ޖުވާގެ އަވާގައިޖެހި ދިރިއުޅުން ބަނގުރޫޓްވި ދިވެހި ޒުވާނެއްގެ ދުލުން: "ހިތްފަޅައިގެން ދާވަރުވޭ"
"އަހަރެން މިއަދު މި ހުރީ ހުރިހާ އެއްޗެއް ގެއްލި، މުޅި ދިރިއުޅުން ސުންނާފަތިވެފައިވާ ހާލުގައެވެ. އަތުގައި ލާރިއެއް ނެތެވެ. އިތުބާރުކުރާނެ އެކުވެރިއެއް، އާއިލާގެ މީހެއް ނެތެވެ. މި ހުރިހާ ކަމެއްގެ ފެށުމަކީ ހަމައެކަނި ފޯނުން ކުޅެލި ކުޑަކުޑަ 'ބެޓިން' ގޭމެކެވެ."
މިއީ އުމުރުން އެންމެ 28 އަހަރުގެ ދިވެހި ޒުވާނަކު، ކަރުނައަޅަމުން އޭނާގެ ހިތާމަވެރި ތަޖުރިބާ ހިއްސާކުރަން ފެށި ގޮތެވެ. މިއަދު އޭނާގެ ދިރިއުޅުން މިވަނީ ބަނގުރޫޓުވެ، އަނދަވަޅަކަށް ވެއްޓިފައެވެ.
މަޖަލަކުން ފެށި ކުޑަގޭމެއް
"އަހަރެންނަށް ޖުވާގެ ތެރެއަށް ވަދެވުނީ މީގެ ތިން އަހަރު ކުރިންނެވެ. ފުރަތަމަ ފެށީ ރައްޓެހިންނާ އެކު ފުޓްބޯޅަ މެޗުތަކަށް ކުދި އަދަދުތަކުން ބެޓްކޮށްގެންނެވެ. ސަތޭކަ ރުފިޔާ ލައިގެން އެއްހާސް ރުފިޔާ ލިބުނު ދުވަހު އަހަންނަށް ހީވީ މިއީ ވަރަށް ފަސޭހައިން ފައިސާ ހޯދިދާނެ މަގެއް ކަމަށެވެ. އެ ހިސާބުން ފޯނަށް އެކި ކަހަލަ އޮންލައިން ކެސީނޯ އެޕްތައް އަޅައި، މެޗުތަކުގެ އިތުރުން ރޫލެޓާއި ތާސްބައިގެ އެކި ގޭމުތައް ކުޅެން ފެށީމެވެ.
ފުރަތަމަކޮޅު މޮޅުވެސް ވިއެވެ. އެކަމަކު އެއީ އަހަރެން މި މަޅީގައި ބެއްދުމަށް ޖެހި ކުޑަ ކުޑަ ކާނާކޮޅެއް ކަމެއް އޭރަކު ނުވިސްނުނެވެ."
ގެއްލުން ފޫބައްދަން އުޅުނު ވަރަކަށް ފުންވަމުންދިޔަ އަނދަވަޅު
"ޖުވާގެ އެންމެ ބިރުވެރި ކަމަކީ އެއްފަހަރު ބަލިވުމުން، އެ ގެއްލުނު ފައިސާ ހޯދަން އަނެއްކާވެސް ކުޅެން މަޖުބޫރުވާ ކަމެވެ. އެއްދުވަހަކު އަހަރެންގެ އަތުން ވިހިހާސް ރުފިޔާ ގެއްލުނެވެ. އެ ފައިސާ އަނބުރާ ހޯދަން ވެގެން، މުސާރައިގެ ބާކީ ހުރި ބައި އެއްކޮށް އެޅީމެވެ. އެވެސް ދިޔައީއެވެ.
