާތެރި ކަވަރެއް ބޭނުންކުރުމާއި ގަވާއިދުން ފޯނު ފޮހެ ސާފުކުރުމުން މި މައްސަލަ ކުޑަކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
Ads by BMLމިއީ އެޕަލްގެ ފޯނުތަކުން މިފަދަ މައްސަލައެއް ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ނެރުނު އައިފޯން 17 ޕްރޯ އަދި 17 ޕްރޯ މެކްސްގެ "ކޮސްމިކް އޮރެންޖް" އާއި "ޑީޕް ބްލޫ" ކުލައިގެ ފޯނުތަކުންވެސް ކުލަ ބަދަލުވުމުގެ މައްސަލަތަކެއް ފެންމަތިވެ ފާޑުކިޔުންތައް އަމާޒުވިއެވެ. ނަމަވެސް، އެންމެ ފަހުން ނެރުނު ފޯނުތަކަށް ދިމާވެގެން އުޅޭ މި މައްސަލައާ ގުޅިގެން އެޕަލްއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެޕަލްގެ އެންމެ ފަހުގެ މަތީ ފަންތީގެ މޮޑެލްތައް ކަމަށްވާ އައިފޯން 18 ޕްރޯގައި 6.3 އިންޗީގެ ޑިސްޕްލޭއެއް ހުންނައިރު، ޕްރޯ މެކްސްގައި ހުންނަނީ 6.9 އިންޗީގެ ޑިސްޕްލޭއެކެވެ. މިއިން ކޮންމެ ފޯނެއްގައިވެސް އޭ20 ޕްރޯ ޕްރޮސެސަރާއި، 48 މެގާޕިކްސެލްގެ ވޭރިއަބަލް އެޕަޗާ ފިއުޝަން ޕްރައިމަރީ ކެމެރާއާއެކު ތިން ކެމެރާގެ ސެޓަޕެއް ހިމެނެއެވެ. މީގެ އިތުރުން އެޕަލްގެ އަމިއްލަ ސީ2 މޮޑެމްއާއި 18 މެގާޕިކްސެލްގެ ފްރޮންޓް ކެމެރާއެއްވެސް މި ފޯނުތަކުގައި ހިމެނެއެވެ.
Ads by MACL
