ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި އަންގީލާ ކޮޅަށް ތިން ގޯލު ޖަހައި ރާއްޖެއިން ތާރީޚީ ނަތީޖާއެއް ހޯދައިފި

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން -- ފޮޓޯ: ސަން
ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން -- ފޮޓޯ: ސަން

އަޒަރުބައިޖާނުގެ ބާކޫގައި ކުރިއަށްދާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އަންގީލާއިން ތިން ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ހިތްވަރުގަދަ ކުޅުމަކާއެކު ފަހަތުން އަރައި 3-3 އިން މެޗު އެއްވަރުކޮށް ދިވެހިރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ތާރީޚީ ޕޮއިންޓެއް ކަށަވަރުކޮށްފިއެވެ.

ހޮވްސަން ކޮމްޕެޓިޝަން ކޮމްޕްލެކްސްގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ 23 މިނެޓުގެ ތެރޭގައި އަންގީލާއިން ވަނީ ރާއްޖޭގެ ކޮންޓްރޯލް ގެއްލުވާލައި ބޮޑު ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓާއި 20 ވަނަ މިނެޓުގައި ޖެކޮބް ފްލެމިން ޖެހި ދެ ގޯލުގެ އިތުރުން، 23 ވަނަ މިނެޓުގައި ސްޕޯންޑެލް ޕޮގްސަން ކާމިޔާބުކުރި ގޯލާއެކު އަންގީލާއިން ތިން ގޯލުގެ ނަތީޖާއަކުން ކުރިހޯދިއެވެ.

ނަމަވެސް، މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ދިވެހި ޒުވާން ކުޅުންތެރިން ދެއްކި މޮޅު ކުޅުމާއެކު މެޗުގެ ނަތީޖާ ވަނީ މުޅިން ބަދަލުކޮށްލާފައެވެ. އެގޮތުން 30 ވަނަ މިނެޓުގައި އިބްރާހިމް އިޔާސް ބިން ހަސަން ރާއްޖެއަށް ފުރަތަމަ ގޯލު ޖަހައިދިންއިރު، 35 ވަނަ މިނެޓުގައި ޔޫސުފް ލާއިޤް އިބްރާހިމް ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާގެ ތަފާތު ކުޑަކޮށްދީފައެވެ. އަދި މެޗު ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށް، 39 ވަނަ މިނެޓުގައި މީކާ މުހައްމަދު ކަލީމް ވަނީ ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މަހުގެ 24 އިން 30 އަށް ބޭއްވޭ މި މުބާރާތަކީ ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްޤީކޮށް ބައިނަލްއަޤްވާމީ ތަޖުރިބާ ހޯދައިދިނުމަށް ފީފާއިން އިންތިޒާމުކުރާ މުބާރާތެކެވެ. ފީފާގެ 189 މެންބަރު ގައުމަކުން ބައިވެރިވާ މި މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ކޮންމެ ޓީމެއްގައި އަށް ކުޅުންތެރިން ހިމެނޭހެން، 20 މިނެޓުގެ ދެ ހާފު ކުޅޭ ފޯމެޓަށެވެ.

ކުޅިވަރު

އިތުރަށް ←