ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ރޮނާލްޑޯއާއި އެމްބާޕޭގެ ސިފަތަކުގައި ހުރި އެންމެ ބޮޑު ތަފާތު ކާވަލިއޯ ހާމަކޮށްފި

ރޮނާލްޑޯއާއި އެމްބާޕޭގެ ސިފަތަކުގައި ހުރި އެންމެ ބޮޑު ތަފާތު ކާވަލިއޯ ހާމަކޮށްފި

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ކާމިޔާބީގެ ފަހަތުގައިވާ ނަފްސާނީ އަދި މިޒާޖީ ސިފަތަކުގައި ހުރި އެންމެ ބޮޑު ތަފާތަކީ އެ ދެ ކުޅުންތެރިންގެ "އީގޯ" ނުވަތަ އަމިއްލަ ނަފްސަށް އޮންނަ އިއްޒަތާއި ބޮޑުކަން ބައްޓަންކުރި ގޮތް ކަމަށް ދެ ކުޅުންތެރިންނާއެކު ވެސް ކުޅެފައިވާ ޕޯޗުގަލްގެ ކުރީގެ ޑިފެންޑަރު ރިކާޑޯ ކާވަލިއޯ ބުނެފިއެވެ.

ރެއާލް މެޑްރިޑާއި ޕޯޗުގަލް ގައުމީ ޓީމުގައި ރޮނާލްޑޯއާއެކު ކުޅުމުގެ އިތުރުން މޮނާކޯގައި އެމްބާޕޭގެ ކެރިއަރުގެ ކުރީކޮޅު އެކުގައި މަސައްކަތްކުރި ކާވަލިއޯ "ލާ ވަންގުއާޑިއާ" އަށް ދިން އިންޓަވިއުއެއްގައި ބުނީ، ދެ ކުޅުންތެރިންގެ ކިބައިގައި ވެސް ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ދެމިތިބުމަށް ބޭނުންވާ ފާހަގަކޮށްލެވޭ ހުނަރާއި ބޮޑު އުންމީދެއް އޮތް ކަމަށެވެ. އަދި އެމްބާޕޭ ކުޑައިރުއްސުރެ ވެސް ރޮނާލްޑޯއަށް ވަރަށް ބޮޑަށް ސަމާލުކަންދީ، އޭނާއަކީ ނަމޫނާއެއްގެ ގޮތުގައި ދެކުނު ކަންވެސް ކާވަލިއޯ ފާހަގަކުރިއެވެ.

ކާވަލިއޯ ބުނި ގޮތުގައި ރޮނާލްޑޯގެ ކިބައިގައިވާ "އީގޯ" ނުވަތަ އަމިއްލަ ނަފްސަށް އޮންނަ ބޮޑު އިތުބާރަކީ އޭނާގެ ކެރިއަރުގެ ފެށުނީއްސުރެ ވެސް މިޒާޖުގައި ގުދުރަތީ ގޮތުން ހުރި ސިފައެކެވެ. ނަމަވެސް އެމްބާޕޭގެ ކިބައިން ފެނުނީ އޭނާގެ އަމިއްލަ އިތުބާރާއި އީގޯ، ވަކި އަމާޒަކަށް ވާސިލުވުމަށްޓަކައި އަމިއްލައަށް ބައްޓަންކޮށް ތަރުތީބު ކުރަމުންދިޔަ ތަނެވެ.

މޮނާކޯގައި އޭނާ ހުރި ދުވަސްވަރުގެ ހަނދާންތައް ހިއްސާކުރަމުން ކާވަލިއޯ ބުނީ، އެ ކްލަބާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އާކުރުމާމެދު ވިސްނަމުންދިޔަ ދުވަސްވަރު އުމުރުން ވަރަށް ޅަ އެމްބާޕޭއާއެކު ދެކެވުނު ވާހަކައެއް ހަނދާން ހުންނަ ކަމަށެވެ. އެގޮތުން އެމްބާޕޭ އޭރު ވެސް އޭނާގެ ކެރިއަރު ކުރިއަށްގެންދާނެ ގޮތުގެ ސާފު ރޭވުމެއް އޮތް ކަމަށާއި، މޮނާކޯގައި ފުރަތަމަ ކުޅުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު ކްލަބަކަށް ބަދަލުވާން ބޭނުންވާކަން އޭރު ވެސް ވަރަށް ޔަގީންކަމާއެކު އެމްބާޕޭ ބުނެފައިވާ ކަމަށް ކާވަލިއޯ ހާމަކުރިއެވެ.

ކާވަލިއޯ ފާހަގަކުރި ގޮތުގައި ދެ ކުޅުންތެރިންގެ ނަފްސާނީ އަދި މިޒާޖީ ބައްޓަން ތަފާތުވި ނަމަވެސް، ދެ ކުޅުންތެރިން ވެސް ދުނިޔޭގެ އެންމެ މަތީ ފެންވަރަށް ވާސިލުވީ އެ މީހުންގެ ކިބައިގައި ހުރި ވަރުގަދަ އަޒުމާއި، އަމިއްލަ ނަފްސަށް އޮތް ބޮޑު އިތުބާރުގެ ސަބަބުންނެވެ. އަދި ރޮނާލްޑޯގެ ފިޔަވަޅުމަތިން ހިނގައި، ރެއާލް މެޑްރިޑަށް ބަދަލުވެ އެމްބާޕޭ ވެސް މިހާރު ދަނީ ދުނިޔޭގެ ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ.

ކުޅިވަރު

އިތުރަށް ←