އިންޖިނިއަރިންގް ޑިގްރީއެއް ނެތި 13 އަހަރުގެ މަސައްކަތުން އިންޑިއާ މީހަކު އުދުހޭ އިލެކްޓްރިކް ކާރެއް އުފައްދައިފި
އިންޑިއާގެ އުއްތަރާކަންޑްގެ އަލްމޯރާ ސަރަޙައްދަށް ނިސްބަތްވާ ރަވީ ތަމްތާ ނަމަކަށް ކިޔާ މީހަކު، ސައިންސް ނުވަތަ އެންޖިނިއަރިންގް ދާއިރާއިން އެއްވެސް ރަސްމީ ތަޢުލީމެއް ނެތި، 13 އަހަރު ދުވަހުގެ އަމިއްލަ ދިރާސާއާއި ތަޖުރިބާތަކަށްފަހު އުދުހޭ އިލެކްޓްރިކް ކާރެއްގެ ޕްރޮޓޯޓައިޕް އުފައްދައިފައެވެ.
ބެޗްލަރ އޮފް އާޓްސް (ބީއޭ) އިން ޑިގްރީ ހާސިލުކޮށްފައިވާ ރަވީ ތަމްތާއަކީ މެކޭނިކެއްގެ ދަރިއެކެވެ. އޭނާ މި އީޖާދީ މަސައްކަތަށް ބޭނުންވާ ފަންނީ މައުލޫމާތާއި ހުނަރު ހޯދާފައިވަނީ އިންޓަރނެޓާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް އަމިއްލައަށް ދަސްކޮށްގެންނެވެ.
"ހަޕިޑާ ސުކައިނެކްސް" ގެ ނަން ދީފައިވާ، އެކަކަށް މައްޗަށް އަރައި ދުއްވޭ މި އުޅަނދުގެ ފުރަތަމަ ޓެސްޓް ފްލައިޓް މި އަހަރުގެ އޯގަސްޓް މަހު އަލްމޯރާގައި އޮންނަ އާމީ ހެލިޕެޑެއްގައި ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި އުޅަނދަކީ ސީދާ މައްޗަށް އަރައި ތިރިކުރެވޭ (eVTOL) ގޮތަށް ފަރުމާކޮށްފައިވާ، ބެޓެރިއާއި މޯޓަރު އަދި ޕްރޮޕެލަރ ބޭނުންކޮށްގެން ދުއްވާ އުޅަނދެކެވެ.
Ads by BMLމިފަދަ އުޅަނދެއް އުފެއްދުމުގެ ޚިޔާލު ރަވީއަށް އައީ 2015 ވަނަ އަހަރު، އޭނާ ދިރިއުޅޭ ފަރުބަދަމަތީ ސަރަޙައްދުތަކުގައި ދަތުރުފަތުރުކުރުމަށް ހުންނަ އުނދަގޫތަކާއި، އެމަރޖެންސީ ޙާލަތްތަކުގައި ހޮސްޕިޓަލްތަކަށް މީހުން ގެންދިއުމަށް ނަގާ ގިނަ ވަގުތުތަކަށް ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ. އެގޮތުން އެއްގަމު މަގުން 90 މިނެޓުން ކުރެވޭ ދަތުރުތައް ވައިގެ މަގުން 10 ނުވަތަ 15 މިނެޓަށް ކުރުކޮށްލުމަކީ އޭނާގެ އަމާޒެކެވެ.
މި އިލެކްޓްރިކް ފްލައިން ކާރުގެ އިތުރުންވެސް ރަވީ ވަނީ ފޯނު ޗާޖުކުރެވޭ އަންގީއާއި، ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ޚާއްޞަ ސްމާޓް އަސާ އަދި އެހެނިހެން ބައެއް އީޖާދުތައް އުފައްދާފައެވެ. އޭނާ އުފެއްދި ފްލައިން ކާރު ވިޔަފާރީގެ އުޞޫލުން ބޭނުންކުރުމުގެ ކުރިން އިތުރު ސޭފްޓީ ޓެސްޓްތައް ހަދައި، އިންޑިއާގެ އޭވިއޭޝަން އޮތޯރިޓީ (ޑީޖީސީއޭ) ގެ ހުއްދަތައް ހޯދަންޖެހެއެވެ.
Ads by MACL
