އުމުރުން 41 އަހަރުގައި ކިޕްޗޯގޭ މެލްބަން މެރަތަންގެ ކޯސް ރެކޯޑު މުގުރާލައިފި
އޮލިމްޕިކްސްގައި ދެ ފަހަރު ރަން މެޑަލް ހޯދާފައިވާ ކެންޔާގެ ދުވުންތެރިޔާ އެލިއުޑް ކިޕްޗޯގޭ، އުމުރުން 41 އަހަރުގައި މެލްބަން މެރަތަން ކާމިޔާބުކޮށް އެ މުބާރާތުގެ ކޯސް ރެކޯޑު މުގުރާލައިފިއެވެ.
އޭނާ މި ރޭސް ނިންމާފައިވަނީ 2 ގަޑިއިރާއި 9 މިނެޓު އަދި 10 ސިކުންތުންނެވެ. މިއީ އޭނާގެ ކެރިއަރުގައި ހޯދި 17 ވަނަ މެރަތަން ކާމިޔާބީއަށްވާއިރު، މިއީ 2023 ވަނަ އަހަރުގެ ބާލިން މެރަތަންއަށްފަހު އޭނާ މެރަތަންއެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ރޭސް ނިންމުމަށްފަހު ވާހަކަދައްކަމުން ކިޕްޗޯގޭ ބުނީ، އޭނާގެ ހަށިގަނޑު އަދިވެސް ހުރީ އެންމެ ފިޓްކޮށް (ޕީކްގައި) ކަމަށާއި، އާ ޖެނެރޭޝަންގެ (ޖެން-ޒީ) ދުވުންތެރިންނާއެކު ވާދަކުރުމުގެ ގާބިލުކަން އަދިވެސް އެބަހުރި ކަމަށެވެ. އަދި އޭނާއަކީ އެންމެ އުމުރުން ދުވަސްވީ ދުވުންތެރިޔާ ކަމުގައި ވީނަމަވެސް، ހުނަރުވެރި ޒުވާން ދުވުންތެރިންނާއެކު ވާދަކުރެވޭތީ އުފާކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
Ads by BMLމި މެރަތަންގެ މަގުތައް ބައްޓަންކުރެވިފައިވަނީ އޮސްޓްރޭލިއާގެ ފޯމިއުލާ ވަން ޓްރެކް ހިމެނޭ އަލްބަޓް ޕާކް ސަރަހައްދުން ގޮސް، މަޝްހޫރު މެލްބަން ކްރިކެޓް ގްރައުންޑް (އެމްސީޖީ) އަށެވެ. ކިޕްޗޯގޭ ބުނީ ފޯމިއުލާ ވަން ޓްރެކެއްގައި ދުވެ، ކްރިކެޓް ގްރައުންޑަކަށް ރޭސް ނިންމާލަން ލިބުމަކީ ތަފާތު އަދި ފުރިހަމަ ތަޖުރިބާއެއް ކަމަށާއި، މަގުމަތިން ސަޕޯޓަރުން ދިން ހިތްވަރާއި ތަރުހީބަށް ޝުކުރުއަދާކުރާ ކަމަށެވެ.
މި މުބާރާތުގެ ފިރިހެން ބައިގެ ދެވަނަ ހޯދާފައިވަނީ އޮސްޓްރޭލިއާގެ ތޯމަސް ދޯ ކާންޓޯ (2:10:35) އެވެ. އަދި ތިންވަނަ ހޯދީ އޮސްޓްރޭލިއާގެ ރީސް އެޑްވާޑްސްއެވެ. އަންހެން ބައިގެ ފުރަތަމަ މަގާމު ނިއުޒީލޭންޑްގެ ކެމީލް ފްރެންޗް (2:28:25) ހޯދިއިރު، ދެވަނަ ހޯދީ އޮސްޓްރޭލިއާގެ ސިނޭޑް ޑައިވަރެވެ. އަދި ތިންވަނައަށް ދިޔައީ އަޔަރލޭންޑްގެ ނިކޯލާ ޝެރިޑަންއެވެ.
މެލްބަން މެރަތަންއަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ހަތް ބައްރުގައި މެރަތަން ދުވުމަށް ކިޕްޗޯގޭ ފަށާފައިވާ "ވޯލްޑް ޓުއާ" ގެ ތިންވަނަ މެރަތަންއެވެ. މިއީ އެންޓާކްޓިކާ ހިމެނޭހެން ބާއްވާ ޓުއާއެކެވެ. މި ދުވުންތަކުން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ތައުލީމާއި، ތިމާވެށި ރައްކާތެރިކުރުމާއި ސިއްހީ ދާއިރާއަށް އެހީތެރިވާ "އެލިއުޑް ކިޕްޗޯގޭ ފައުންޑޭޝަން" އަށެވެ.
ތާރީޚުގައި އުފެދުނު އެންމެ މޮޅު ދުރުރާސްތާ ދުވުންތެރިންގެ ތެރޭގައި ހިމެނޭ ކިޕްޗޯގޭ ވަނީ އޮލިމްޕިކްސްގެ މެރަތަންއިން ދެ ރަން މެޑަލްގެ އިތުރުން 5000 މީޓަރު ދުވުމުން ރިއްސާއި ބްރޮންޒް މެޑަލް ހޯދާފައެވެ. އަދި ދުނިޔޭގެ މޭޖަރ މެރަތަންތަކުން 12 ވަނަ ހޯދައި، ރަސްމީ ދެ ދުނިޔޭގެ ރެކޯޑުވެސް ގާއިމުކޮށްފައިވެއެވެ. އޭގެ އިތުރުން 2019 ވަނަ އަހަރު ވިއޭނާގައި ބޭއްވި ހާއްސަ އިވެންޓެއްގައި ދެ ގަޑިއިރަށްވުރެ އަވަހަށް (1:59:40 އިން) މެރަތަން ނިންމި ފުރަތަމަ އިންސާނާއަކީވެސް އޭނާއެވެ.
Ads by MACL
