ބުދަ، 18 ނޮވެމްބަރު 2026
ކުޅިވަރު

ރޮނާލްޑޯގެ އާމްދަނީ 2 ބިލިއަން ޑޮލަރަށް އަރައިފި، މެސީ އެ އަދަދަށް ވާސިލްވާނެ ކަމަށް ލަފާކުރެވެނީ 2027ގައި

ރޮނާލްޑޯގެ އާމްދަނީ 2 ބިލިއަން ޑޮލަރަށް އަރައިފި، މެސީ އެ އަދަދަށް ވާސިލްވާނެ ކަމަށް ލަފާކުރެވެނީ 2027ގައި

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ލިބުނު ޖުމްލަ އާމްދަނީ 2 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރައި، މި ކާމިޔާބީ ހާސިލުކުރި ފުރަތަމަ އެކްޓިވް އެތުލީޓަށް އޭނާ ވެއްޖެއެވެ.

ފޯބްސް މަޖައްލާގެ އެންމެ ފަހުގެ ރޭންކިންގްސްތަކަށް ހަވާލާދީ ނެރެފައިވާ ރިޕޯޓުތައް ބުނާގޮތުން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީވެސް 2027 ވަނަ އަހަރުގެ ނިޔަލަށް 2 ބިލިއަން ޑޮލަރުގެ އާމްދަނީގެ އިންފާރަށް ވާސިލުވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ޕޯޗުގަލްގެ 41 އަހަރުގެ ފޯވާޑް ރޮނާލްޑޯއަށް ކެރިއަރުގައި މިހާތަނަށް ޖުމްލަ 2.09 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ލަފާކުރެވޭއިރު، އޭނާއަކީ މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާއެވެ. ދެވަނައިގައި 1.97 ބިލިއަން ޑޮލަރާއެކު ގޮލްފް އުސްތާޒު ޓައިގާ ވުޑްސް ހިމެނޭއިރު، މެސީ އޮތީ 1.87 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު ތިންވަނައިގައެވެ.

ރޮނާލްޑޯގެ އާމްދަނީ މިހާ ބޮޑަށް އިތުރުވެގެން ދިޔަ މައިގަނޑު ސަބަބަކީ ސޫދީ ޕްރޯ ލީގުގެ އަލް ނަސްރާއެކު ހަދާފައިވާ އަހަރަކު 200 މިލިއަން ޑޮލަރަށްވުރެ ބޮޑު ކޮންޓްރެކްޓެވެ. ރިއާލް މެޑްރިޑާއި، ޔުވެންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރޮނާލްޑޯ ވަނީ ފާއިތުވި 10 އަހަރު ތެރޭގައި އަހަރަކު މަދުވެގެން 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.

ކެރިއަރުގެ ޖުމްލަ އާމްދަނީ 2 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ދިޔަ ނަމަވެސް، ފޯބްސްއިން ރޮނާލްޑޯގެ މިލްކިއްޔާތު (ނެޓް ވާތް) އަންދާޒާކުރަނީ 1.2 ބިލިއަން ޑޮލަރުގައެވެ. މިދިޔަ ޖޫން މަހު ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދި ރޮނާލްޑޯ، 1.1 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް މެސީއަށްވުރެ ކުރި ހޯދާފައިވާއިރު، ރޮނާލްޑޯ ދަނީ ކްލަބާއި ގައުމީ ޓީމަށް 1،000 ލަނޑު ހަމަކުރުމުގެ ތާރީޚީ ލަނޑުދަނޑިއާވެސް ކައިރިވަމުންނެވެ. އެ ލަނޑުދަނޑިއަށް ވާސިލުވުމަށް އޭނާއަށް މިހާރު ބޭނުންވަނީ އެންމެ 18 ލަނޑެވެ.

އުމުރުން 39 އަހަރުގެ މެސީގެ ކެރިއަރުގެ އާމްދަނީ 2027 ގެ ނިޔަލަށް 2.02 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މި އަހަރު އެކަނިވެސް އޭނާއަށް 145 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ. އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ އިންޓަ މިއާމީއަށް ބަދަލުވުމަށްފަހު، އެޑިޑާސް އާއި އެޕަލް ޓީވީ ފަދަ ސްޕޮންސަރުންނާއެކު ވެވިފައިވާ ރެވެނިއު ޝެއަރިންގ އެއްބަސްވުންތަކުން މެސީއަށް ބޮޑު އާމްދަނީއެއް ލިބެއެވެ.

2023 ވަނަ އަހަރު ޕީއެސްޖީ ދޫކޮށްލުމަށްފަހު ސަދީ އަރަބިއްޔާއިން ހުށަހެޅި އަހަރަކު 400 މިލިއަން ޑޮލަރުގެ ހުށަހެޅުން މެސީ ވަނީ ގަބޫލުނުކޮށް، އިންޓަ މިއާމީއަށް ބަދަލުވާން ނިންމާފައެވެ. މެސީ އެ ކްލަބަށް ގުޅުމާއެކު އިންޓަ މިއާމީގެ އަގު ވަނީ އެމްއެލްއެސްގެ އެންމެ މަތީ އަގު ކަމަށްވާ 1.35 ބިލިއަން ޑޮލަރަށް އުފުލިފައެވެ.

މީގެއިތުރުން، ކުޅުން ހުއްޓާލުމަށްފަހު އިންޓަ މިއާމީގެ ހިއްސާ ގަތުމުގެ ފުރުސަތު މެސީއަށް އޮތްއިރު، އޭނާއަކީ ސްޕެއިންގެ ސީޑީ އެލްޑެންސޭ އާއި ޔޫއީ ކޯނެލާގެ ހިއްސާދާރެއްވެސް މެއެވެ.

 

ކުޅިވަރު

އިތުރަށް ←