ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑް ދުނިޔެ ދުއް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ މެސީއަށް ލިބިއްޖެ
އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް އަދި އިންޓަ މިއާމީގެ ކެޕްޓަން ލިއޮނެލް މެސީއަށް ސްޕެއިންގެ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށްވާ 2026 ވަނަ އަހަރުގެ "ޕްރިންސެސް އޮފް އަސްޓޫރިއަސް އެވޯޑް ފޯ ސްޕޯޓްސް" ދީފިއެވެ. މި އެވޯޑު މެސީއަށް ދީފައިވަނީ ސްޕެއިންގެ އޮވިއެޑޯގެ ތާރީޚީ ކަމްޕޯއާމޯރު ތިއޭޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އިނާމަކީ މެސީގެ ތާރީޚީ ކާމިޔާބީތަކާއި، ކުޅިވަރުގެ ތެރޭގައި ދެއްކި ކެތްތެރިކަމާއި، ޓީމު ވޯކަށް ދިން އިސްކަމާއި، އަދި އޭނާގެ އަޚްލާޤީ މަތިވެރި ސިފަތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ އިނާމެކެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިއަކަށް ވަކި ފަރުދީ ގޮތުން މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.
ކުޅިވަރުގެ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން، މެސީ ކުރިއަށްގެންދާ އިޖުތިމާއީ އަދި ދީލަތި އެހީތެރިކަމުގެ މަސައްކަތްތަކަށްވެސް މި އެވޯޑު ދިނުމުގައި ބަލާފައިވެއެވެ. އެގޮތުން ޔުނިސެފް އަދި "ލިއޯ މެސީ ފައުންޑޭޝަން" މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ނިކަމެތި ކުދިންނަށް ތަޢުލީމާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ކުރަމުންދާ މަސައްކަތްތައް ޖޫރީން ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައެވެ.
Ads by BMLމި އެވޯޑު ލިބުމާ ގުޅިގެން މެސީ ބުނެފައިވަނީ، ސްޕެއިނަކީ އޭނާގެ ޙަޔާތުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ޤައުމެއް ކަމަށާއި، މި އިނާމަކީ އޭނާއަށް ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ. އަދި އޭނާގެ ކުޅިވަރު ޙަޔާތުގައި ބައްޕަ ދިން ހެޔޮ ނަޞޭޙަތްތަކާއި ބާސެލޯނާ ސިޓީއާއެކު އޮތް ޚާއްޞަ ގުޅުންވެސް އޭނާ ހަނދާންކޮށްފައިވެއެވެ.
"ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑުގެ ތެރޭގައި މަޝްހޫރު އާޓިސްޓް ޖޯން މިރޯ ފަރުމާކޮށްފައިވާ ޚާއްޞަ ބުދަކާއި، ޑިޕްލޮމާއަކާއި، އިންސިގްނިއާއެއްގެ އިތުރުން 50,000 ޔޫރޯގެ ފައިސާގެ އިނާމެއް ހިމެނެއެވެ. މި އެވޯޑަކީ ކުޅިވަރުގެ އިތުރުން ސައިންސާއި، އަދަބިއްޔާތާއި، އިޖުތިމާއީ ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރާ ފަރާތްތަކަށް ސްޕެއިންއިން އަހަރަކު އެއްފަހަރު އަރުވާ އެންމެ އުފާވެރި އެއް ޝަރަފެވެ.
Ads by MACL
