ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ދިއްދޫން ނިއު ސިއްސުވައިލައިފި، މާޒިޔާއާއި ވިކްޓަރީގެ ކުރިމަތިލުންވެސް އެއްވަރު

ދިއްދޫން ނިއު ސިއްސުވައިލައިފި، މާޒިޔާއާއި ވިކްޓަރީގެ ކުރިމަތިލުންވެސް އެއްވަރު

ދިރާގު ދިވެހި ޕްރީމިއާ ލީގުގައި އުތުރުގެ ސަރަހައްދުގައި ކުޅުނު ފުރަތަމަ މެޗުގައި ހއ. ދިއްދޫން ނުކުމެ ނިއު ރޭޑިއަންޓް 2-2 އިން ހިފަހައްޓައި، ނިއު ސިއްސުވާލައިފިއެވެ. އަމިއްލަ ދަނޑުގައި 1،300 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ދިއްދޫން ދެއްކި ހިތްވަރުގަދަ ކުޅުމާއެކު، ނިއުގެ މޮޅުވުމުގެ ސިލްސިލާއަށް ވަނީ ނިމުމެއް އައިސްފައެވެ.

މެޗު ފެށިގެން ފުރަތަމަ 15 މިނެޓު ތެރޭގައި ދިއްދޫން ވަނީ އަވަސް ދެ ލަނޑާއެކު މުޅި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި އުފާލް އަބްދުﷲ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން ގިޑިއަން ޓެޓާ ވަނީ ދިއްދޫގެ ދެވަނަ ލަނޑު ޖަހައި ސަޕޯޓަރުން އުފާކޮށްދީފައެވެ.

ދެ ލަނޑުގެ ފަރަގެއް އޮތުމާއެކު ނިއުއިން ކުޅުން ރަނގަޅުކޮށް، ފުރަތަމަ ހާފު ނިމެން ފަނަރަ މިނެޓަށް ވެފައިވަނިކޮށް ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްދީފައެވެ. ނިއުއަށް ނަތީޖާ ހަމަހަމަކުރެވުނީ މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް، ބްރެޒިލްގެ ފޯވާޑް ޑޮރިއަލްޓަން ގޯމޭސް (ޑޯރީ) ކާމިޔާބުކުރި ލަނޑުންނެވެ.

މި މުބާރާތުގައި އުތުރުގެ ދަނޑުގައި ކުޅޭ މެޗުތަކުގައި ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ޓީމުތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެމުންދާއިރު، މީގެ ކުރިން ވިކްޓަރީއަށްވެސް ދިއްދޫ އަތުން ސަލާމަތްވެވުނީ ކިރިޔާއެވެ. އިތުރު ވަގުތުގެ 10 މިނެޓުގައިވެސް ދެޓީމުން މޮޅުވާން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

މީގެއިތުރުން، މާލޭގެ ގަލޮލޫ ދަނޑުގައި މާޒިޔާއާއި ވިކްޓަރީ ބައްދަލުކުރި ފޯރިގަދަ މެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި އުޒްބެކިސްތާނުގެ ޑިފެންޑަރު ފުރުގަތުޖޯން ހަސަންބޯއެވް ޖެހި ލަނޑުން ފުރަތަމަ ހާފު ނިންމާލީ ވިކްޓަރީ ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި މާޒިޔާއިން ކުޅުން ވަރުގަދަކޮށް، 56 ވަނަ މިނެޓުގައި އަބްދުﷲ ލޫތު އިބްރާހީމް އަދި 83 ވަނަ މިނެޓުގައި އަހުމަދު އައިހަމް ޖެހި ލަނޑުތަކުން މާޒިޔާއަށް ކުރިހޯދައިދިނެވެ. ނަމަވެސް މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖެރޯ އަލްހާޖީ ލަނޑެއް ޖަހައި ވިކްޓަރީއަށް ނަތީޖާ ހަމަހަމަކޮށްދީ، ލީގުގައި ބަލިނުވެ އޮތް ރެކޯޑު ދަމަހައްޓައިދިނެވެ.

ކުޅިވަރު

އިތުރަށް ←