ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ނިއުރޭޑިއަންޓް ދިއްދޫއަށް، މުޅި ރަށުން ހޫނު މަރުހަބާއެއް!

ނިއުރޭޑިއަންޓް ދިއްދޫއަށް، މުޅި ރަށުން ހޫނު މަރުހަބާއެއް!

ދިވެހި ޕްރިމިއަރ ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ދިއްދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗަށް، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ހއ. ދިއްދޫއަށް ދިއުމުން އެ ރަށުން މިރޭ ވަރަށް ހޫނު އަދި ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.

މި މުހިންމު މެޗަށް ނިއު ރޭޑިއަންޓް ދިއްދޫއަށް ދިޔުމާ ގުޅިގެން، އެ ރަށުގެ ބަނދަރު ސަރަހައްދު އޮތީ މަރުހަބާގެ ރީތި ގިޑިގެއަކާއި ގައުމީ ދިދައިގެ އިތުރުން ކުލަކުލައިގެ ދިދަތަކާއި އަލިތަކުން ނަލަކޮށް ޒީނަތްތެރިކޮށްފައެވެ. ނިއުގެ ޓީމު ދަތުރުކުރި އުޅަނދު ދިއްދޫ ބަނދަރަށް ކައިރިކުރުމާއެކު، އެ ޓީމަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދާއި، ކައުންސިލްގެ އެހެނިހެން މެމްބަރުންގެ އިތުރުން ރަށުގެ އިސް މަސްއޫލުވެރިންނެވެ.
ދިއްދޫގެ މުޅި އާބާދީހެން ކުރިންސުރެ އެންމެ ފޭވަރިޓް ޓީމުގެ ގޮތުގައި ބަލައިގަންނަ އަދި ސަޕޯޓްކުރާ ނިއު ރޭޑިއަންޓަށް މަރުހަބާ ކިއުމަށްޓަކައި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ބަނދަރު މަތީގައި އަޅާފައިވާ ރަތްދޫލަ މައްޗަށް ޓީމުގެ މެންބަރުން ފޭބުމާއެކު، ކޮންމެ ކުޅުންތެރިއަކަށާއި އޮފިޝަލަކަށް ވަކިވަކިން މާބޮނޑި ހަދިޔާކޮށް އިހުތިރާމާއި ލޯބި ވަނީ ފާޅުކޮށްފައެވެ. މީގެއިތުރުން، ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ 10 ޓީމުގެ ޖާޒީގައި ތިބެ،ސްކޫލް އަންހެން ކުދިން ހުށަހަޅައިދިން ފަރި ހަރަކާތްތަކުން ފުރިގެންވީ މަރުހަބާގެ ހާއްސަ ނެށުމެއް ވެސް ބަނދަރު ސަރަހައްދުގައި ކުރިއަށްދިޔައެވެ.

މި ހުށަހެޅުމާއެކު މުޅި ބަނދަރު ސަރަހައްދު ގުގުމައިގެން ދިޔައީ ސަޕޯޓަރުންގެ އަތްތިލަބަޑީގެ އަޑާއި އުފާވެރި ހަޅޭކުގެ އަޑުންނެވެ.
މި ހޫނު މަރުހަބާއިން ދައްކުވައިދެނީ ދިއްދޫ ރައްޔިތުން ފުޓުބޯޅައަށް ކުރާ ލޯތްބާއި، ރަށުން ބޭރުން އަންނަ މެހެމާނުންނަށް ކިޔާ ދީލަތި މެހެމާންދާރީއެވެ. އަދި އަމިއްލަ ރަށުގެ ޓީމު ކަމަށްވާ ދިއްދޫ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު ކަމުގައި ވިޔަސް، ދިވެހި ފުޓުބޯޅައިގެ ބޮޑު ބާރެއް ކަމަށްވާ ނިއު ރޭޑިއަންޓަށް އެ ރަށު ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި ގަދަރު މިރޭގެ މަރުހަބާއިން ވަނީ ވަރަށް ފުރިހަމައަށް ހާމަވެގެން ގޮސްފައެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ދިއްދޫ ފުޓުބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި ފޯރިގަދަ މެޗަށް ދެ ޓީމުން ވެސް މިހާރު ވަމުންދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ. މި މެޗު ވެގެންދާނީ ދިއްދޫގެ ތާރީޚުގައި ވެސް ކުޅެވޭނެ އެންމެ ވާދަވެރި އަދި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މެޗަށެވެ.

 

ކުޅިވަރު

އިތުރަށް ←