ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ސަސްޕެންޝަނުގައި ހުރި ނަމަވެސް ރޮނާލްޑޯއަކީ ޕޯޗުގަލްގެ އެންމެ ބޮޑު ރަމްޒު: ފެޑެރޭޝަން

ސަސްޕެންޝަނުގައި ހުރި ނަމަވެސް ރޮނާލްޑޯއަކީ ޕޯޗުގަލްގެ އެންމެ ބޮޑު ރަމްޒު: ފެޑެރޭޝަން

ކޯޗާއެކު ޚިޔާލުތަފާތުވުންތަކެއް އުޅުނު ނަމަވެސް، ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އަދިވެސް ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމަށް ނުހަނު މުހިންމު ކުޅުންތެރިއެއް ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޕެޑްރޯ ޕްރޮއެންސާ ވިދާޅުވެއްޖެއެވެ.

ޕްރޮއެންސާ ވިދާޅުވީ، ރޮނާލްޑޯއާއި ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގައުމީ ޓީމުގެ ކެޕްޓަން އެނބުރި ޓީމާ ގުޅޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ މެޗުތަކުގައި ކުޅެން ލިބޭ ވަގުތު މަދުވުމާ ގުޅިގެން ކޯޗާ ދެބަސްވެ، އެންމެ ފަހުން ބޭއްވި އިންޓަނޭޝަނަލް ބްރޭކްގައި ޕޯޗުގަލްގެ ކޭމްޕު ދޫކޮށް ގޮސްފައެވެ. މި މައްސަލައާ ގުޅިގެން ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތީގޮތުން ސަސްޕެންޑްކޮށްފައިވާއިރު، ފައިނަލް އަދަބެއް އަދި އިއުލާނެއް ނުކުރެއެވެ.

ރޮނާލްޑޯ އުފަން ރަށް ކަމަށްވާ ފުންޗަލްގެ ޓައުން ހޯލްގައި ބޭއްވި ފެޑެރޭޝަންގެ ހަރަކާތެއްގައި ވާހަކަދައްކަވަމުން ޕްރޮއެންސާ ވަނީ ރޮނާލްޑޯއަކީ ޕޯޗުގީޒް ފުޓްބޯޅައިން އުފެއްދި އެންމެ ބޮޑު ރަމްޒު ކަމަށާއި، އޭނާއަކީ ޓީމުގެ މުހިންމު ބައިތަކުގެ ތެރެއިން އެއް ބައި ކަމަށް ސިފަކުރައްވާފައެވެ. އަދި ފާއިތުވި ސީޒަނުގައި އަލް ނަސްރުގައި ރޮނާލްޑޯގެ ކޯޗުކަން ކޮށް ސައުދީ ޕްރޯ ލީގު ކާމިޔާބުކޮށްދިން ޖީސަސްއާ ދެމެދު އޮތް ޚިޔާލުތަފާތުވުން ހައްލުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ރޮނާލްޑޯ ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އޭނާ ކޭމްޕު ދޫކޮށް ދިޔައީ ކޯޗު ޖީސަސް އޭނާއަށް ދިން ވައުދާ ޚިލާފުވުމުންނެވެ. އެ ބަޔާނުގައި ފެޑެރޭޝަނުން ކަނޑައަޅާ ކޮންމެ އަދަބެއް ގަބޫލުކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް، ގައުމީ ޓީމަށް އަދިވެސް ކުޅެން ބޭނުންވާކަން ރޮނާލްޑޯ ވަނީ ހާމަކޮށްފައެވެ.

އަންނަ ނޮވެމްބަރު މަހު ޔޫއެފާ ނޭޝަންސް ލީގުގައި ޑެންމާކް އަދި ވޭލްސްއާ ދެކޮޅަށް ޕޯޗުގަލް ދެ މެޗު ކުޅެން ހަމަޖެހިފައިވާއިރު، މި މެޗުތަކަށް ރޮނާލްޑޯ އެނބުރި ޓީމަށް އަންނާނެތޯ ބެލުމަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފައެވެ.

 

ކުޅިވަރު

އިތުރަށް ←