Ads by BMLއެ ހިސާބުން ފެށުނީ ދޮގުހެދުމާއި ދަރަނިވެރިވުމުގެ ދިގު ސިލްސިލާއެވެ. ރައްޓެހިން ކައިރިން 'ބޭސްފަރުވާއަކަށޭ' ނުވަތަ 'ކުއްލި ކަމެއް ދިމާވެގެންނޭ' ކިޔައިގެން ލައްކައިން ލޯނު ނަގަން ފެށީމެވެ. ބޮޑު އިންޓްރެސްޓުގައި ލާރި ދޭ މީހުން އަތުން ފައިސާ ނަގައިގެން ޖުވާ ކުޅުނީމެވެ. ކޮންމެ ފަހަރަކުވެސް ހިތަށްއަރަނީ، 'މިފަހަރު މޮޅުވެއްޖެއްޔާ ހުރިހާ ދަރަންޏެއް ދައްކާފައި މިކަން ހުއްޓާލާނީ' ކަމަށެވެ. އެކަމަކު އެ ދުވަހެއް ދުވަހަކުވެސް ނައެވެ."
އަގުބޮޑު ގުރުބާނީ: ގެއްލުނީ ހަމައެކަނި ފައިސާއެއް ނޫން
"މި ވަސްވާހުގައި ޖެހި، އަހަރެންގެ ވަޒީފާ ގެއްލުނެވެ. އޮފީހުގައި ހުންނައިރުވެސް ވިސްނެނީ ފޯނުގެ ސްކްރީނަށް ބަލައިގެން ބެޓް ކުރާނެ ގޮތަކަށެވެ. ނިދުމެއް، ކެއުމެއް ނެތެވެ.
އެންމެ ބޮޑު ހިތާމައަކީ އަހަރެންގެ އަނބިދަރިންނާއި މައިންބަފައިންގެ އިތުބާރު ގެއްލުމެވެ. އަހަރެން ދަރަނިވެރިވެ، ގެއަށް މީހުން އައިސް ބިރުދައްކަން ފެށުމުން އަނބިމީހާ ދަރިފުޅު ގޮވައިގެން ވަކިވީއެވެ. މަންމަގެ ރަން ގަހަނާތައް ވަގަށް ވިއްކާލި ދުވަހު މަންމަ ރުއި ރުއިން އަދިވެސް އަހަރެންގެ ކަންފަތުގައި ގުގުމައެވެ. އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ރުޅިއާދެއެވެ. އެތައް ފަހަރަކު އަމިއްލައަށް މަރުވާންވެސް ހިތަށްއެރިއެވެ. ހިތްފަޅައިގެން ދާވަރުވެއެވެ."
އެހެން ޒުވާނުންނަށް ދޭނެ މެސެޖެއް
މިއަދު މި ޒުވާނާ ހުރީ ޖުވާގެ އަޅުވެތިކަމުން ސަލާމަތްވުމަށް އެހީތެރިކަން ހޯދުމުގެ މަގުމަތީގައެވެ. ނަމަވެސް ބޮލުގައި އެޅިފައިވާ މިލިއަނެއްހާ ރުފިޔާގެ ދަރަންޏާއި، ގެއްލިގެންދިޔަ އަބުރާއި އިއްޒަތް އަނބުރާ ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.
"އަހަރެންގެ އާދޭހަކީ އެއްވެސް ކޮއްކޮއެއް، އެކުވެރިއެއް މި މަގު އިޚްތިޔާރު ނުކުރާށެވެ. 'މަޖަލަކަށް' ނުވަތަ 'އެއްފަހަރު' ކަމަށް ހީކޮށް ޖަހާ ބެޓަކީ، މުޅި ދިރިއުޅުން އަނދާ އަޅިއަށް ހަދާލާނެ އަލިފާންކަންޏެކެވެ. ފަސޭހައިން ލިބޭނެ ހަލާލު ނޫން އެންމެ ފައިސާފޮއްޗެއްވެސް ނޯންނާނެއެވެ. އަހަރެންގެ މި ބިރުވެރި ހާލަތުން އިބުރަތް ހާސިލްކުރާށެވެ."
Ads by MACL
