މެސީގެ ނަމުން ނަންދީފައިވާ ދިރޭތަކެތީގެ އަދަދު 6 އަށް އަރައި، އޭނާގެ އަމިއްލަ ގިނިސް ރެކޯޑު މުގުރާލައިފި
ލިއޮނަލް މެސީގެ ނަމުން ނަންދީފައިވާ ދިރޭތަކެތީގެ އަދަދު 6 އަށް އަރައި، އޭނާގެ އަމިއްލަ ގިނިސް ރެކޯޑު މުގުރާލައިފިއެވެ.
ތަފާތު ދިރޭ ތަކެއްޗަށް މެސީގެ ނަމުން ނަންދެމުންދާއިރު، އެންމެ ފަހުން އޭނާއަށް ނިސްބަތްކޮށް ނަންދީފައިވަނީ ޕެރޫގެ އެންޑީޒް ފަރުބަދަތަކުގެ ސަރަހައްދުން އަލަށް ފެނުނު ގަހަކަށެވެ. މިއާއެކު، އޭނާގެ ނަމުން ނަންދީފައިވާ ދިރޭތަކެތީގެ އަދަދު 6 އަށް އަރައި، ދުނިޔޭގެ އެންމެ ގިނަ ދިރޭތަކެއްޗަށް ނަންދެވިފައިވާ ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އޭނާ ގާއިމުކޮށްފައިވާ ގިނިސް ވޯރލްޑް ރެކޯޑު ވަނީ އިތުރަށް ފުޅާވެފައެވެ.
ޕެރޫގެ ފަރުބަދަމަތީގެ އުސް އަދި ހިކި ސަރަހައްދުތަކުން ފެނުނު މި ގަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ސަލްވިއާ މެސީ" އެވެ. މިންޓް ނުވަތަ ކުދީނާ ފެމިލީއަށް ނިސްބަތްވާ މި ގަހުގެ މަލުގައި ހުންނަނީ މަޑު ނޫކުލައާއި ހުދުކުލައެވެ. މިއީ އާޖެންޓީނާގެ ގައުމީ ދިދައިގެ ކުލަތަކާ ވަރަށް އެއްގޮތް ކުލަތަކެއް ކަމަށްވާތީ، މިއީ މެސީއަށް ދެވުނު ވަރަށް ޚާއްޞަ ރަމްޒީ ޝަރަފެއްގެ ގޮތުގައި ދިރާސާވެރިން ފާހަގަކުރެއެވެ.
Ads by BMLޕެރޫގެ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސަން މާކޯސްގެ ނެޗުރަލް ހިސްޓްރީ މިއުޒިއަމްގެ ދިރާސާވެރިޔާ ޕޯލް ގޮންޒާލެސް އަދި އާޖެންޓީނާގެ ދިރާސާވެރިއެއް ކަމަށްވާ ރޯލާންޑޯ އުރިއާ ހިމެނޭ ޓީމަކުން ކުރި މި ހޯދުން ޝާއިއުކޮށްފައިވަނީ ބޮޓަނިކަލް ޖަރނަލް "ފިޓޯޓެކްސާ" ގައެވެ. ދިރާސާވެރިން ބުނާގޮތުގައި 2,000 އާއި 2,400 މީޓަރާ ދެމެދުގެ އުސްމިނުގައި ހެދޭ މި ގަހަކީ މިހާރު ނެތިދިއުމުގެ ބިރުބޮޑުވެފައިވާ ބާވަތެކެވެ.
މެސީގެ ނަމުން މީގެ ކުރިން ނަންދީފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ލިޒާޑެއްގެ ބާވަތެއް ކަމަށްވާ "ލިއޮލޭމަސް މެސީ" އާއި، ފަންގަސްއެއްގެ ބާވަތެއް ކަމަށްވާ "ސަރކޯޕެމައިސީސް މެސީ" ގެ އިތުރުން މަކުނުގެ ބާވަތަކާއި، ފޮސިލް ބްރެކިއޯޕޮޑް އަދި ފޮސިލް ކޮންޑޯއެކެވެ. މި އަހަރު ފެނުނު "ސަލްވިއާ މެސީ" އާއެކު، މެސީގެ ނަމުން ނަންދެވިފައިވާ ދިރޭތަކެތީގެ ތެރޭގައި ޖަނަވާރާއި، ފޮސިލް، ފަންގަސް އަދި ގަސްގަހާގެހި ވަނީ ހިމެނިފައެވެ.
Ads by MACL
