ދިއްދޫ އަތުން ބަލިވާންދަނިކޮށް ފަހު މިނެޓުގައި އީގަލްސް ސަލާމަތްވެއްޖެ
ދިވެހި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ކްލަބް އީގަލްސް އަތުން ތާރީޚީ މޮޅެއް ހޯދުމާ ދިއްދޫއިން ވަރަށް ގާތަށް ޖެހިލާފައި ވަނިކޮށް، މެޗުގެ ފަހު މިނެޓުގައި އީގަލްސްއިން ޖެހި ލަނޑާއެކު 2-2 އިން ދެ ޓީމު އެއްވަރުވެއްޖެއެވެ.
އެއްވަނަ ޑިވިޝަނުގެ ތަޖުރިބާކާރު ޓީމުތަކަށް އަބަދުވެސް އުނދަގޫ ދަނޑެއްގެ ގޮތުގައި ފާހަގަކުރެވޭ ދިއްދޫ ދަނޑުގައި ކުޅުނު މި މެޗުގައި، ލަނޑު ޖަހާނެ އެންމެ ފުރަތަމަ ރަނގަޅު ފުރުސަތެއް ލިބުނީ ދިއްދުއަށެވެ. އެގޮތުން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ގާނާގެ ފޯވާޑް ގިޑިއަން ޓެޓާ ފޮނުވާލި ބޯޅަ، އީގަލްސްގެ ޕާކިސްތާނު ކީޕަރު ސާގިބް ހަނީފް ވަނީ ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު މެޗުގެ ލީޑު ނެގީ އީގަލްސްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް އަމީރު ޝުއައިބު އަލް ސޯދިގް ދިން ތުރޫ ޕާހަކުން، ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން ކަޓުވާލުމަށްފަހު މުހައްމަދު ޖައިލަމް (އޮގީ) އެވެ.
Ads by BMLދެވަނަ ހާފު ފެށިގެން ދިއްދޫއިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. ކެމެރޫންގެ މިޑްފީލްޑަރު ޗިއާ ފީލިކްސް ގުވައިން ދިއްދޫއަށް މި ލަނޑު ޖަހައިދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކީޕަރު ސާގިބަށް އޮޅުވާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މެޗުގެ 66 ވަނަ މިނެޓުގައި އީގަލްސްގެ އަލީ އިޝްފާގް ހަސަން މަޖީދަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން، މެޗުގެ ބޮޑު ބައެއް އެ ޓީމުން ކުޅެންޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މީގެ ފައިދާ ނަގައި މެޗުގެ 74 ވަނަ މިނެޓުގައި އާދަމް ޝިޔާން މުހައްމަދު ނަގައިދިން ހުރަހަކުން ޓެޓާ ވަނީ ދިއްދޫއަށް ލީޑު ނަގައިދީފައެވެ.
ދިއްދޫއިން މެޗުން މޮޅުވާން ދަނިކޮށް އީގަލްސްއިން ނަތީޖާ ހަމަހަމަކުރީ 89 ވަނަ މިނެޓުގައެވެ. މުހައްމަދު ޝަމްހާން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ލައިބީރިއާގެ ފޯވާޑް ވެން ޑޭވް ހާމަން ވަނީ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިފައެވެ.
މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ދިއްދޫގެ ޝިޔާނަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން، ދިއްދޫއިންވެސް މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
Ads by MACL
