ރޮނާލްޑޯއަށް ފީފާއިން ޚާއްޞަ ލުޔެއް ދިން ކަމަށް ބުނެ ސައުތުގޭޓް ފާޑުކިޔައިފި
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދީފައިވާ ސަސްޕެންޝަނަށް ފީފާއިން ލުއިދިން ގޮތާމެދު އިންގްލަންޑްގެ ކުރީގެ ކޯޗު ގަރެތު ސައުތުގޭޓް ސުވާލު އުފައްދައި، ރޮނާލްޑޯއަށް ފީފާއިން ޚާއްޞަ އިނާޔަތްތަކެއް ދެމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ.
މި މައްސަލަ އުފެދުނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައިރްލޭންޑާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި އައިރްލޭންޑްގެ ޑިފެންޑަރު ދާރާ އޯޝޭއަށް އުޅަނބޮޅިން ހަމަލާދިނުމާ ގުޅިގެން ރޮނާލްޑޯއަށް ރަތް ކާޑު ދެއްކި ހާދިސާއިންނެވެ. މި އަމަލުގެ ސަބަބުން ސައުދީ އަރަބިއްޔާގެ އަލް ނަޞްރުގެ ފޯވާޑަށް ތިން މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވިނަމަވެސް، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެ ސަސްޕެންޝަންގެ ތެރެއިން އެއް މެޗު ތަންފީޒުކުރުމަށްފަހު، ބާކީ ދެ މެޗުގެ ސަސްޕެންޝަން އެއް އަހަރުގެ ޕްރޮބޭޝަން މުއްދަތަކަށް ސަސްޕެންޑްކޮށްދީފައެވެ.
މި ނިންމުމުގެ ސަބަބުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުތަކުގައި ކުޅުމުގެ ފުރުޞަތު އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް ވަނީ ތަނަވަސްވެގެން ގޮސްފައެވެ. ނަމަވެސް، މި ކަމާ ގުޅިގެން ފުޓްބޯޅައިގެ އެންމެ ބޮޑެތި ތަރިންނާމެދު އާންމު އުޞޫލުތަކާ ޚިލާފަށް ތަފާތުކުރުންތަކެއް ގެންގުޅޭކަމުގެ ފާޑުކިއުންތައް ފީފާއަށް ވަނީ އަމާޒުވެފައެވެ.
Ads by BML"ދި އަމޯލް ރާޖަން ކޮނެކްޝަން" ޕްރޮގްރާމްގައި ވާހަކަދައްކަމުން ސައުތުގޭޓް ބުނީ، މެޗުތަކުގައި ފިޔަވަޅުއެޅުމުގެ އިޚްތިޔާރު އޮންނަންޖެހޭނީ ރެފްރީންނާއި މިނިވަން ޑިސިޕްލިނަރީ ޕެނަލްތަކަށް އެކަނި ކަމަށާއި، ބޭރުގެ ނުފޫޒުތައް މީގެ ތެރެއަށް ވަދެގެންނުވާނެ ކަމަށެވެ. އަދި ވޯލްޑް ކަޕްގެ ކުރިން ރޮނާލްޑޯގެ ސަސްޕެންޝަން މައްސަލަ އޮއްވައި، ފީފާއާ ގުޅުންހުރި ހަރަކާތެއްގައި އޭނާ ބައިވެރިވިތާ މާގިނަ ދުވަހެއް ނުވެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކުޅުމުގެ ހުއްދަ ލިބިގެންދިއުމަކީ ސުވާލު އުފެދޭ ކަމެއްކަމަށް ސައުތުގޭޓް ފާހަގަކުރިއެވެ.
ސައުތުގޭޓް އިތުރަށް ބުނީ ރޮނާލްޑޯއަކީ މޮޅު ކުޅުންތެރިއެއް ކަމަށް އޭނާ ގަބޫލުކުރި ނަމަވެސް، އެއީ ރޮނާލްޑޯ ނޫން އެހެން އާދައިގެ ކުޅުންތެރިއެއްނަމަ މިފަދަ ލުޔެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިފަދަ ނިންމުންތަކުގެ ސަބަބުން ކުޅިވަރުގެ އަޞްލު ޤަވާޢިދުތަކާއި އިންސާފުވެރިކަމަށް ހުރަސްއެޅި، ކަންކަން އޮޅުންބޮޅުންވެގެންދާ ކަމަށްވެސް އޭނާ ވަނީ އިންޒާރުދީފައެވެ.
ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާގެ ދަށުން އަދަބުތައް ވަގުތީގޮތުން ސަސްޕެންޑްކުރުމުގެ ޤާނޫނީ ބާރު ފީފާއަށް ލިބިދީފައިވާއިރު، ރޮނާލްޑޯއަށް މި ލުއިދިނީ އޭނާ ޤައުމީ ޓީމަށް 200 އަށްވުރެ ގިނަ މެޗު ކުޅެފައިވާއިރު އޭނާގެ ސުލޫކީ ރެކޯޑަށް ބެލުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، މި މައްސަލައިގައި ބޮޑު ބަހުސެއް އުފެދިފައިވަނީ ފީފާއަށް މިފަދަ ބާރެއް އޮތުމުންނެއް ނޫން ކަމަށާއި، މިފަދަ ނިންމުންތައް އެހެން ކުޅުންތެރިންގެ މައްސަލަތަކާ އަޅާބަލާއިރު އިންސާފުވެރިކޮށް ނިންމާފައިވޭތޯ ކުރެވޭ ސުވާލުތަކާ ގުޅިގެންނެވެ.
Ads by MACL
