ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

އޯޓިޒަމް ހުންނަ ފިރިހެން ކުދިން އަންހެން ކުދިނަށްވުރެ ގިނައީ ކީއްވެކަން ސައިންސްވެރިން ހޯދައިފި

އޯޓިޒަމް ހުންނަ ފިރިހެން ކުދިން އަންހެން ކުދިނަށްވުރެ ގިނައީ ކީއްވެކަން ސައިންސްވެރިން ހޯދައިފި

އޯޓިޒަމް ހުންނަ ފިރިހެން ކުދިން އާންމުގޮތެއްގައި އަންހެން ކުދިނަށްވުރެ ގިނައީ ކީއްވެކަން ސައިންސްވެރިން ހޯދައިފިއެވެ.

އޮޓިޒަމް އާންމުކޮށް އަންހެން ކުދިންނަށްވުރެ ފިރިހެން ކުދިންގެ މެދުގައި ގިނައިން ފެންނަން މެދުވެރިވާ ސަބަބާ ބެހޭގޮތުން ސައިންސްވެރިން ކުރަމުންދިޔަ ދިރާސާތަކުން އާ ހޯދުމެއް ފެނިފައިވާއިރު، ސައިންސްވެރިން ބުނާ ގޮތުގައި ފިރިހެން ކުދިންގެ މެދުގައި އޮޓިޒަމް ހުންނަ ނިސްބަތް އަންހެން ކުދިންނަށްވުރެ ހަތަރު ގުނަ އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެކްސް ކްރޮމޯޒޯމްގައިވާ ޖީންއެއްގެ މަސައްކަތަށް އަންނަ ކުޑަ ބަދަލެކެވެ. ފިރިހެން ކުދިންގެ ހަށިގަނޑުގައި އިންނަނީ އެކްސް ކްރޮމޯޒޯމްގެ އެންމެ ކޮޕީއެއް ކަމަށްވުމުން، މިފަދަ ޖެނެޓިކް ބަދަލުތަކުގެ އަސަރު ފިރިހެން ކުދިންނަށް ކުރާ މިންވަރު ބޮޑުވެގެންދެއެވެ.

ބޭލޯ ކޮލެޖް އޮފް މެޑިސިންގެ ރިސާޗަރުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ސިކުނޑީގެ ނިއުރޯންތަކުގެ މަސައްކަތަށް މުހިންމު 'އެމްއީސީޕީ2'  ޖީންގެ މަސައްކަތް ކޮންޓްރޯލްކުރާ ކުޑަކުޑަ ޑީއެންއޭ އަކުރަކަށް އަންނަ ބަދަލެއްގެ ސަބަބުން އެ ޖީންގެ އުފެއްދުންތެރިކަން ތިރީސް އިންސައްތައަށް ދަށްވެގެންދެއެވެ. މިފަދަ ބަދަލެއް އައުމުން ޖީން އެއްކޮށް ހަލާކުނުވި ނަމަވެސް، އެއިން ސިކުނޑީގެ އާންމު ހަރަކާތްތަކަށް ބަދަލުތަކެއް އާދެއެވެ.

މި ދިރާސާގައި އޮޓިޒަމް ހުންނަ އާއިލާތަކުގެ އަށްހާހަށްވުރެ ގިނަ ޖީނޯމް މައުލޫމާތު ބަލައި، ޑީއެންއޭގެ ވަކި ސަރަހައްދުތަކަކަށް އައިސްފައިވާ އާދަޔާޚިލާފު ބަދަލުތައް ވަނީ ދިރާސާކޮށްފައެވެ. އޭގެ ތެރެއިން ފާހަގަކުރެވުނު އެއް ބަދަލަކީ މަންމަގެ ފަރާތުން ފިރިހެން ދަރިފުޅަށް ވާރުތަކޮށްފައިވާ ބަދަލެކެވެ. މަންމަގެ ހަށިގަނޑުގައި ދެ އެކްސް ކްރޮމޯޒޯމް އިނުމުގެ ސަބަބުން މި ބަދަލުގެ އަސަރު މަންމައަށް ނުކުރި ނަމަވެސް، އެންމެ އެކްސް ކްރޮމޯޒޯމެއް އިނުމުގެ ސަބަބުން ފިރިހެން ދަރިފުޅަށް އޭގެ އަސަރުކޮށް އޮޓިޒަމް އަދި އޭޑީއެޗްޑީގެ އަލާމާތްތައް ފެނިފައިވެއެވެ.

ލެބޯޓްރީގައި އިންސާނާގެ ނިއުރޯންތައް ބޭނުންކޮށްގެން ކްރިސްޕަރ ޓެކްނޮލޮޖީގެ އެހީގައި ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި، ޑީއެންއޭގެ އެންމެ އަކުރަކަށް އަންނަ މި ބަދަލުގެ ސަބަބުން ޖީންގެ މަސައްކަތް ފަށައިދޭ ޕްރޮޓީންތައް ގުޅޭ މިންވަރު ދަށްވެއެވެ. މީގެ އިތުރުން ސިކުނޑީގެ ކޮންޓްރޯލް ސިސްޓަމްގެ ބްރޭކެއްގެ ގޮތުގައި މަސައްކަތްކުރާ ސަރަހައްދަކަށް އަންނަ ބަދަލަކުންވެސް ޖީންގެ މަސައްކަތްތަކަށް ބަދަލުުއަންނަކަން ވަނީ ދެނެގަނެވިފައެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މިއީ  ފިރިހެން ކުދިންގެ މެދުގައި އޮޓިޒަމް ގިނަވާ ސަބަބު ދެނެގަތުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. ނަމަވެސް މިއީ އަދި ހޯދުންތަކުގެ ފެށުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި މުޅި ޖީނޯމް ސީކުއެންސްކޮށްގެން އިތުރު އާއިލާތަކުގެ މައުލޫމާތު ދިރާސާކުރުމުން މިކަމާ ބެހޭ އިތުރު ތަފްސީލުތައް ހާމަވެގެންދާނެއެވެ.

ލައިފްސްޓައިލް

އިތުރަށް ←