ޤައުމީ ކޭމްޕު ދޫކޮށް ދިޔަ މައްސަލައިގައި ރޮނާލްޑޯ ސަސްޕެންޑްކޮށްފި
ޕޯޗުގަލްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ޖޯޖް ޖީސަސްއާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކަކަށްފަހު ކޭމްޕު ދޫކޮށް ދިޔަ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީ ގޮތުން ސަސްޕެންޑްކޮށް، އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ.
މި މައްސަލަ އުފެދެން ދިމާވީ ނޭޝަންސް ލީގުގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ބެންޗުގައި ބައިންދައި، މެޗުގެ ތެރޭގައި ވޯމްއަޕް ކުރަން ފޮނުވުމަށްފަހުވެސް ކުޅެން ނުނެރުމުންނެވެ. އެއާއެކު، ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ފެޑަރޭޝަނަށް އެންގުމަށްފަހު ޓީމުގެ ކޭމްޕު ދޫކޮށް ގޮސްފައެވެ.
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮކްޓޯބަރު 9، 2026 ގައި ނިންމި ނިންމުމަކާ ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ދޮސް ސަންތޯސް އަވޭރޯއާ ދެކޮޅަށް އަދަބީ ފިޔަވަޅު އެޅުމުގެ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ. އެ ފެޑަރޭޝަނުގެ ގަވާއިދުގައިވާ ގޮތުން ޤައުމީ ޓީމުގެ ހަރަކާތްތައް ދޫކޮށްދާ ކުޅުންތެރިއަކަށް މަހަކާއި ހަ މަސްދުވަހާ ދެމެދުގެ މުއްދަތެއްގެ ސަސްޕެންޝަނެއް އަތުވެދާނެއެވެ.
Ads by BMLކޭމްޕު ދޫކޮށް ދިއުމަށްފަހު ސަޢޫދީ ޢަރަބިއްޔާގެ އަލް ނަޞްރަށް އެނބުރި ގޮސް، ދިރިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި 3-0 އިން މޮޅުވި މެޗުގައި ލަނޑު ޖެހި ރޮނާލްޑޯ ވަނީ ކޯޗު ޖީސަސް އޭނާއަށް ވި ވައުދުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް، ކޭމްޕު ދޫކޮށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، ޓީމުގެ ކުޅުންތެރިންގެ ކިބައިން މާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ.
އަދި ޓީމުގެ ކެޕްޓަނަށްވުމުން އެކަމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާނެ ކަމަށާއި، ފެޑަރޭޝަނުން ދޭ ކޮންމެ އަދަބަކާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށްވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ. ޤައުމީ ޓީމަށް 234 މެޗު ކުޅެދީ 146 ލަނޑު ޖަހައި، މިއަހަރު 6 ވަނަ ވޯލްޑް ކަޕްގައި ކުޅެފައިވާ ރޮނާލްޑޯ ވަނީ ކުރިއަށް އޮތް ތަނުގައިވެސް ޕޯޗުގަލްއަށް ކުޅެން ބޭނުންވާކަން ހާމަކޮށްފައެވެ.
Ads by MACL
